Support Us

ޗައިނާގެ ބޯޑަރު ކައިރީގައި އިންޑިއާގެ ފަސް ސިފައިން ގެނބިގެން މަރުވެއްޖެ

ޗައިނާގެ ބޯޑަރު ކައިރީގައި ދެމޭ ކޯރެއް ހުރަސް ކުރަން އިންޑިއާގެ އަސްކަރީ ޓޭންކަކުން އުޅެނިކޮށް އިންޑިއާގެ ފަސް ސިފައިން ގެނބިގެން މަރުވެއްޖެއެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ބުނީ މިހެން ދިމާވީ ކޯރުގެ ފެންގަނޑު ކުއްލިއަކަށް ބޮޑުވުމުން ކަމަށެވެ.

އަސްކަރިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ލަޑަކްގެ ޝިޔޮކް ކޯރުގައި މި ހާދިސާ ހިނގީ އަސްކަރީ ތަމްރީނުތަކެއް ހިންގަމުން ދަނިކޮށް ކަމަށެވެ.

ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ވަނީ މަރުވި ސިފައިންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

"މިއީ ނަސީބު ދެރަކަމުން ހިނގި ހާދިސާއެއް،" އެކްސްގައި އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމުގެ ހިތްވަރުގަދަ ސިފައިންނާއެކު އަބަދުވެސް ވާކަމަށާއި އެ މީހުންގެ އާދަޔާހިލާފު ހިދުމަތް ހަނދާން ނައްޓާނުލާނެ ކަމަށެވެ.

މި ހާދިސާ ހިނގީ ލަޑަކްގެ ސަސިރު ބްރަންގްސް ސަރަހައްދުގައެވެ. މިއީ އިންޑިއާ އާއި ޗައިނާ ގުޅޭ ބޯޑަރެވެ. މިއީ 1962 ގައި އިންޑިއާ އާއި ޗައިނާއިން ހަނގުރާމަ ކުރި ހިސާބެވެ. އަދިއަދަށް ދާންދެން ވެސް މި ބޯޑަރުގައި ޗައިނާ އާއި އިންޑިއާއިން ހީވަނީ ދެންމެދެންމެ ވެސް އަލުން ހަނގުރާމައެއް ފަށައިފާނެހެންނެވެ. އަދި މި ކަމުގެ ސަބަބުން ބޮޑު ސަރަހައްދަކަށް ހަނގުރާމަ ފެތުރިދާނެ ކަމުގެ ބިރު ވެސް އެބައޮތެވެ. އެ ގޮތުން 2020 ގައި ވެސް ގަލްވާން ވާދީގައި ޗައިނާ އާއި އިންޑިއާ ސިފައިންގެ ދެމެދުގައި ހިނގި ކުރިމަތިލުންތަކެއްގައި އިންޑިއާގެ 20 ސިފައިން ވަނީ މަރުވެފައެވެ. ޗައިނާގެ ސިފައިންގެ ތެރެއިން މަރުވީ ކިތައް މީހުން ކަމެއް ނޭނގެއެވެ.

ފަހަކަށް އައިސް ޗައިނާ އާއި އިންޑިއާއިން ދަނީ ދެ ގައުމުގެ ދެމެދުގައި ވާހަކަތައް ބާއްވަމުންނެވެ. ނަމަވެސް ހައްލު ކުރަން ޖެހޭ އަސާސީ މައްސަލަތައް އަދިވެސް އޮތީއެވެ.

މި އަހަރުގެ ކުރީކޮޅު އިންޑިއާގެ 10،000 ސިފައިން ޗައިނާގެ ބޯޑަރު ކައިރިއަށް ފޮނުވަން އިންޑިއާ ސަރުކާރުން ނިންމިއެވެ. އޭގެ ކުރިން ވަނީ 9،000 ސިފައިން ފޮނުވައިފައެވެ.

ޗައިނާ އާއި އިންޑިއާގެ ބޯޑަރުގައި 2020 ގައި ހިނގި ކުރިމަތިލުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަނީ ގޯސްވެފައެވެ. އެ ގޮތުން އިންޑިއާއިން އެންމެ ފަހުން ބޭއްވި ޖީ.20ގެ ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައިވެރިވެ ވަޑައިނުގަންނަވައެވެ.

ޗައިނާގެ ހާރިޖިއްޔާއިން ބުނީ ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމު ކުރުމުގެ މަސައްކަތަށް ހުރަސްއެޅިފައިވާ ކަމަށާއި އެއީ އިންޑިއާއިން އިންޑިއާގެ ސިފައިން ޗައިނާގެ ބޯޑަރު ކައިރިއަށް ފޮނުވާތީ ކަމަށެވެ.

"ބޯޑަރުގައި ސުލްހަ ގާއިމު ކުރުމަށް އިންޑިއާ އާއެކު މަސައްކަތް ކުރުމަށް ޗައިނާއިން ތައްޔާރު. ނަމަވެސް ބޯޑަރަށް ފޮނުވާ އިންޑިއާ ސިފައިންގެ އަދަދު އިތުރު ކުރާ ނަމަ، މިއީ ބޯޑަރުގައި ސުލްހަ ގާއިމު ކުރަން އެޅޭ ހުރަހެއް،" ޗައިނާގެ ހާރިޖިއްޔާގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *