ހަމާސްއާއި އިސްރާއީލުގެ އަސްކަރިއްޔާއިން ވޭތުވެދިޔަ ނުވަ މަސް ތެރޭގައި ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 186،000 މީހުން ޝަހީދުވެފައި ނުވަތަ ޝަހީދުވެދާނެ ކަމަށް މަޝްހޫރު ސިއްހީ މަޖައްލާ "ދަ ލާންސެޓު"ން ބުނެފިއެވެ.
"މި ވަގުތު ހަނގުރާމަ ހުއްޓާލި ނަމަވެސް ދިގު މުއްދަތެއްގައި ނުސީދާ ގޮތުން އެތައް ބަޔަކު ޝަހީދުވުން އެކަށީގެންވޭ. އެއީ ބަލިތައް ޖެހިގެން ވެސް އެތައް ބަޔަކު ޝަހީދު ވެދާނެތީ،" އެ މަޖައްލާއިން ރިޕޯޓްކުރިއެވެ.
ދަ ލާންސެޓުން ބުނީ އެކީއެކައްޗަކަށް ބަލައިފިއްޔާ ރަސްމީ ގޮތުން ޝަހީދުވެފައިވާ އަދަދު ކަމަށް ބެލެވޭ 38،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި އަދި ޝަހީދުވަމުން ހިނގައިދާނެ ކަމަށެވެ.
"ސުންނާފަތިވެފައިވާ އިމާރާތްތައް ދަށުގައި އެތައް ހާސް ބަޔަކު ޝަހީދުވެފައިވޭ. ސިއްހީ ހިދުމަތް ދޭ ތަންތަނާއި ކާބޯތަކެތި ފޯރުކޮށްދޭ މަރުކަޒުތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރުތަކަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ވެސް އެތައް ބައެއް ޝަހީދުވުން އެކަށީގެންވޭ،" އެ މަޖައްލާއިން ބުންޏެވެ.
ދަ ލާންސެޓުން ބުނީ ހަނގުރާމައަކީ ނުސީދާ ގޮތެއްގައި ވެސް ސިއްހީ ގޮތުން މީހުންނަށް ނުރައްކާ ކުރާ ކަމެއް ކަމަށެވެ.
"ޣައްޒާގައި ކުރަމުންދާ ހަނގުރާމަ މިއަދުން މިއަދަށް ހުއްޓައިލި ނަމަވެސް ކުރިއަށް އޮތް މަސްތަކާއި އަހަރުތަކުގައި ބަލިމަޑުކަން ފަދަ ނުސީދާ ކަންތައްތަކުން އެތައް ބަޔަކު ޝަހީދުވެގެންދާނެ،" ދަ ލާންސެޓުން ބުންޏެވެ.
ދަ ލާންސެޓުން ބުނީ އެ މަޖައްލާއިން ކުރި ދިރާސާގައި ޣައްޒާއަށް ލިބުނު ގެއްލުންތަކަށް ބެލި ކަމަށެވެ. އެ ގޮތުން ކާބޯތަކެއްޗާއި ބޯފެނާއި ބޯހިޔާވަހިކަމަށް ލިބުނު ގެއްލުންތަކާއި އދ.ގެ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އިދާރާއަށް ގައުމުތަކުން ދޭ ފައިސާ މަދުކޮށްލާފައިވާކަން ފާހަގަ ކުރިއެވެ.
"ފަހުގެ ތާރީހުގައި ހަނގުރާމަތަކުގައި މަރުވާ މީހުންގެ އަދަދު ތިނަކުން 15 ގުނައަށް އަރާ،" ދަ ލާންސެޓުން ބުންޏެވެ.
އެ މަޖައްލާއިން ބުނީ ފަލަސްތީނުގެ މައްސަލައިގައި ސީދާކޮށް ޝަހީދުވި ކޮންމެ މީހަކަށް ނުސީދާކޮށް ހަތަރު މީހުން ޝަހީދުވެފައި ވެދާނެ ކަމަށް ބަލައިފި ނަމަ 186،000 ނުވަތަ އެއަށްވުރެ ގިނަ މީހުން ވެސް ޝަހީދުވެފައި ނުވަތަ ޝަހީދުވުން އެކަށީގެންވާ ކަމަށެވެ.
"މީގެ މާނައަކީ ޣައްޒާ ހަނގުރާމައިގެ ކުރިން އޮތް 2.3 މިލިއަން އާބާދީގެ އަށް ޕަސެންޓް ޝަހީދުވުން އެކަށީގެންވާކަން،" ދަ ލާންސެޓުން ބުންޏެވެ.
އެ މަޖައްލާއިން ބުނީ ޝަހީދުވި މީހުންގެ ހަގީގީ އަދަދު ދެނެގަތުމަކީ ތާރީހު ރައްކާތެރި ކުރުމަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.



advertisment