Support Us

ކޮފީ ޖެހުމުން ބަދަލުގައި ކާރުގެ ބިއްލޫރިގަނޑަށް ހަމަލާ

އެމެރިކާގެ ސިއެޓްލް ސްޓޭޓްގައި ހިނގި ހާދިސާއެއްގައި ކޮފީގެ އަގާ މެދު ކުރެވުނު ޒުވާބެއް ނިމުނީ ފާޑެއްގެ ހަމަލާއަކުންނެވެ.

އެ ކަން ފެށުނީ ކަސްޓަމަރު ކާރުގައި އައިސް 32 އައުންސްގެ ކޮފީއަށް 24 އައުންސްގެ ފެން އަޅައިފައި މުޅިއެކު 22 ޑޮލަރަށް ވިއްކުމަށް ބުނި ހިސާބުންނެވެ.

"އަ ޓޭސްޓް އޮފް ހެވަން އެސްޕްރެސޯ" ނަމަކަށް ކިޔާ ތަނެއްގައި ކޮފީ ތައްޔާރުކޮށްދޭ މުވައްޒަފު އެމާ ލީ ބުނީ ކަސްޓަމަރު ބޭނުންވީ ތަނުގައި އަގުޖަހައިފައިވާ ވަރަށް ވުރެ އަގުހެޔޮކޮށް އޭނާއަށް ކޮފީ ވިއްކުމަށް ކަމަށެވެ.

"ތަނުގެ އަގުތައް ޖަހައިފައި ހުންނާނީ. އެހެންވީމާ އަހަރެން އޭނާއަށް އޮޅުވައިލީ ކަމަކަށް ތުހުމަތެއް ނުކުރެވޭނެ،" އެމާ ބުންޏެވެ.

ސީސީޓީވީއަށް ދެން އެރީ އާދަޔާ ހިލާފު މަންޒަރެކެވެ. ކަސްޓަމަރު ހިފައިގެން ހުރި ތަށީގައިވާ ކޮފީ އެމާގެ މޫނަށް ޖެހިއެވެ. ދެން ފެނުނީ އެމާ މަރުތޭލަކުން ކަސްޓަމަރުގެ ކާރުގެ ބިއްލޫރިގަނޑު ތަޅައިލައި މަންޒަރެވެ.

އެމާ ބުނީ އާއްމު ގޮތެއްގައި އެ ކަސްޓަމަރަށް އަގުހެޔޮކޮށް 20 ޑޮލަރަށް ވިއްކާއިރު ވެސް، މި ފަހަރު އޭނާ ބޭނުންވީ އެއަށްވުރެ ވެސް އަގުހެޔޮކޮށް ކަމަށެވެ.

"ކުންފުނިން އަގުތައް ކަނޑައަޅައިފައި ހުންނައިރު ކަސްޓަމަރުންނަކަށް ހައްގެއް ނޯންނާނެ ވަކި އަގެއްގައި ވިއްކުމަށް އެދޭކަށް،" އެމާ ފޮކްސް 13 އަށް ބުންޏެވެ.

އެމާ ބުނީ އެއްވެސް ކަސްޓަމަރަކަށް އެ ތަނަށް އައުން މަޖުބޫރު ނޫން ކަމަށާއި ޖަހައިފައިވާ އަގުތައް ނޭނގޭ ކަމަށް ބުނެ އެމާ އޭނާއަށް މަކަރު ހަދަން އުޅުނީ ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ.

"އޭނާ ޒުވާބު ކުރަން ފެށީ. ދެން ބުނީ މި ތަނުން ވިއްކާ އަގުތައް ނޭނގޭ ކަމަށް. އަދި ބުނީ އަހަރެން އޭނާއަށް އޮޅުވައިލަން އުޅުނީކަމަށް،" އެމާ ބުންޏެވެ.

އުމުރުން 23 އަހަރުގެ އެމާ ބުނީ އެމާ ހުރި ސްޓޯލުގެ ކުޑަދޮރު ގަދަކަމުން ހުޅުވަން އެ ކަސްޓަމަރު މަސައްކަތް ކުރި ކަމަށާއި އަދި އެމާ އާ ދިމާއަށް ހަޅޭއްލަވައި ކުޅު ޖެހި ކަމަށެވެ.

"ދެން އޭނާ އަހަރެންނާ ދިމާއަށް ބުނީ އަހަރެންނަކީ އެއްވެސް މީހަކަށް މުހިންމު މީހެއް ނޫންކަމަށް،" އެމާ ބުންޏެވެ.

އެމާ ވަނީ ފުލުހުންނަށް ގުޅައި، މާރާމާރީގެ ކޭސްއެއް އެ ކަސްޓަމަރާ ދެކޮޅަށް ޕޮލިހުގައި ފައިލްކޮށްފައެވެ.

ފުލުހުން ބުނީ އެ ކަސްޓަމަރު މިހާރު އެމާ މަސައްކަތް ކުރާ ތަނަށް އައުން ވަނީ މަނާކޮށްފައި ކަމަށެވެ. އަދި އެ ކަސްޓަމަރު ބޭނުން ނަމަ ކޯޓަށް ގޮސް އެމާ ތަޅައިލި ބިއްލޫރިގަނޑުގެ އަގު ހޯދިދާނެ ކަމަށެވެ.

އެމާ މަސައްކަތް ކުރާ ތަނުގައި މުވައްޒަފުންގެ ޔުނީފޯމަކީ ފަތާއިރު ލާ ކަހަލަ ނިވާކަން ކުޑަ ހެދުމެވެ.

"އަހަރެން ކަންބޮޑެއް ނުވޭ ޣާޒީއެއްގެ ކުރިމައްޗަށް ހުއްޓޭކަށް. ކޮންމެ ކަހަލަ ހެދުމެއް ލިޔަސް އެ ކަސްޓަމަރަށް ނޯންނާނެ އެ ގޮތަށް އަމަލު ކުރުމުގެ ހައްގެއް. ކޮންމެ ކަހަލަ މާހައުލެއްގައި ވިޔަސް އެ ކަސްޓަމަރަށް އެ ގޮތަށް އަމަލު ކުރުމުގެ ހައްގެއް ނޯންނާނެ. އޭނާ ރުޅި އައުން އޯކޭ އެކަމަކު އަހަރެން އެ ކަމާ މެދު ފިޔަވަޅު އެޅުން އޯކޭއެއް ނޫން. މިއީ ކޮންކަހަލަ އިންސާފެއް،" އެމާ ބުންޏެވެ.

ސީސީޓީވީގެ ފުޓެޖް އިންސްޓަގްރާމްގައި ހިއްސާކުރަމުން އެމާ ބުނެފައިވަނީ ހަގީގީ މައްސަލައަކީ މުޖުތަމައުގައި އަންހެނުންނަށް އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަން ނުދެވޭ މައްސަލަ ކަމަށެވެ.

"ރައްކާތެރިކަމަށް ބަލާއިރު އަންހެނުންނާއި ފިރިހެނުންނާ ބޮޑު ތަފާތުކުރުމެއްވޭ. އަހަރެމެން މި ސިނާއަތުގައި މަސައްކަތް ކުރަމުން ގެންދަނީ އެކަނިހައްޓަށް. ކިރިޔާ އައުރަ ނިވާ ވާވަރުގެ އަންނައުނު ތުރުކޮށްގެން. އަދި މުޅި ދުވަހުގެ ހިދުމަތް ދޭން ޖެހެނީ ދުވަހަކު ނުވެސް ދަންނަ ފިރިހެނުންތަކަކަށް،" އެމާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ކަން މިހެން ހުރި ނަމަވެސް ގިނަ ކަސްޓަމަރުން ހިތްހެޔޮ ކަމަށާއި އަދި އެމާއަށް އިހުތިރާމް ކުރާ ކަމަށެވެ.

"ނަމަވެސް މަދު ބަޔަކު އުޅޭ ޖިސްމާނީ ގޮތުން އަނިޔާވެރިކަން ދައްކައި، އަދި ބަދު ބަސް ބުނާ،" އެމާ ބުންޏެވެ.

އިންސްޓަގްރާމްގައި އެމާ ފޮލޯ ކުރާ ބައެއް މީހުންގެ މެދުގައި ހިޔާލު ތަފާތު ވިޔަސް، ގިނަ މީހުން ވަނީ އެމާގެ ދިފާއަށް ތާއީދުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *