ދެކުނު އޭޝިއާގެ ބަހާރު މޫސުމުގެ ހޫނު ގަދަވުމުގެ ސަބަބުން ޕާކިސްތާނުގައި ހަތަރު ދުވަހުގެ ތެރޭގައި 427 މީހުން މަރުވެއްޖެއެވެ.
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތަކުން ބުނީ ހޫނު ގަދަވުމުގެ ސަބަބުން މިހާރު ކޮންމެ ދުވަހަކު ޕާކިސްތާނުގައި މީހުން މަރުވަމުންދާ ކަމަށެވެ.
"ގިނައީ ގެދޮރު ނެތް މީހުން،" އީދީ ފައުންޑޭޝަނުން ބުންޏެވެ.
އެ ފައުންޑޭޝަންގެ ވެރިޔާ ފައިސަލް އީދީ ވިދާޅުވީ ސިންދު ޕްރޮވިންސްގެ ވެރިރަށް ކަރާޗީ ސަހަރުގައި ހަތަރު މޯޗަރީ ހުރި ނަމަވެސް، މަރުވެފައިވާ މީހުންގެ ހަށިގަނޑު ކުނި ނުވާ ގޮތަށް ބާއްވާނެ އިތުރު ޖާގައެއް މިހާރު ނެތް ކަމަށެވެ.
"އަންގާރަ ދުވަހު 135 ހަށިގަނޑު ގެނައި. އަދި އޭގެ ކުރިން ހޯމަ ދުވަހު ވެސް 128 ހަށިގަނޑު ގެނައި،" ފައިސަލް ވިދާޅުވިއެވެ.
ކަރާޗީގައި ސަރުކާރުން ހިންގާ ތިން ހޮސްޕިޓަލުގައި އަންގާރަ ދުވަހު 23 މީހުން ވަނީ މަރުވެފައެވެ.
މިދިޔަ މަހު ސިންދްގެ ހޫނުމިން ވަނީ 52.2 ޑިގްރީ ސެލްސިއަސްއަށް އަރައިފައެވެ. މިއަށްވުރެ މައްޗަށް ގޮސްފި ނަމަ ރެކޯޑަކަށް ވާނެއެވެ.
މި ހަފުތާގައި ޕާކިސްތާނުގައި ހޫނުމިން ވަނީ އާދަޔާހިލާފަށް މައްޗަށް ގޮސްފައެވެ. އެ ގޮތުން ޖެހިޖެހިގެން ތިން ދުވަހު ކަރާޗީގެ ހޫނުމިން ވަނީ 40 ޑިގްރީ ސެލްސިއަސްއަށް އަރައިފައެވެ. މި ކަމުގެ ސަބަބުން ކަރަންޓްގެ ހިދުމަތަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. އަދި ކަރަންޓްގެ ހިދުމަތަށް ބުރޫ ނާރާނެ ގޮތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ސަރުކާރުން ދަނީ އެކި ގަޑިތަކުގައި ކަރަންޓް ކަނޑަމުންނެވެ.
"މި ކަމުގެ ސަބަބުން ފަންކާ އާއި ކޫލަރު ފަދަ ތަކެތީގެ ހިދުމަތްތައް ވަނީ މެދުކެނޑިފައި. ވަރަށް ގިނަ މީހުން މަރުވެފައިވަނީ މި ގޮތަށް ކަރަންޓް ކަނޑާ ހިސާބުތަކުގައި،" ފައިސަލް ވިދާޅުވިއެވެ.
ޕާކިސްތާނު ފަދައިން އިންޑިއާގެ ރައްޔިތުން ވެސް މި ދުވަސްވަރު ދަނީ ގަދަހޫނު ބަރުދާސްތު ކުރަމުންނެވެ.
އިންޑިއާގައި ހޫނުމިން 50 ޑިގްރީ ސެލްސިއަސްއަށް އެރުމާ ގުޅިގެން 100 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި މިދިޔަ މަހު 40،000 މީހުންނަށް ވަނީ ހީޓްސް ސްޓްރޯކް ޖެހިފައެވެ. މިއީ ހަށިގަނޑަށް ކެތް ނުކުރެވޭ ވަރަށް ހަށިގަނޑުގެ ހޫނުކަން މައްޗަށް ދިއުމެވެ. މިހެންވުމުން މަރުވުމުގެ ފުރުސަތު ބޮޑުވެއެވެ.
ހީޓް ސްޓްރޯކް ޖެހިގެން މަރުވާ މީހުން ގިނަ ފަހަރަށް ރިޕޯޓް ނުކުރާ ކަމަށްވެއެވެ. މިހެންވެ ހޫނު ގަދަވުމުގެ ސަބަބުން މަރުވި މީހުންގެ އަސްލު އަދަދަކީ ކޮބައިކަން ނޭނގޭ ކަމަށް ޕާކިސްތާނާއި އިންޑިއާއިން ބުންޏެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތަކުން ބުނީ މިދިޔަ މާރިޗު މަހުގެ އެއް ވަނަ ދުވަހުން މި މަހުގެ 10 ވަނަ ދުވަހާ ދެމެދު މަދުވެގެން 400 މީހުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މަގުމަތީގައި މަރުވެފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ސައޫދީ އަރަބިއްޔާއިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނީ ނިމިގެން ދިޔަ ހައްޖު އަޅުކަމުގައި މަދުވެގެން 1،301 ހައްޖާޖީން މަރުވެފައިވާ ކަމަށާއި އެއީ އެ ގައުމަށް އާދަޔާހިލާފު ހޫނު ކަމެއް ކުރިމަތިވުމުން ކަމަށެވެ.
ވޭތުވެދިޔަ 12 މަސް ދުވަހަކީ މިހާތަނަށް ދުނިޔެ ތަޖުރިބާ ކުރި އެންމެ ހޫނު ގަދަ ދުވަސްވަރު ކަމަށް ސައިންސްވެރިން ވިދާޅުވިއެވެ. މީގެ ނަތީޖާއަކީ ބުނަން ނޭނގޭ ބަދަލުތަކެއް މޫސުމަށް އައުން ކަމަށް އެ ފަރާތްތަކުން ވިދާޅުވިއެވެ. އޭގެ ތެރޭގައި ތެލާއި ބޯޓުދެއްޔާއި އަދި ގޭސް އެންދުމުން ދުނިޔޭގެ ހޫނުކަން މައްޗަށް ގޮސްފައިވާ ކަމަށާއި މި ކަމުގެ ސަބަބުން ދުނިޔެ ހޫނުގަދަވެފައިވާ ކަމަށް ސައިންސްވެރިން ވިދާޅުވިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުތަކުގެ ތެރޭގައި ދުނިޔެއިން ގަސް މަދުވުން ހިމެނޭ ކަމަށް ވެސް ސައިންސްވެރިން ވިދާޅުވިއެވެ.



advertisment