Support Us

ޔޫކްރެއިން ސުލްހައިގެ ބައްދަލުވުން ފޭލިވި ސަބަބުތައް

ޔޫކްރެއިން ހިފުމަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަކަށް ގެނެވޭތޯ މަސައްކަތް ކުރުމަށް އެތައް ގައުމުތަކުން ސްވިޒަލެންޑްގައި ބޭއްވި ބައްދަލުވުން ވަނީ ފޭލިވެފައެވެ. ރަޝިޔާއިން ޔޫކްރެއިން އިސްތިއުމާރު ކުރަން އުޅެނީ ކަމަށް ޔޫކްރެއިނުން ދެއްކި ވާހަކަތައް ގައުމުތަކުން ގަބޫލެއް ނުކުރިއެވެ. އަދި ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ އަނިޔާވެރިކަން "ސްޕޮންސަރ" ކޮށްގެން އުޅޭ ގައުމެއް ކަމަށްވާ އެމެރިކާއިން، އެމެރިކާގެ ބަލަދުއަރައިފައިވާ ކުޑަކުއްޖެއްހެން ޔޫކްރެއިން ގެންގުޅުނަސް ދުނިޔެއިން އެކަން ބަލައިނުގަތެވެ. ހުދު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް މި ސަމިޓަށް ވަޑައިނުގަތް އޭނާގެ ބަދަލުގައި ފޮނުއްވީ އޭނާގެ ނައިބު ކަމާލާ ހެރިސްއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަރ ޒެލެންސްކީ މި ސަމިޓަށް ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ޔޫކްރެއިންގެ ހުރިހާ ސަރަހައްދަކުން ރަޝިޔާ ސިފައިން ފޭބުމާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ހަނގުރާމައިގެ ޖަރީމާ ހިންގި ކަމަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ ޝަރީއަތެއް ހިންގުމަށް ގައުމުތަކުން ގުޅިގެން ޓްރައިބިއުނަލްއެއް އުފެއްދުން ހިމެނެއެވެ. ނަމަވެސް "ގްރައުންޑް ރިއަލިޓީ" ނުވަތަ "ބިންމަތީގެ ހަގީގަތް"ތަކަށް ބަލައިފި ނަމަ މި ފަދަ ކަންތައްތަކަށް މަގުފަހިވާން އޮތީ ރަޝިއާއާ ދެކޮޅަށް ޔޫކްރެއިންއަށް ކާމިޔާބު ލިބުމުންނެވެ. ހަގީގަތުގައި 2014 ގައި ފެށި ކުރިމަތިލުންތައް 2022 ގައި ސީދާ ހަނގުރާމައަކަށް ފުޅާ ވިޔަސް ޔޫކްރެއިންއަށް ކާމިޔާބު ލިބެމުން އަންނަ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.

ސަމިޓުގެ ނާކާމިޔާބުވުމުގެ އެންމެ ބޮޑު ސިއްރަކީ މި ބައްދަލުވުމަށް ރަޝިއާ ނުގެނެވުނު ކަމެވެ. ހަނގުރާމަ ހުއްޓާލުމުގެ ބާރު އޮތީ ރަޝިއާގެ އަތުގައެވެ. މިހެންވެ، 81 ގައުމުން ސަމިޓުގައި ސޮއި ކުރި ގަރާރުގައި ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް ނިމުމެއް ގެނައުމަށް މާނަވީ ކަންތައްތަކަށް އަލިއަޅުވާލެވިފައެއް ނުވެއެވެ. ނަމަވެސް މުހިންމު ކަންތައްތަކެއްގެ މައްޗަށް މި ސަމިޓުގައި ބަލައިލެވުނެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ ގޮދަން ދަނޑުވެރިކަމާއި ނިއުކްލިއަރ ހަކަތަ އުފައްދާ ޕްލާންޓްތަކުގެ ރައްކާތެރިކަމާއި ރަޝިއާއިން ރަހީނުކޮށްފައިވާ ޔޫކްރެއިން ކުޑަކުދިންނާއި އަސީރުން ދޫކޮށްލުން ހިމެނެއެވެ.

މި ގަރާރުގައި ބްރެޒިލް، އިންޑިއާ އަދި ސައުދި އަރަބިއްޔާއިން ސޮއި ކުރުމަށް ވަނީ ދެކޮޅުހަދައިފައެވެ. ސަބަބަކީ ރަޝިއާ ބައިވެރިނުކޮށް ބޭއްވި ބައްދަލުވުމަކީ ހަމަޖެހޭ ބައްދަލުވުމެއް ނޫން ކަމަށް ބުނެފައެވެ. ބައްދަލުވުމުގައި ބައިވެރިވާން ޗައިނާއިން ވަނީ ސީދާ ދެކޮޅުހަދައިފައެވެ.

މި ބައްދަލުވުން ފޭލިވުމުގައި ޔޫކްރެއިންއާ ސީދާ ގުޅުން ނެތް މައްސަލަތައް ވެސް ހިމެނެއެވެ. އެ ގޮތުން ޔޫކްރެއިންގެ އެންމެ ބޮޑު އެއް ރަހުމަތްތެރި ގައުމަކީ އެމެރިކާ ކަމަށްވެފައި އެމެރިކާގެ އަމަލުތައް ހުރި ގޮތުން ޓައިވާނާއެކު ހަނގުރާމައަކަށް ދިއުމަށް ޗައިނާ ޕްރެޝަރަށް ވެއްޓިފައިވާ މައްސަލަ ވެސް ހިމެނެއެވެ. މި މޭރުމުން ބަލާއިރު ޔޫކްރެއިން ސަމިޓު ފަދަ ރަޝިއާ އާ ދެކޮޅު ބައްދަލުވުމަކަށް ޗައިނާއިން ނުދިޔަ އެއް ސަބަބަކީ ރަޝިއާއަކީ ބަވަނަވެފައިވާ މި ދުނިޔޭގައި ޗައިނާގެ އެންމެ ރަހްމަތްތެރި އެއް ގައުމު ކަމަށްވާތީއެވެ. މީގެ އިތުރުން ސައުތު އެފްރިކާ ފަދަ ބޮޑެތި ގައުމުތަކުން ވެސް މިހާރު ގަބޫލު ކުރަނީ އެމެރިކާއަކީ "ޒަމާނީ އިސްތިއުމާރު" ކުރާ ގައުމެއް ކަމަށާއި ޔޫކްރެއިންއާ ހިސާބުން އެމެރިކާގެ އަސްކަރީ އެދުންތައް ނިންމައިނުލާނެ ކަމަށާއި ދުނިޔޭގެ އެންމެ "އިރުމަތީ"ގެ ގައުމުތަކަށް ވެސް އެމެރިކާއިން ނުފޫޒު ފޯރުވަން މަސައްކަތް ކުރާނެ ކަމަށެވެ. މިގޮތުން މި އެޖެންޑާ ކުރިއަށް ނުގެންދެވިގެން އުޅެނީ އެމެރިކާގެ އިސްތިއުމާރީ މަސައްކަތް ރަޝިއާއާ ހިސާބުން ހިފެހެއްޓުމުން ކަމަށް ވެސް ބައެއް ގައުމުތައް ވަނީ ގަބޫލުކުރަން ފަށައިފައެވެ.

މިހާރު ބެލެވެނީ ޔޫކްރެއިނަށް ރަޝިއާ މަތަކުރެވޭނީ ކޮންމެވެސް ސިފައެއްގައި ރަޝިއާއާ ސީދާ ވާހަކަ ދައްކައިގެން ކަމަށެވެ. މިހެންވެ މި އަހަރު ފަހުކޮޅު އަލުން އެހެން ގައުމެއްގައި ސުލްހައިގެ ބައްދަލުވުމެއް ބާއްވަން ޔޫކްރެއިނުން ވަނީ ނިންމައިފައެވެ. ނަމަވެސް މި ބައްދަލުވުމުގައި ވެސް ރަޝިއާ ބައިވެރިވާނެ ކަމަކަށް ނުފެނެއެވެ.

"ޗައިނާއިން މި ފަދަ ބައްދަލުވުމެއް ބާއްވައިފި ނަމަ މާ މާނަ ހުރި ކަމަކަށް ވެދާނެ،" ޔޫކްރެއިނުން ސިންގަޕޫރަށް ކަނޑައަޅައިފައި ހުންނަވާ އެމްބެސެޑަރު ކެޓަރީނާ ޒެލެންކޯ މި ހަފުތާގައި ވިދާޅުވިއެވެ.

ޗައިނާއިން މިހާރު ހުށަހަޅާ ޝަރުތަކީ ހަނގުރާމަ މިހާރު ގޮސްފައިވާ ހިސާބުތައް ރަޝިއާއަށް ލިބޭ ގޮތަށް ޔޫކްރެއިނުން އެއްބަސްވުމެވެ. ރަޝިއާއިން ބުނީ މިއީ ރަޝިއާއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށާއި މި ކަމާމެދު ޔޫކްރެއިންއާ ވާހަކަ ދައްކަން ތައްޔާރުކަމަށެވެ. ސްވިޒަލެންޑްގައި މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގެ ކުރިން ޕުޓިން ވިދާޅުވީ 2022 ގައި ރަޝިއާގެ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅި ޔޫކްރެއިންގެ ސަރަހައްދުތަކުން ޔޫކްރެއިންގެ ސިފައިން ފައިބަން ޖެހޭނެ ކަމަށެވެ.

ރަޝިއާއިން ޔޫކްރެއިންއާއެކު ސުލްހައިގެ މޭޒަށް އައިސްފި ނަމަ، ރަޝިއާއިން ބޭނުންވާ ހަގީގީ ކަންތައްތައް ފެންނާނެ ކަމަށް ބެލެވެއެވެ. އެއީ ހަމައެކަނި ޔޫކްރެއިންގެ ބައެއް ބިންތައް ރަޝިއާއަށް ދިނުމެއް ނޫނެވެ. ރަޝިއާއިން ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމައެއް ފަށައިފައިވާ މުހިންމު ސަބަބުތަކުގެ ތެރޭގައި ޔޫކްރެއިން ވަކި ފަރާތަކަށް ނުޖެހި ވަކި ގައުމުތަކަކަށް ތާއީދު ނުކުރުމާއި ޔޫކްރެއިންއަކީ ހަތިޔާރު ނެތް ގައުމެއްގެ ގޮތުގައި ކަނޑައެޅުމާއި ރަޝިއާ އާދެކޮޅަށް ނަސްލީ ތަފާތުތައް ނުގެންގުޅެން ހިމެނެއެވެ. މީގެ ތެރޭގައި ޔޫކްރެއިންގައި ރަޝިއާގެ ބަހާއި ސަގާފަތް ނައްތައިނުލުމަށް އެއްބަސްވުން ހިމެނެއެވެ.

ހަގީގަތުގައި، ޕުޓިންގެ ނަޒަރުގައި ޔޫކްރެއިން ހިފުމަކީ ބިންތަކެއް ރަޝިއާއާ އެއްކޮށްލުމެއް ނޫނެވެ. އޭނާ ދެކެވަޑައިގަންނަވަނީ މިއީ ޔޫކްރެއިންއާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫން ކަމަށާއި ނަމަވެސް ހަގީގަތުގައި "ހުޅަނގާ" ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ގޮތުގައެވެ.

މިހާ ހިސާބަށް އައިރު، ޔޫކްރެއިންއިން ނަގާލައިފައިވާ މުހިންމު ފުރުސަތުތައް ވެސް ވެއެވެ. އެ ގޮތުން ތާކިޔެ އާއި ބެލާރަސްގައި ބޭއްވި ބައްދަލުވުންތަކުގައި ޔޫކްރެއިންއަށް މާ ފައިދާ ހުރި ގޮތަކަށް މި ހަނގުރާމަ ހުއްޓާލެވެން އޮތެވެ. ކޮންމެ ގޮތެއް ވިޔަސް، މި ނަގާލި ފުރުސަތުތަކާމެދު ބަހުސް ކުރުމަކީ މިހާރު ފައިދާއެއް އޮތް ކަމެއް ނޫނެވެ. މިހާރު މުހިންމީ ޔޫކްރެއިން ރައްޔިތުން ބަރުދާސްތު ކުރަމުންދާ މާޔޫސްތަކަށް އަވަސް ތަސައްލީއެއް ލިބުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *