Support Us

މޯދީ ރަސްމީ ދަތުރެއް ރަޝިއާއަށް ކުރައްވަނީ

ޔޫކްރެއިން ހިފަން ރަޝިއާއިން ފެށި ހަނގުރާމައަށް ފަހު ފުރަތަމަ ފަހަރަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރަޝިއާއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

މި ދަތުރުގެ ސަބަބުން އިންޑިއާ އާއި ރަޝިއާއާ ދެމެދުގައިވާ ގުޅުންތައް އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ. ރަޝިއާގެ ހަތުރެއް ކަމަށްވާ އެމެރިކާއާ އިންޑިއާގެ ގުޅުންތައް ހަރުދަނާ ކުރި ނަމަވެސް މެއެވެ.

މޯދީ ރަޝިއާއަށް ވަޑައިގަންނަވާ ތާރީހު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޔޫރީ އުޝަކޯފް ރަޝިއާގެ ދައުލަތުގެ މީޑިއާ ޓާސް ނޫސް އެޖެންސީއަށް ވިދާޅުވިއެވެ.

"އިންޑިއާގެ ބޮޑު ވަޒީރުގެ ދަތުރަކަށް އަހަރެމެން ތައްޔާރުވަމުން އަންނަކަމުގެ ޔަގީންކަންދެން. ސީދާ ތާރީހު އަދި ބުނާކަށް ނޭނގޭ. އެ ތާރީހު ހާމަކުރާނީ ދެ ގައުމު ގުޅިގެން،" ޔޫރީ ވިދާޅުވިއެވެ.

މިއީ 2019 ވަނަ އަހަރަށް ފަހު މޯދީ ރަޝިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި ކިރިޔަކިރިޔާ ތިންވަނަ ދައުރަކަށް ހޮވި ވަޑައިގަތްތާ އެއް މަސް ނުވަނީހެވެ.

މޯދީ އެންމެ ފަހުން ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ބައްދަލުކުރެއްވީ 2022 ވަނަ އަހަރު އުޒްބަކިސްތާނުގައި ބޭއްވި ޗައިނާގެ ޝަންގްހާއީ ކޫޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ)ގެ ބައްދަލުވުމުގެ ހަވާސާގައެވެ. އެ ފަހަރު މޯދީ ޕުޓިންއަށް ވިދާޅުވީ "އަދަކީ ހަނގުރާމައިގެ ދުވަސްވަރެއް" ނޫން ކަމަށެވެ. ޕުޓިން ވަނީ ޔޫކްރެއިން ހަނގުރާމަ ފެށިތާ މަސްތަކެއް ކުރިން އިންޑިއާއަށް ޒިޔާރަތެއް ކުރައްވައިފައެވެ.

ދުނިޔޭގައި 1941 އިން 1991 އަށް ހިނގި "ފިނި ހަނގުރައިމައިގައި" ރަޝިއާއާ އެންމެ ގާތް ގުޅުމެއް ބޭއްވި އެއް ގައުމަކީ އިންޑިއާއެވެ. ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް ހުޅަނގުގެ ގައުމުތަކުން އަޅައިފައިވާ ނަމަވެސް ރަޝިއާއާއެކު އިންޑިއާއިން ވަރުގަދަ ގުޅުމެއް ކުރިއަށްގެންދެއެވެ.

އދ.ގައި ރަޝިއާއާ ދެކޮޅަށް ނަގާ ވޯޓުތަކުގައި އިންޑިއާއިން ބައިވެރިއެއް ނުވެއެވެ. އަދި ޔޫކްރެއިން ހިފަން ފަށައިފައިވާ ހަނގުރާމައާ ދެކޮޅަށް ވެސް އިންޑިއާއިން ވަކި އެއްޗެކޭ ނުބުނެއެވެ.

ރަޝިއާއަކީ އިންޑިއާއަށް އަސްކަރީ އެހީ ފޯރުކޮށްދޭ އެންމެ މުހިންމު އެއް ގައުމެވެ. މިއީ ހިމާލިޔާ ފަރުބަދަތަކުގައި އޮންނަ އިންޑިއާ އާއި ޗައިނާގެ ބޯޑަރުގައި ޗައިނާއިން އިންޑިއާއަށް ނުރައްކާ ކުރާތީ އިންޑިއާއަށް ހަތިޔާރު ހޯދުމަށް ރަޝިއާއާއެކު ބާއްވާ މުހިންމު ގުޅުމެކެވެ. މީގެ އިތުރުން ސާފު ނުކުރާ ތެޔޮ ރަޝިއާގެ އަތުން އިންޑިއާ ގަންނަ މިންވަރު އިންޑިއާއިން ވަނީ އިތުރުކޮށްފައެވެ. މިއީ ދުނިޔެއިން އެކަހެރިކޮށްލައިފައިވާ ރަޝިއާގެ "ފުރާނަ ދިރިހުރުމަށް" އިންޑިއާއިން ކޮށްދޭ މުހިންމު ކަމެކެވެ.

އަނެއްކޮޅުން ރަޝިއާގެ އެންމެ ބޮޑު އެއް ހަތުރު ކަމަށްވާ އެމެރިކާއާ ވެސް އިންޑިއާއިންވަނީ ގުޅުންތައް ވަރުގަދަކޮށްފައެވެ. ބޭނުމަކީ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި ޗައިނާއިން އަތްގަދަކުރިޔަނުދޭށެވެ.

މިދިޔަ އަހަރުގެ މި މަހު މޯދީ ވަނީ އެމެރިކާއަށް ރަސްމީ ދަތުރެއް ކުރައްވައި ރައީސް ޖޯ ބައިޑަންއާ ބައްދަލުކުރައްވައިފައެވެ. މި ކަމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި ދިފާއީ، ވިޔަފާރި އަދި ޓެކްނޯލޮޖީގެ ގުޅުންތައް ހަރުދަނާކުރުމެވެ. މި ދަތުރުގައި މޯދީ ވަނީ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސްގައި ތަގުރީރުކުރައްވައިފައެވެ. މި ޝަރަފުވެރި ފުރުސަތު ދެނީ އެމެރިކާގެ އެންމެ ގާތް ރަހްމަތްތެރި ގައުމުތަކަށެވެ. އަދި މޯދީ ވަނީ ވަރަށް ވަރުގަދަ ފަރިއްކޮޅަކަށް ވެސް އިންސާފުކުރައްވައިފައެވެ.

މިދިޔަ އަހަރު އިންޑިއާގައި ބޭއްވި ޖީ.20.ގެ އިސްވެރިންގެ ބައްދަލުވުމުގައި ރަޝިއާއިން ބައިވެރިނުވެއެވެ. ސަބަބަކީ ޔޫކްރެއިން މައްސަލައިގައި ރަޝިއާއާ ދެކޮޅަށް ގިނަ ގައުމުތަކުން ތެދުވެފައިވާތީއެވެ. އަދި ހީކުރެވުނު ގޮތަށް މި ބައްދަލުވުމުގައި ރަޝިއާ ކުށްވެރިކުރާ ގަރާރެއްގައި ވެސް މި ގައުމުތަކުންވަނީ ސޮއިކޮށްފައެވެ.

އިންޑިއާއަކީ އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ގްރޫޕެއް ކަމަށްވާ ކޮޑްގެ މެންބަރެކެވެ. އަދި ރަޝިއާއާ ގުޅުން ބާއްވާ އެސް.ސީ.އޯ އާއި ރަޝިއާ އާއި ޗައިނާ ހިމެނޭ ބީ.އާރް.އައި.ސީ.އެސް.ގެ ވެސް މެންބަރެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *