ޑެންމާކްގައި އެހެން ގައުމުތަކުގެ ދިދަ ބޭނުންކުރުމުގައި ލިމިޓެއް ކަނޑައަޅަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
"އަހަރެމެންގެ ގައުމީ ދިދަ އެއީ އަހަރެމެންނަށް އެންމެ މުހިންމު ގައުމީ ނިޝާނަކީ. އެހާ މިނިވަންކަމާއެކު އެހެން ގައުމުތަކުގެ ދިދަތައް މި ގައުމުގައި ބޭނުން ކުރެވިގެން ނުވާނެ،" ޖަސްޓިސް މިނިސްޓަރު ޕީޓަރ ހަމަލްގާޑް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެހެން ގައުމުތަކުގެ ދިދަ ސީދާ މަނާ ނުކުރާނެ ކަމަށެވެ. އެ ގޮތުން ކުޅިވަރާއި މުޒާހަރާ އާއި އެހެނިހެން ބައެއް މުނާސަބާތަކުގައި އެހެން ގައުމުތަކުގެ ދިދަ ބޭނުންކުރަން ހުއްދަ ދޭނެ ކަމަށެވެ.
މި ގޮތަށް ހުއްދަ ދޭނެ ދިދަތަކުގެ ތެރޭގައި ސްކެންޑިނޭވިއާގެ ގައުމުތަކާއި ގްރީންލޭންޑް އާއި ފެރޯ ޖަޒީރާ އާއި ޖަރުމަނީ އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ ދިދަތައް ހިމެނެއެވެ. މީގެ އިތުރުން އެމްބަސީތަކުގައި އެ ގައުމުތަކުގެ ގައުމީ ދިދަ ވިހުރުވަން ހުއްދަ ދޭނެއެވެ.
އެހެން ގައުމުތަކުގެ ދިދަ އެހާ ބޮޑަށް އާއްމުވިޔަ ނުދިނުމަށް ހަދާ ގާނޫނު ފާސް ކުރާނީ އަންނަ އަހަރުގެ ޖަނަވަރީގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. އެއީ ޑެންމާކްގެ ގާނޫނު ހަދާ މަޖިލީހުން އެ ގޮތަށް އެކަން ފާސްކޮށްގެންނެވެ.
ޑެންމާކުން މި ގޮތަށް ފިޔަވަޅު އަޅަން ނިންމީ އެ ގައުމުގެ ރައްޔިތަކު އޭނާގެ ގޭގައި އެމެރިކާ ދިދަ ނެގުމުން އޭނާއާ ދެކޮޅަށް ޝަރީއަތެއް ފެށުމާ ގުޅިގެންނެވެ. ޑެންމާކްގެ ސުޕްރީމް ކޯޓުން ނިންމީ 1915 ވަނަ އަހަރުގެ ގާނޫނަށް ބެލުމުން އެ މީހާއާމެދު ފިޔަވަޅު އެޅެން ނެތް ކަމަށެވެ. މިހެންވެ، ސަރުކާރުން ވަނީ އެ ޒަމާނުގެ މި ގާނޫނު އުވާލައިފައެވެ. އަދި މިއަށް ފަހު ޕާލަމަންޓުން ވަނީ މި ކަމާ ގުޅޭ އާ ގާނޫނެއް ހަދަން ނިންމައިފައެވެ.



advertisment