Support Us

ޓޯކިޔޯ ގަވަރުނަރު އިންތިހާބުގައި "ތަފާތު" ކެމްޕޭން ބިލްބޯޑުތަކެއް

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ގަވަރުނަރު ހޮވަން މާދަމާ ބާއްވާ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުން ވަނީ "ތަފާތު" ޒާތްޒާތުގެ ބިލްބޯޑުތައް ހަރުކޮށްފައެވެ. އެ ގޮތުން 14،000 އަށްވުރެ ގިނަ ބިލްބޯޑުތަކާމެދު އެ ސިޓީގެ 13.5 މިލިއަން މީހުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ.

ބައެއް މީހުން ބުނީ ހަމައެކަނި ސަމާލުކަމެއް ހޯދައިލުމަށްޓަކައި ސީރިއަސް ނޫން އިޝްތިހާރުތައް ވެސް ހަރުކޮށްފައިވާ ކަމަށެވެ.

ބައެއް ބިލްބޯޑުތަކުގައި ވަނީ އަންހެން ކެންޑިޑޭޓުން ނިވާކަން ކުޑަ ހެދުން ލައިގެން ހުރި ފޮޓޯއެވެ. އަނެއް ބައި ބޯޑުތަކުގައިވަނީ ޕެޓުންގެ ގޮތުގައި ގެންގުޅޭ ޖަނަވާރުންގެ ފޮޓޯއެވެ. އަދި އޭ.އައި ރޮބޮޓް ފަދަ ތަކެތީގެ ފޮޓޯ ވެސް ބޭނުންކޮށްފައިވެއެވެ. މީގެ އިތުރުން ކެންޑިޑޭޓަކު އޭނާ ގޮލްފް ކުޅޭ މަންޒަރު ވެސް ހިމެނޭ ބިލްބޯޑެއް ވެއެވެ.

ޓެކްނޯލޮޖީގެ ގޮތުން ޖަޕާން ކިތަންމެ ކުރީގައި ވިޔަސް، ސިޔާސީ ކެމްޕޭންތަކަށް ކެންޑިޑޭޓުން އަދިވެސް ބޭނުން ކުރަނީ "ބޯދާ" ވަސީލަތްތައް ފަދަ ބިލްބޯޑުތަކެވެ. ޓޯކިޔޯއަކީ ވެސް ޚުދު އިސްތިހާރު ބިލްބޯޑުތަކުން ފުރިފައިވާ ސަހަރެކެވެ.

މި ފަހަރުގެ އާދަޔާހިލާފު އެއް ކަމަކީ ކެންޑިޑޭޓުން ނޫން މީހުން ވެސް އެ މީހުން އިސްތިހާރު ވުމަށް ބިލްބޯޑުތައް ހަރުކޮށްފައިވާތީއެވެ. މި ކަމާ ގުޅިގެން އާއްމު ރައްޔިތުން ދަނީ އިންތިހާބާ ބެހޭ އިދާރާއަށް ނުރުހުމުގެ ކޯލްތައްކޮށް، އެފަދަ މެސެޖްތައް ފޮނުވަމުންނެވެ.

"އަހުލާގީ ގޮތުން ދަށުދަރަޖައިގެ ބޯޑުތައް ވެސް އެބަހުރި. ޖަޕާނުގެ ރައްޔިތެއްގެ ހައިސިއްޔަތުން އަހަރެން ލަދުގަނޭ. މިފަދަ ބޯޑުތައް ބަލައިފައި ބިދޭސީން ހިތަށްއަރާނީ ކީކޭ ބާވައޭ ހިތަށްއަރާ،" އޮފީހެއްގައި މަސައްކަތް ކުރާ މަޔޫމީ ނޯޑާ ބުންޏެވެ.

އޭނާ ބުނީ ވޯޓުލާ މީހެއްގެ ހައިސިއްޔަތުން ވިސްނާއިރު، މި ފަދަ ބޯޑުތަކަކީ އިންތިހާބާމެދު ސީރިއަސް ކެންޑިޑޭޓުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށެވެ.

"އެ ފަރާތްތަކަށް އެންމެން ވެސް އިހުތިރާމް ކުރަން ޖެހޭނެ،" މަޔޫމީ ބުންޏެވެ.

އިންތިހާބުގައި މި ފަހަރު ރިކޯޑް އަދަދަކަށް ކެންޑިޑޭޓުން ބައިވެރިވެފައިވެއެވެ. އެއީ 56 ކެންޑިޑޭޓުންނެވެ. އޭގެ ތެރޭގައި މިހާރުގެ ގަވަރުނަރު ޔުރިކޯ ކޮއިކޭ ހިމެނިވަޑައިގަންނަވައެވެ. އޭނާ މަސައްކަތް ކުރައްވަނީ ތިން ވަނަ ދައުރެއް ލިބޭތޯއެވެ. ދައުރެއްގައި ހިމެނެނީ ހަތަރު އަހަރެވެ.

ކެމްޕޭން ކުރަން މިދިޔަ މަހުގެ 20 ވަނަ ދުވަހު ހުޅުވައިލި އިންތިހާބުގައި ސޯޝަލް މީޑިއާގައި މަޝްހޫރު މީހުންނާއި އަދި ރައްޔިތުން އެއްގޮތަކަށް ނުދަންނަ މީހުން ވެސް ބައިވެރިވެފައިވެއެވެ.

ޖަޕާނުގައި 1950 ގައި ތައާރަފު ކުރި އިންތިހާބާ ބެހޭ ގާނޫނުން ފުޅާ ދާއިރާއެއްގައި ކެމްޕޭން ކުރުމުގެ ހުއްދަ ދެއެވެ. އެ ގޮތުން އެހެން ކެންޑިޑޭޓަކަށް ތާއީދުނުކޮށް، އަދި ސީދާ ދޮގު މައުލޫމާތު ނުފަތުރަންޏާ، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ވެސް ހުއްދައެވެ.

"އަހަރެން ވޯޓުލަނީ ބިލްބޯޑުތަކުން ފެންނަ މޫނުތަކަކަށް ނޫން. ނަމަވެސް މި ފަދަ ބިލްބޯޑުތަކުގެ ނާޖާއިޒު ފައިދާ ބައެއް ކެންޑިޑޭޓުން ނަގައިފައިވާ ކަމަށް ފެނޭ،" ގޭގެއަށް ފެން ގުޅައިދިނުމުގެ މަސައްކަތް ކުރާ ކުނިހިކޯ އިމާޑާ ބުންޏެވެ.

ޓޯކިޔޯއަކީ ޖަޕާނުގައި އާދަޔާހިލާފަށް ސިޔާސީ އަދި ސަގާފީ ނުފޫޒު ވަރުގަދަ ސިޓީއެކެވެ. އެ ގޮތުން ސަހަރުގެ ބަޖެޓަކީ ވެސް ބައެއް ގައުމުތަކުގެ ބަޖެޓާ އެއްވަރުގެ ބަޖެޓެވެ. އަދި މިހެންވެ މައި ސަރުކާރަށް ޓޯކިޔޯ ސަރުކާރުން ނުފޫޒު ފޯރުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *