Support Us

ދެކުނު ކޮރެއާގެ ރައީސް އަޒުލުކުރަން އެއް މިލިއަން މީހުންގެ ޕެޓިޝަނެއް

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް އަޒުލުކުރަން އެއް މިލިއަނަށްވުރެ ގިނަ މީހުން ޕެޓިޝަނެއްގައި ސޮއިކޮށްފިއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ސޮއިކުރަން ހުޅުވައިލި ޕެޓިޝަންގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ޔޫންއަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތާއި އުތުރު ކޮރެއާއާއެކު ހަނގުރާމައެއްކުރަން މަސައްކަތްކުރުމާއި ޖަޕާންގެ ފުކުޝިމާ ނިއުކްލިއަރ ޕްލާންޓުން ނުކުންނަ ރޭޑިއޯއެކްޓިވް ކުނިބުނި ނައްތާނުލައި މައްސަލަ ހިމެނެއެވެ.

ކޮރެއާ ޓައިމްސް ނޫހުން އިއްޔެ ބުނީ ވޭތުވެދިޔަ 10 ދުވަސް ތެރޭގައި ދުވާލެއްގެ މައްޗަށް އެއް ލައްކަ ސޮއި ލިބިފައިވާ ކަމަށެވެ. ދެކުނު ކޮރެއާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ އޮފް ކޮރެއާއިން ބުނީ މި ކަމުން ދޭހަވަނީ ޔޫންއާމެދު ރައްޔިތުން ނުރުހޭ ކަމެވެ.

"ގައުމު އިސްލާހު ކުރަން ފުރަތަމަ ޖެހޭނީ ރައީސް ބަދަލުކުރަން،" ގާނޫނު ހަދާ މަޖިލީހުގައި އެ ޕާޓީ ތަމުސީލު ކުރާ ލީޑަރު ޕާކް ޗެން-ޑާއި ވިދާޅުވިއެވެ.

ދެކުނު ކޮރެއާގެ ގާނޫނު ބުނާ ގޮތުގައި ބައި ލައްކައަށްވުރެ ގިނަ ސޮއި ލިބިފައިވާ ޕެޓިޝަނެއް ނަމަ، އެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ޖެހެއެވެ. އާއްމުންގެ ވޯޓަކަށް ދާނީތޯ ނިންމާނީ އެ ކޮމިޓީންނެވެ.

ދެކުނު ކޮރެއާގެ ރައީސް އޮފީހުން ބުނީ މި ޕެޓިޝަނަކީ އިދިކޮޅު ޕާޓީން ކުޅޭ "މުޑުދާރު ކުޅިވަރެއް" ކަމަށެވެ.

"ގާނޫނު އަސާސީ މުގުރާލުމަށާއި ބަޣާވާތެއް ގެންނަން އިދިކޮޅުން ކުރާ މަސައްކަތް ހުއްޓައިލަން ޖެހޭ،" އެ ތަނުން ބުންޏެވެ.

ސިޔާސީ ތަޖުރިބާކާރުން ވިދާޅުވީ މި ޕެޓިޝަނުން ދޭހަވަނީ ރައްޔިތުންގެ ރުޅިވެރިކަމާއި ހިތްހަމަނުޖެހުން ކަމަށެވެ. އަދި މަޖިލީހުގެ ކޮމިޓީން ރައްޔިތުންގެ ވޯޓަކަށް ނުދާން ނިންމައިފި ނަމަ ރައްޔިތުން މުޒާހަރާ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ދެކުނު ކޮރެއާގެ ޕާލަމަންޓުން ކުރިން ވެސް ރައީސުން އަޒުލުކޮށްފައިވެއެވެ. އެއީ 2004 ގައި ރޯހް މޫ-ހިޔުން އާއި 2017 ގައި ޕާކް ގެއުން-ހައިއެވެ.

ޕީޕަލް ޕަވަރ ޕާޓީގެ ވެރިޔާގެ ހައިސިއްޔަތުން ޔޫން ވެރިކަމަށް ވަޑައިގަތީ 2022 ގައެވެ. އެއީ ޑިމޮކްރެޓިމް ޕާޓީގެ ލީޑަރު ލީ ޖައި-މިޔުންގްގެ މައްޗަށް ހަނި ކާމިޔާބެއް ހޯއްދަވައިގެންނެވެ.

ޔޫންއަށް އޮތް ރުހުން ދުވަހަކުން ދުވަހެއް ދަނީ ދަށަށެވެ. އެ ގޮތުން އެޕްރިލް މަހު ނެގި ހިޔާލު ހޯދުމުގެ ދިރާސާތަކުގައި އޭނާއާމެދު ރުހޭ މީހުންގެ ނިސްބަތަކީ އެންމެ 25 ޕަސެންޓެވެ. އެޕްރިލް މަހު ބޭއްވި އާއްމު އިންތިހާބުގައި ވެސް އޭނާގެ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހިފައެވެ.

ޔޫންއާމެދު ނުރުހޭ މީހުން ގިނަވީ އޭނާގެ އަންހެނުން ކިމް ކިއޮން-ހީ އާދެކޮޅަށް ހިންގަން އުޅުނު ތަހުގީގަކާ ބެހޭ ބިލެއް ޔޫން ވީޓޯ ކުރެއްވުމުންނެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ފެންބޮޑުވުމުގެ ކާރިސާއެއްގައި ގެނބިގެން މަރުވި ސިފައިންގެ މީހެއްގެ ތަހުގީގަށް ޔޫން ހުރަސްއެޅިކަމުގެ ތުހުމަތާ ގުޅޭ ބިލެއް ވެސް ވީޓޯ ކުރުމުން ޔޫންއާމެދު ކުރެވޭ ނަފުރަތު ވަނީ އިތުރުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *