ފްރާންސްގެ އާއްމު އިންތިހާބުގައި ހައްދުފަހަނަޅާފައިވާ ކަނާތު ފިޔައިގެ ނެޝަނަލް ރެލީ (އާރް.އެން) ޕާޓީއަށް ކާމިޔާބެއް ނުލިބި ކަޓައިފިއެވެ. މި އިންތިހާބު ކާމިޔާބު ކުރާނީ މަރިން ލި ޕެންގެ ޕާޓީ ކަމަށް ކުރިން ހީކުރެވުނު ކަމަށް ވިޔަސް، ރޭގެ އެގްޒިޓް ޕޯލުން ދެއްކީ މަރިންގެ ޕާޓީ ދިޔައީ ތިންވަނައަށް ކަމެވެ.
މި ކަމާ ފްރާންސްގެ ރައްޔިތުން މިހާރު އުފާ ފާޅުކުރަމުން ދިޔަސް އެއްވެސް ޕާޓީއަކަށް ފުރިހަމަ އަޣުލަބިއްޔަތެއް ނުލިބެއެވެ. މިހެންވެ ގާނޫނު ހަދާ މަޖިލީހުގައި އާ ސަރުކާރު އުފައްދާނެ ގޮތެއް އަދި ސާފެއް ނޫނެވެ.
އިންތިހާބުގެ ފުރަތަމަ ބުރުން އާރް.އެން ކާމިޔާބުތަކެއް ހޯދި ނަމަވެސް އެ ޕާޓީ ވެރިކަމަށް އައުމަށް ހުރަސްއެޅުމަށް ގިނަ ރައްޔިތުން ދެވަނަ ބުރުގައި ވާތުފިޔައިގެ ކެންޑިޑޭޓުންނަށް ދިން ވޯޓުގެ ސަބަބުން މި ވަނީ އާރް.އެން.އަށް ނާކާމިޔާބުވެފައެވެ. އެ ގޮތުން ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 577 ގޮނޑީގެ ތެރެއިން އެ ޕާޓީއަށް ލިބުނީ 143 ގޮނޑިއެވެ. ވާތުފިޔައިގެ ނިއު ޕޮޕިއުލަރ ފްރަންޓަށް 182 ގޮނޑި ލިބިފައިވެއެވެ. ރައީސް އެމަނުއެލް މެކްރޮންގެ ޓުގެދަރ އެލަޔަންސަށް 163 ގޮނޑި ލިބިފައިވެއެވެ. މި ނަތީޖާއާއެކު އާ ސަރުކާރެއް އެކަށައެޅުމަށް އާރް.އެން.އަށް ވަނީ ހުރަސްއެޅިފައެވެ.
ވާތު ފިޔައިގެ ކޯލިޝަނަށް އެންމެ ގިނަ ގޮނޑި ލިބުނަސް އާ ސަރުކާރެއް ގާއިމު ކުރުމަށް ބޭނުންވާ 289 ގޮނޑި އެއްވެސް ޕާޓީއަކަށް ނުލިބެއެވެ. އެ ގޮތުން އެ ކޯލިޝަނަށް 100 އަށްވުރެ ގިނަ ގޮނޑި ބޭނުންވެއެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ 67 ޕަސެންޓް ރައްޔިތުން ދެވަނަ ބުރުގައި ވޯޓުލިއެވެ.
މެކްރޮން ވިދާޅުވީ އޭނާ ވަކި އެއްޗެއް ވިދާޅުވާނީ އާހިރު ނަތީޖާ މިއަދު ހެދުނު އެނގުމުން ކަމަށެވެ.
އާ ސަރުކާރެއް ގާއިމުކުރަން އެތައް ހަފުތާއެއް ނަގާނެ ކަމަށް ބެލެވެއެވެ.
ބޮޑުވަޒީރު ގަބްރިއެލް އަޓަލް ވިދާޅުވީ މިއަދު ހެނދުނު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. ނަމަވެސް ހާލަތު ދިމާކުރާ ގޮތުން އޭނާ ވަގުތީ ގޮތުން އެ މަގާމުގައި ހުންނަވަން ޖެހިވަޑައިގެންފި ނަމަ، އެ މަގާމުގައި ހުންނަވާނެ ކަމަށެވެ.
"އަހަރެންނަށް ފަހުމްވޭ އަހަރެމެން މިތިބީ ސިޔާސީ ގޮތުން ކުރިން ތަޖުރިބާ ނުކުރާ ކަހަލަ ހުސްކަމެއްގެ ތެރޭގައިކަން،" ގަބްރިއެލް ރޭ ވިދާޅުވިއެވެ.
އާރް.އެން ތިންވަނައަށް ދިޔަ ނަމަވެސް މިއީ އެ ޕާޓީއަށް ލިބުނު ތާރީހީ ނަތީޖާއެކެވެ. އެ ގޮތުން މިއީ އާއްމު އިންތިހާބެއްގައި އެ ޕާޓީއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. އަދި މިދިޔަ މަހު ޕާލަމަންޓް އުވައިލުމަށް ފަހު ލިބުނު 88 ގޮނޑީގެ ކުރިއެރުމެކެވެ. އެހެނަސް މިދިޔަ ހަފުތާގައި ބޭއްވި ފުރަތަމަ ބުރަށް ބަލާއިރު ދެވަނަ ބުރުން މި ލިބުނީ ހީނުކުރާވަރުގެ ދަށް ނަތީޖާއެކެވެ.
އާރް.އެން ޕާޓީގެ ރައީސް ޖޯޑަން ބާޑެލާ ވިދާޅުވީ އެ ޕާޓީ ބަލިކޮށްލަން ވާތުފިޔައިގެ ޕާޓީތަކުން ހެދީ "ދެރަވަރުގެ ކޯލިޝަނެއް" ކަމެވެ.
މަރިން ވިދާޅުވީ އާރް.އެން މަޑުމަޑުން ދާނީ ކުރިއަށް ކަމަށެވެ.
"ދިޔަވަރު އަންނަނީ ބޮޑުވަމުން. މި ފަހަރު އެންމެ އެދެވޭ ވަރަށް ދިޔަވަރު ބޮޑު ނުވި ނަމަވެސް ދިޔަވަރު ބޮޑުވުން ދަނީ ކުރިއަށް. މިއީ އަހަރެމެންނަށް ލިބެން އޮތް ކާމިޔާބު ހަމައެކަނި ފަސްވުމެއް،" 2027 ގައި ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ނިންމަވައިފައިވާ މަރިން ވިދާޅުވިއެވެ.
އާރް.އެން.އަށް ކާމިޔާބު ލިބިދާނެތީ އެ ކަމަށް ހުރަސްއެޅުމުގެ ގޮތުން މިދިޔަ ހަފުތާގައި 200 އަށްވުރެ ގިނަ ކެންޑިޑޭޓުން ވަނީ އިންތިހާބުގައި ބައިވެރި ނުވާން ނިންމައިފައެވެ. އެއީ ވާތުފިޔައިގެ ޕާޓީތަކަށް އޮތް ތާއީދު ބައިބަޔަށް ބެހިގެން ހިނގައިދާނެތީއެވެ. އެ ގޮތުން އެ ކެންޑިޑޭޓުން ރައްޔިތުންނަށް ގޮވައިލީ އާރް.އެން ނޫން ކޮންމެ ވެސް ޕާޓީއަކަށް ތާއީދު ކުރުމަށެވެ. އެއީ އާރް.އެން.އަށް އަޣުލަބިއްޔަތެއް ލިބި އެ ޕާޓީއަށް ސަރުކާރެއް އުފެއްދިދާނެތީއެވެ.
އާރް.އެން.އަކީ ޑިމޮކްރެސީއަށް އޮތް ބިރެއް ކަމަށް ވާތުފިޔައިގެ ފަރާތްތަކުން އަބަދުވެސް ބުނެއެވެ. އެ ގޮތުން އެ ޕާޓީއަކީ ނަސްލު ތަފާތު ކުރުން ގެންގުޅޭ، ޔަހޫދީންނާއި އަދި މުސްލިމުންނާ ވެސް ދެކޮޅު ޕާޓީއެއް ކަމަށް ވާތުފިޔައިގެ ޕާޓީތަކުން ބުނެއެވެ.
މާކެޓް ރިސާޗް ކުރާ އިޕްސޮސް ޖަމާއަތުން ބުނީ އާރް.އެން.އަކީ ނުރައްކަލެއް ކަމަށް ފްރާންސްގެ ގިނަ ރައްޔިތުން ދެކޭ ކަމަށެވެ.
އިންސޮމައިސް ޕާޓީން ބުނީ އާރް.އެން.އަށް ލިބުނު ނާކާމިޔާބުން ހާމަވަނީ ފްރާންސަކީ ނަސްލީ ތަފާތުކުރުން ނުގެންގުޅޭ ގައުމެއް ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދެން ބޭނުންނުވާ މީހުން ގިނަކަން ފާހަގަ ކުރެވުނު ކަމަށެވެ.
ސްޕޭންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ރޭގައި ވިދާޅުވީ ހައްދަފަހަނަޅާފައިވާ ކަނާތުފިޔައިގެ ފަރާތްތަކަށް ފްރާންސް ރައްޔިތުން "ނޫން" ބަސް ބުނުމުން އެކަމާ އުފާކުރައްވާ ކަމަށެވެ. އޭނާ ވަނީ މި ހަފުތާގައި އިނގިރޭސި ވިލާތުގެ އިންތިހާބުގައި ވާތުފިޔައިގެ ލޭބަރ ޕާޓީއަށް ލިބުނު ކާމިޔާބަށް ވެސް މަރުހަބާ ވިދާޅުވެފައެވެ.
"ދެ ގައުމުން ވެސް މިވަނީ ތަރައްގީއަށް 'އާނހ' ބަސް ބުނެފައި. މިނިވަންކަމާއި ހައްގުތަކާ ދެކޮޅު ފަރާތްތަކަށް 'ނޫން' ބަސް ބުނެފައި،" ޕެޑްރޯ ވިދާޅުވިއެވެ.
އެގްޒިޓް ޕޯލް ރޭގައި ހާމަވުމުން ފްރާންސްގެ އެތައް މިލިއަން މީހުން ވަނީ މަގުމައްޗަށް ނުކުމެ، އެކަކު އަނެކަކުގެ ގައިގައި އުފަލުން ބައްދާލައި، އުފާވެރިކަމުގެ ހަޅޭއްލަވައި، އަދި ބައެއް މީހުންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފޭދިފައެވެ. ބައެއް މީހުން ދިޔައީ ބެރުޖަހަމުން "އަހަރެމެން މޮޅުވެއްޖެ" މިހެން ގޮވަމުންނެވެ.
"އަހަރެންނަށް އިހުސާސް ކުރެވެނީ އުފާވެރިކަން. އަހަރެންނަކީ މަޣްރިބުކަރައަށް އުފަން ފްރާންސްގެ ރައްޔިތެއް. އަހަރެންނަކީ ޑޮކްޓަރެއް އަދި ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ އެކްޓިވިސްޓެއް. ސަރުކާރެއްގެ ގޮތުގައި އޮވެ ކަނާތުފިޔައިގެ ވައުދުތަކަކީ މޮޔަ ހިޔާލުތަކެއް،" އުމުރުން 34 އަހަރުގެ ހަފްސާ ހަޝަދު ބުންޏެވެ.
ފްރާންސްގައި މި އިންތިހާބު ބޭއްވީ ކުއްލި ގޮތަކަށެވެ. އެއީ ޔޫރަޕް އިއްތިހާދުގައި ފްރާންސްގެ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ފަރާތްތަކަށް ކާމިޔާބު ލިބުމުން މިދިޔަ މަހު 9 ވަނަ ދުވަހު އާއްމު އިންތިހާބެއް ބާއްވަން މެކްރޮން ކުއްލި ގޮތަކަށް ނިންމެވުމުންނެވެ.



advertisment