ވޭތުވެދިޔަ ދުވަސްތަކުގައި އެމެރިކާގެ ރައީސުން ތިއްބެވީ ބައިނަލްއަގުވާމީ ގާނޫނުން މަތީގައެވެ. ނަމަވެސް މި ހަފުތާގައި އެމެރިކާގެ ސުޕްރީމް ކޯޓުން ފާސްކުރި ގާނޫނެއްގެ ދަށުން އެމެރިކާގެ ރައީސުން ވަނީ ޚުދު އެމެރިކާގެ ގާނޫނު އަތްނުފޯރާނެ ހިސާބަށް ލައިފައެވެ.
ކަނާތުފިޔައިގެ ސުޕަމެޖޯރިޓީއެއް އޮތް އެމެރިކާގެ ސުޕްރީމް ކޯޓުން ހޯމަ ދުވަހު ފާސްކުރި ގާނޫނެއްގެ ސަބަބުން އެމެރިކާގެ ރައީސްއެއް ނުވަތަ ކުރީގެ ރައީސެއްގެ މައްޗަށް އެ ގައުމުގެ ގާނޫނެއް ނުހިނގާނެއެވެ.
މި ގާނޫނު ފާސްކުރަން ވޯޓު ދިނީ ހަ ފަނޑިޔާރުންނެވެ. އަނެއް ތިން ފަނޑިޔާރު ވޯޓު ދިނީ މި ގާނޫނާ ދެކޮޅަށެވެ.
މިއީ އެމެރިކާ މިނިވަން ދައުލަތެއް ގޮތަށް ގާއިމު ކުރިތާ 248 އަހަރުގެ ތެރޭގައި އެ ގައުމުގެ ޑިމޮކްރެސީ މި ފަދަ ނާމާން އަނދަވަޅަކަށް ވައްޓާލި ފުރަތަމަ ފަހަރެވެ.
މި ގާނޫނުން ބުނެފައިވަނީ އެމެރިކާގެ އެއްވެސް ރައީސަކާ ނުވަތަ ކުރީގެ ރައީސަކާ ދެކޮޅަށް "ޖިނާއީ ޝަރީއަތެއް ނުހިންގޭނެ" ކަމަށެވެ. މި ކަމުގެ ސަބަބުން ޑިމޮކްރެސީގައި އޮންނަ "ޗެކް އެންޑް ބެލެންސް" ނިޒާމު ބޮލައިލައިޖެހީއެވެ.
"އެމެރިކާގެ ރައީސަކަށް އަދި ކުރީގެ ރައީސަކަށް ވެސް ޖިނާއީ ދައުވާއެއް ނުކުރެވޭނެ. އޭނާއަކީ ވަކި ސިޔާސަތުތަކެއް ގެންގުޅުއްވާ މީހެއް ނަމަވެސް ނުވަތަ ވަކި ސިޔާސީ ޕާޓީއެއްގައި ހުންނެވި ނަމަވެސް، އޭނާގެ ރަސްމީ އަދި ނުރަސްމީ ނިންމުންތަކަށް ވެސް ޖިނާއީ ދައުވާއެއް ނުކުރެވޭނެ،" ސުޕްރީމް ކޯޓުގެ ނިންމުމުގައިވެއެވެ.
މި ގާނޫނާ ދެކޮޅު ހެއްދެވި ފަނޑިޔާރު ސޯނިއާ ސޮޓޮމޭޔާ ވިދާޅުވީ މިއީ ވަރަށް ނުރައްކާތެރި ގާނޫނެއް ކަމަށެވެ.
"ކުރިމަގުގައި އެމެރިކާގެ ރައީސްކަން ކުރައްވާ މީހުންނަށް ކޮންމެ ފަދަ ނިންމުމެއް ވެސް ނިންމެވިދާނެ. މިސާލަކަށް، އޭނާއާ ސިޔާސީ ގޮތުން އިދިކޮޅު ފަރާތެއް މަރައިލުމަށް އަމުރު ނެރެވިދާނެ. ބަޣާވާތެއް ގެންނަން ވެސް އަމުރު ނެރެވިދާނެ. ގައިދީއަކު މިނިވަންކުރަން ރިޝްވަތެއްގައި ވެސް ހިފިދާނެ،" ސޯނިއާ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމާ އެއްކޮޅަށް ވޯޓު ދެއްވި ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންނަކީ އެމެރިކާގެ ކުރީގެ ރައީސް އަދި އަންނަ ނޮވެމްބަރު މަހުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް ސުޕްރީމް ކޯޓަށް ކަނޑައެޅުއްވި ތިން ފަނޑިޔާރުންނެވެ. އޭނާ ވިދާޅުވީ މި ގާނޫނަކީ އެމެރިކާގެ ކުރިމަގަށް ހެޔޮ ފާލެއް ކަމަށެވެ.
"މިއީ އެމެރިކާގެ ގާނޫނު އަސާސީއަށާއި ޑިމޮކްރެސީއަށް ލިބުނު ބޮޑު ކާމިޔާބެއް. އެމެރިކާގެ ރައްޔިތަކަށް ވާތީ މިއަދު އަހަރެން ފަހުރުވެރިވަން،" ސޯޝަލް މީޑިއާގައި ޓްރަމްޕް ލިޔުއްވިއެވެ.
އެހެން ގައުމުތަކުގައި އެމެރިކާއިން ހިންގާ ޖެނޮސައިޑް ނުވަތަ ނަސްލު ނައްތާލުމުގެ ހަރަކާތަކާ ދެކޮޅަށް މިހާތަނަށް ބައިނަލްއަގުވާމީ މުޖުތަމައުން އެމެރިކާގެ ރައީސްއަކާ ދެކޮޅަށް ޖިނާއި ދައުވާއެއް ނުވަތަ ޝަރީއަތެއް ހިންގައިފައެއް ނުވެއެވެ. މީގެ އިތުރުން އެހެން ގައުމުތަކުގެ އިގުތިސާދު އިނދަޖައްސައިލަން އެމެރިކާއިން ހިންގައިފައިވާ އެއްވެސް ސިޔާސަތަކާ ގުޅިގެން ވެސް ބައިނަލްއަގުވާމީ މުޖުތަމައުން އެމެރިކާގެ ރައީސްއަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅައިފައެއް ނުވެއެވެ.
އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ހުންނަ ތިންކް ޓޭންކް "ސެންޓަރ ފޮރ އިކޮނޮމިކް އެންޑް ޕޮލިސީ ރިސާޗް"އިން ބުނީ ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ އަހަރު، އެއީ 2017 އިން 2018 އަށް، އެމެރިކާއިން ވެނެޒުއޭލާއަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ 40،000 އަށްވުރެ ގިނަ މީހުން މަރުވި ކަމަށެވެ.
އޭގެ ކުރިން 1996 ގައި ބިލް ކްލިންޓަންގެ ރައީސްކަމުގައި އދ.އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނެވި މަންދޫބު މެޑެލިން އޯލްބްރައިޓް ވަނީ އިރާގާ ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އެއީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.
"ވަށާޖެހޭ ގޮތަކަށް ބަލައިފި ނަމަ އިރާގުގެ ބައި މިލިއަން ކުޑަކުދިން މަރުވުމަކީ އިރާގު ހަނގުރާމައިގައި އެދެވޭ ނަތީޖާއެއް ނެރެން އެޅުނު މުހިންމު ފިޔަވަޅެއް،" އޭނާ އެއިރު ވިދާޅުވެފައިވެއެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުން ބުނާ ކަހަލައެވެ: ގާނޫނު ނަގަހައްޓަން ގާނޫނު މުގުރައިލެވިދާނެއެވެ.



advertisment