ހަޔާތުގައި އެތައް ކަމެއް ކުރިމަތިވާނެއެވެ. ދުނިޔޭގައި އުޅޭއިރު ނުވިސްނާ ހުއްޓާ ވެސް އެތައް ކަމެއް ދިމާވާނެއެވެ. ވިސްނާލުމެއް ނެތި އެ ކަންތައްތަކަށް "ރިއެކްޓް" ނުވަތަ އަމަލު ކުރާކަށް ނުވާނެއެވެ.
ތިބާއަށް ދެރައެއް ދީފައިވާ މީހަކަށް އޭގެ ބަދަލުގައި އެ މީހަކަށް ތިބާ ދެރައެއް ދޭކަށް ކޮންމެހެން ނުޖެހޭނެއެވެ. ތިބާއަކީ ތަހުޒީބުވެފައިވާ މީހެއް ކަމަށްވާނީ ތިބާ ހިތްތިރިކަން ބެހެއްޓުމުންނެވެ.
ހަޔާތުގައި ކުރިމަތިވާ "ނެގަޓިވް" ނުވަތަ ނޭދެވޭ ކަންތައްތަކަށް މާބޮޑަށް އަޅާލާން ފައްޓައިފި ނަމަ ދެން އުޅެން ޖެހޭނީ އެ ކަމުން ނުރެކިވެވިގެންނެވެ. ތިބާގެ ހުރިހާ ވަގުތަކާއި ހަކަތަ ހޭދަވާނީ އެ ކަމަށެވެ. އެއިރުން އޮންނާނީ ހަޔާތުގެ ރަނގަޅު ކަންތައްތަކަށް ދޭން ޖެހޭ ސަމާލުކަން ނުދެވިފައެވެ.
ތިބާއަކީ ކޮންމެ ކޮންމެ މީހަކަށް ކަމުދާ "ސައިތަށްޓަކަށް" ނުވެދާނެއެވެ. ތިބާއާމެދު އެހެން މީހުން އަމަލުކުރަން ތިބާ ބޭނުންވާ ގޮތަށް އެހެން މީހުން ތިބާއާމެދު ކަންތައް ނުކޮށްފާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. އެއީ ހަމަ "އޯކޭ" ގޮތެކެވެ. ކޮންމެ މީހެއްގެ ރުހުން ހޯދަން އުޅުމަކީ ތިބާގެ ވަގުތު ނަގާލުމެކެވެ. ބޭކާރުކޮށްލެވޭ ހަކަތައެވެ. ތިބާގެ ހަޔާތުގައި އިތުރު ހުސްކަމެއް އުފެދުން ނޫން ކަމެއް ނުވާނެއެވެ.
ކަމަކާ ރިއެކްޓް ނުކުރުމުގެ މާނައަކީ ތިބާ އެ ކަން ބަލައިގަތުމެއް ނޫނެވެ. އެއީ ތިބާ އެ ފެންވަރަށް ނުވެއްޓޭން ނިންމާ ނިންމުމެކެވެ. ތިބާ އެއަށްވުރެ "މަތީގައި ހުންނަން" ބޭނުންވާ ކަމެވެ.
ހިތް ނޭދޭ ކަމެއް ދިމާވުމުން އެ ކަމުން ފިލާވަޅު ލިބިގަންނާށެވެ. ތިބާގެ ހިތުގެ ތަނަވަސްކަން ފުޅާކޮށްލާށެވެ.
ސިކުނޑީގެ ހިތްހަމަޖެހުމަކީ ހަގީގީ އުފަލެވެ. އެއީ ހަގީގަތުގައި ތިބާއަށް އެންމެ ފައިދާ ކުރާނެ ގޮތެވެ. ހަޔާތަކީ ޓީވީ ޗެނަލަކުން ފެންނަ ކަހަލަ ބޭކާރު "ޑްރާމާ"އަކަށް ނުހަދާށެވެ. ތިބާއަކީ ބޭކާރު މީހެއްގެ ގޮތުގައި ގެންގުޅޭ ކުޅޭކުޅޭ އެއްޗަކަށް ނުވާށެވެ. "ތަޅާފޮޅުމާއި ޒުވާބު ކުރުމާއި 'ފޭކު' ގުޅުންތަކަށް" ޖާގަ ނުދޭށެވެ. ބައެއް ފަހަރަށް އެއްޗެކޭ ނުބުނެ މަޑުމަޑުން ހުރުމުން އެ ބުނެވެނީ ލައްކަ ގިނަ ވާހަކައެވެ.
ތިބާގެ ސިކުނޑިއަށް އުނދަގޫވާ ކަންތައްތަކަށް ރިއެކްޓް ކުރާ ނަމަ، ހަގީގަތުގައި އެ ބާރު ދެވެނީ އެ ކަމެއް ތިބާއަށް ކުރިމަތި ކުރި މީހާއަށެވެ.
އެހެން މީހުން ކަންތައް ކުރާނެ ގޮތުގެ މައްޗަކަށް ތިބާގެ ބާރެއް ނުހިނގާނެއެވެ. ނަމަވެސް ތިބާ އެ ކަމާމެދު އަމަލު ކުރާނެ ގޮތަކީ ތިބާގެ ބާރުގެ ދަށުގައިވާ ކަމެކެވެ. އެ ކަންތަކުން ތިބާގެ ނަފުސަށް އަސަރު ކުރާނެ މިންވަރު ވެސް އެއީ ތިބާގެ ބާރުގެ ދަށުގައިވާ ކަމެކެވެ. މި ކަހަލަ ކަންތައްތައް ކުރިމަތިވުމުން ހަގީގަތުގައި އެ ކަމުން ހާމަވާނީ ތިބާއަށް ގެއްލުން ދޭން މަސައްކަތް ކުރި މީހާގެ ޝަހުސިއްޔަތެވެ. ތިބާގެ ޝަހުސިއްޔަތެއް ނޫނެވެ.
ތިބާ ރިއެކްޓް ކުރުމަކުން އެއްވެސް ނަތީޖާއެއް ނުނުކުންނާނެއެވެ. އެއްވެސް ކަމެއް ބަދަލެއް ނުވާނެއެވެ. ތިބާ ރިއެކްޓް ކުރާ ގޮތެއްގެ ސަބަބުން އަނެކުންގެ ވިސްނުން ޖާދުލެއްހެން ކުއްލިއަކަށް ބަދަލެއް ނުވާނެއެވެ. ތިބާ ދެކެ ކުއްލިއަކަށް ލޯތްބެއް ނުވާނެއެވެ. ތިބާއަށް އިހުތިރާމެއް ނުކުރާނެއެވެ.
ބައެއް ފަހަރަށް އެންމެ ބުއްދިވެރި ގޮތަކީ ކަންތައްތައް އޭގެ ޒާތުގައި ވާނެ ގޮތަކަށް ވާން ދޫކޮށްލުމެވެ. އެހެން މީހުންގައި ބަގުޑިބައްދަން ނޫޅޭށެވެ. ޖަވާބެއް ނެތް ކަމެއްގެ ހައްލު ހޯދަން ނޫޅޭށެވެ. އަނެކާގެ ކިބައިން ޖަވާބު ލިބޭތޯ މަސައްކަތް ނުކުރާށެވެ. ހިތް އެދޭ ޖަވާބުތައް ހޯދަން އެ މީހުންގެ ފަހަތުން ނުދުވާށެވެ. ސަބަބަކީ ތިބާއަކީ އެހެން މީހުންނަށް ފަހުމް ނުވެދާނެ ޝަހުސިއްޔަތެކެވެ.
ނޯޓު: ތަރުޖަމާއެއް
