Support Us

ފަލަސްތީނު ކުދިންތަކެއް ފަރުވާއަށް މިސްރަށް

އިސްރާއީލުން ފަލަސްތީނުގައި ޒަހަމްކޮށްލައިފައިވާ ކުޑަކުދިންތަކެއް ފަރުވާ ދިނުމަށް ފުރަތަމަ ފަހަރަށް ޣައްޒާއިން ބޭރަށް ގެންގޮސްފިއެވެ. ކެންސަރު ޖެހިފައިވާ 20 ކުދިން ވެސް ހިމެނޭ މި ގްރޫޕް ފަރުވާ ކުރުމަށް ގެންދިޔައީ މިސްރަށެވެ.

ކަރީމް ޝަލޫމް ސަރަހައްދުން ލައިފައި މުޅިއެކު 68 ކުދިން މިސްރަށް ގެންދިއުމުގެ މަސައްކަތުގައި ބައިވެރިވީ ޣައްޒާއަށް ފޮނުވާ އެހީއަށް ހުއްދަ ދޭ އިސްރާއީލުގެ އިދާރާ ކަމަށްވާ ކޫޑިނޭޝަން އޮފް ގަވަންމަންޓް އެކްޓިވިޓީސް އިން ދަ ޓެރިޓަރީސް (ސީ.އޯ.ޖީ.އޭ.ޓީ) އާއި އިސްރާއީލުގެ އަސްކަރިއްޔާ އާއި އެމެރިކާ އާއި މިސްރާއި އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބް.ލިޔު.އެޗް.އޯ) ގުޅިގެންނެވެ. މި ކުދިން މިސްރަށް ގެންދިޔައީ ބުރާސްފަތި ދުވަހު ކަމަށް ސީ.އެން.އެން.އިން އިއްޔެ ބުންޏެވެ.

މިއީ މިދިޔަ މަހު އިސްރާއީލު ސިފައިން ރަފަހަށް ހަމަލާ ދޭން ފެށި ފަހުން ފަލަސްތީނު ކުދިންނަށް ފަރުވާ ދިނުމަށް އެހެން ގައުމަކަށް ގެންދިއުމަށް އިސްރާއީލު ސަރުކާރުން ހުއްދަ ދިން ފުރަތަމަ ފަހަރެވެ.

ވޭތުވެދިޔަ އަށް މަސް ދުވަހު ހަމާސްއާއި އިސްރާއީލު އަސްކަރިއްޔާއިން ކުރަމުންދާ ހަނގުރާމައިގައި ޒަހަމްވަމުންދާ ކުދިންނަށް ފަރުވާ ދިނުމަށް ގައުމުން ބޭރަށް ދިއުމަށް އިސްރާއީލުން ހުއްދަ ދިނުމުން ފަލަސްތީނުގެ ރައްޔިތުންނަށް ވަނީ ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިފައެވެ.

"އުތުރު ޣައްޒާގައި ދިރިއުޅޭ މީހުންނަށް ވޭތުވެދިޔަ ނުވަ މަހަކީ ދަތި ދުވަސްތަކެއް. ކާންބޯން ވެސް މީހުން ފެށީ ވައްކަންކުރަން. ކުޑަކުދިންނަށް ބަނޑުހައިހޫނުކަން ކެތެއް ނުކުރެވޭނެ،" އުމުރުން ހަ އަހަރުގެ ދަރިފުޅު ޖޫރީގެ މަންމަ ސާމިރާ އަލް-ސައީދީ ސީ.އެން.އެން.އަށް ބުންޏެވެ.

ސީ.އެން.އެން.އިން ނާސިރު ހޮސްޕިޓަލުގައި އަންގާރަ ދުވަހު ނެގި މަންޒަރުތަކެއްގައި ފެންނަނީ މިސްރަށް ގެންދިޔަ އުމުރުން ފަސް އަހަރުގެ، ކެންސަރު ބަލިޖެހިފައިވާ ޔާސްމީން ވަރަށް ދަތި ހާލުގައި އުޅޭ ގޮތެވެ. އެ ގޮތުން ލޭގެ ކެންސަރު ޖެހިފައިވާ މި ކުއްޖާއަށް މަޑުންނެއް ނޯވެވެއެވެ. އޭނާގެ އަތްފައިވަނީ ގޮދަޑިއެއް މައްޗަށް ދަމައިލައިފައެވެ.

"ވަރަށް ވޭނުގައި އޭނާ އުޅެނީ. ލޭގެ ފަރުވާ ދިނުމަށް އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ބަދަލު ކުރަމުން މި ގެންދަނީ. ދުވަހުން ދުވަހަށް އޭނާ ތަޖުރިބާ ކުރަމުންދާ ވޭން ދަނީ އިތުރުވަމުން. އަދި އޭނާއަށް ކުރެވޭ ވަރުބަލިކަމުގެ އިހުސާސް ވެސް ދަނީ ބޮޑުވަމުން. އޭނާއަށް ދެން އިތުރަކަށް ކެތެއް ނުކުރެވޭނެ،" ޔާސްމީންގެ މަންމަ އުއްމު އުބައިދާ ބުންޏެވެ.

މިސްރާއި ޣައްޒާ ގުޅޭ ރަފަހްގެ ބޯޑަރު އިސްރާއީލުން ހުޅުވައިދޭތޯ މަސައްކަތް ކުރުމަށް އަދިވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ޑަބްލިޔު.އެޗް.އޯ.ގެ ވެރިޔާ ތެދްރޮސް އަދާނަމް ގަބްރިޔެސަސް އިއްޔެ ވިދާޅުވީ ރަފަހާއި ކަރީމް ޝަލޫމް މަގު ހުޅުވައިލައިގެން މިސްރާއި ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްއިން އެހެން ގައުމުތަކަށް ފަލަސްތީނު ރައްޔިތުން ދަތުރު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އިސްރާއީލުން ޣައްޒާ ހިސޯރުކޮށްފައި އޮތުމުން މީހުންވަނީ ބަނޑަށްޖެހުމަށް ހުށަހެޅިފައި. ޒަހަމްވެ އަދި ބަލިހާލު ބޮޑުވެފައިވާ އެތައް ސަތޭކަ ކުދިން އަދިވެސް ތިބީ ފަރުވާ ލިބޭނެ ގޮތެއް ނެތިފައި. މިސްރަށް ގެންދިޔަ ކުދިންގެ އަދަދަކީ ކަނޑުން ފެންތިއްކެއްހާ މަދު އަދަދެއް،" ފަލަސްތީނުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ 25،000 ބަލިމީހުންނަށް ބޭރު ގައުމުތަކުން ފަރުވާ ދޭން ޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކެންސަރު ޖެހިފައިވާ 980 ކުދިން ހިމެނެއެވެ.

"މީގެ އިތުރުން 250 ބަލިމީހުންނަކީ މަރުގެ ތުންފަތްމައްޗަށް ހުށަހެޅިފައިވާ ބައެއް،" މިނިސްޓްރީގެ އޮފިޝަލަކު އިއްޔެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޣައްޒާގެ ސިއްހީ ނިޒާމު ސުންނާފަތިކޮށްލައި ކާބޯތަކެތި ލިބުން ދަތިކޮށްލީ އިސްރާއީލުން ކަމަށެވެ.

އިސްރާއީލުން ބުނަމުން އަންނަނީ ވަކި މިނެއް ނެތި ޣައްޒާއަށް އެހީ ވައްދަން ބައިނަލްއަގުވާމީ ފަރާތްތަކަށް ފުރުސަތު ދީފައިވާ ކަމަށެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނަނީ އެހީގެ ތަކެތި ހިފައިގެން އަންނަ ލޮރީތައް ފާސް ކުރުން ހަރުކަށިވުމާއި އެއްގަމު މަގުން އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުމާއި ހުއްޓުމެއް ނެތި ޣައްޒާއަށް ބޮން އެޅުން ކުރިއަށް ގެންދިއުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުން ވަނީ ދަތިކަމަކަށްވެފައި ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަމާސް އާއި އިސްރާއީލުން ފެށި ހަނގުރާމައިގެ ކުރިން ވެސް ފަލަސްތީނުގެ ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ހިދުމަތް ހޯދުމަށް ދަތުރު ކުރުމަށް ހުރަސްއަޅައިފައިވެއެވެ. އެއީ އިސްރާއީލާއި މިސްރުން ބޯޑަރު ބަންދުކޮށްފައިވާތީއެވެ.

ބުރާސްފަތި ދުވަހު ފަލަސްތީނު ކުޑަކުދިން މިސްރަށް ފޮނުވީ ވެސް ވަރަށް ހާލުން ކަމަށްވެއެވެ. އެ ގޮތުން އުތުރު ޣައްޒާގައި ހުރި ކަމާލް އަދްވާން ހޮސްޕިޓަލުން ފަށައިގެން ދެކުނު ޣައްޒާއަށް ދަތުރު ކުރީ ވަރަށް ދަތިކަމާއެކު ކަމަށް މިސްރަށް ފޮނުވި ކުދިންގެ މައިންބަފައިން ބުންޏެވެ.

އެ މީހުން ބުނީ އެ ކުދިން ވަނީ ކާބޯތަކެއްޗާއި ފެން ނުލިބުމުގެ ސަބަބުން ވަރަށް ބޮޑަށް ހާލުދެރަވެފައިވާ ކަމަށެވެ. އަދި އެތައް މަހެއް ވަންދެން ބޭސް ނުލިބުމުގެ ސަބަބުން އެ ކުދިންގެ ބަލިމަޑުކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.

ބައެއް މައިންބަފައިން ބުނީ އެ މީހުންގެ ދަރިންނާއެކު މިސްރަށް ދިއުން މަނާ ކުރި ކަމަށެވެ. އަދި އަނެއްބައި މައިންބަފައިން ބުނީ ދަރިންނާއެކު ދަތުރު ކުރަން ހުއްދަ ދިން ނަމަވެސް ދަތުރު ކުރެވޭނެ ސީދާ ދުވަހެއް އަންގައިފައި ނުވާ ކަމަށެވެ. އަދި ކުޑަދޮރު ނެތް ކޮޓަރިއެއްގައި ނާސިރު ހޮސްޕިޓަލުގައި ބޭތިއްބި ކަމަށެވެ.

މެދުތެރޭ ޣައްޒާގެ ނުސައިރާއިން މިސްރަށް ފޮނުވައިލި އުމުރުން 11 އަހަރުގެ ސިރާޖުގެ ބައްޕަ ޝާޒީ މުސްތަފާ ހުސައިން ޔާސީން ބުނީ ބުރާސްފަތި ދުވަހު މިސްރަށް ފޮނުވައިލި އޭނާގެ ދަރިފުޅާ މެދު ކަންބޮޑުވާ ކަމަށެވެ. އޭނާ ބުނީ ލޭގެ ކެންސަރު ޖެހިފައިވާ ސިރާޖު ފޮނުވައިލީ އޭނާގެ މަންމަ އާއި ދެބެންނާއެކު ކަމަށް ވިޔަސް އޭނާ މިސްރަށް ދިއުމަށް ހުރަސްއަޅާފައިވާ ކަމަށެވެ.

"މެރޯ ޓްރާންސްޕްލާންޓެއް ހަދަން އަހަރެންގެ ހަށިގަނޑުން ސާމްޕަލެއް ނަގަން ޖެހޭ. ނަމަވެސް އަހަރެން ގާތުގައި އަލް-އަގުސާ މާޓާސް ހޮސްޕިޓަލުން ބުނީ އަހަރެންނަކީ އުމުރުން 60 އަހަރު ނުވާ މީހަކަށް ވާތީ ސިރާޖާއެކު މިސްރަށް ނުދެވޭނެ ކަމަށް،" ޝާޒީ ސީ.އެން.އެން.އަށް ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން ޔަހޫދީންގެ 1،200 މީހުން މަރައިލައި 250 ޔަހޫދީން ރަހީނު ކުރުމުން އިސްރާއީލުން ފެށި ހަނގުރައިމައިގައި މިހާތަނަށް ފަލަސްތީނުގެ 37،718 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 86،377 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް