Support Us

ކޮލަމް: މީތިނުކިޔާތި

މީތިނުކިޔާތި: މާމަގެ ނަސޭހަތް- އަބަދުވެސް އުފާވެފައި ހުރެވޭނެ 11 ގޮތް

1. ދުނިޔޭގެ މި ދިރިއުޅުމުގައި ހަޔާތުގައި މައްސަލަތައް ދިމާނުވާ މީހަކު ހުންނާނެ ކަމަށް ގަބޫލު ނުކުރާށެވެ. މައްސަލަތައް ކުރިމަތިވަނީ ހަމައެކަނި ތިބާއަކަށް ނޫނެވެ.

2. ދިރިއުޅުމުގެ ގޮންޖެހުންތަކަކީ ހަޔާތުގެ ބައެކެވެ. ގޮންޖެހުން ކުރިމަތިނުވާނީ ހަމައެކަނި މަރުވެފައިވާ އިންސާނުންނަށެވެ.

3. ހައްލެއް ނެތް މައްސަލައެއް ނުހުންނާނެވެ. ތިބާ ތަޖުރިބާ ކުރަމުންދާ އުދާސްތަކަށް ހައްލުތައްވެއެވެ.

4. ތިބާގެ ސިކުނޑީގައިވާ ތިބާގެ ތަސައްވުރުން ތިބާގެ އުފާވެރިކަމުގެ އިހުސާސްތަކަށް ނުފޫޒު ފޯރުވައެވެ. ތިބާއަކީ އަގުހުރި އަދި ރިވެތި މީހެއްގެ ގޮތުގައި ސިފަކުރާށެވެ. އަމިއްލަ ނަފުސަށް ކުރާ އިތުބާރު ވަރަގަދަކޮށް، ތިބާއަކީ އެހެން މީހުންނަށްވުރެ ދަށުދަރަޖައިވާ މީހެއްކަމަށް ނުދެކޭށެވެ.

5. އެހެން މީސްތަކުން ތިބާއާމެދު ބުނާ ބުނުންތަކާ އަޅާނުލާށެވެ. ބައެއް މީހުންނަކީ ހިތް ތަޣައްޔަރުވެފައިވާ ހަސީލަތް ނުބައި ބައެކެވެ. ތިބާއަށް ހިތާމަވެރިކަން ގެންނަން އެ މީހުން ކޮންމެ ފަދަ ވާހަކައެއްވެސް ދައްކައިފާނެއެވެ.

6. ރަހްމަތްތެރިކަން ބާއްވަންވާނީ އިންސާފުގެ މަގުން ހިނގައި، ތިބާއަށް އުފާވެރިކަން ގެނެސްދޭ މީހުންނާއެވެ. ތިބާއަށް މަލާމާތްކޮށް، ތިބާއަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ސަމާސާއަކަށް ހަދާ މީހުންނާ އެކުވެރިކަން ނުބާއްވާށެވެ.

7. ތިބާގެ ހުސްވަގުތުތައް ހޭދަ ކުރަންވާނީ ތިބާ ކުރާހިތްވާ ކަންތައްތަކުގައި މަސްއޫލުވެގެންނެވެ. އެ ގޮތުން މައުލޫމާތު ލިބިގަތުމާއި ކަންތައްތައް ދަސްކުރުން ފަދަ "ހޮބީ"ތަކުން ހިތްހަމަޖެހުން ލިބިގަންނާށެވެ.

8. ފައިސާ އާއި މާއްދީ ކަންތައްތަކުން ތިބާ މާޔޫސްކޮށްލުމަށް އެއްވެސް މީހަކަށް ފުރުސަތު ނުދޭށެވެ. މިއަދު ފަގީރުވެފައިވާ މީހަކު މާދަމާ މުއްސަންޖަކަށް ވެދާނެއެވެ. ބަދަލަކީ އަބަދުމެ ބަދަލުވާ އެއްޗެކެވެ.

9. މިއަދު ތިބާ ތަހައްމަލު ކުރަމުންގެންދަނީ ކޮންމެ ކަހަލަ ކަންތައްތަކެއް ކަމަށްވިޔަސް، އެއްވެސް އިރެއްގައި ހިތްވަރު އެލުވައިނުލާށެވެ. ތިބާގައި ފުރާނަ ހުރިހާ ހިނދަކު، އުއްމީދަކީ ކުރިމަތީގައިވާ އެއްޗެކެވެ. ކުރަން އުޅޭ ކަމެއް ދުވަހަކު ވެސް ދޫނުކޮށްލާށެވެ. އެ ކަމަށް އިތުރު ވަގުތު ދޭށެވެ.

10. އަބަދުވެސް އަޅުކަމުގައި ދެމިހުންނާށެވެ. ހުއްޓައިނުލާ އަޅުކަން ކުރާށެވެ. އަޅުކަމަކީ ތިބާއަށް ލިބެން އޮތް ރިޒުގު ތިބާއަށް އަވަހަށް ލިބުމަށް ހުޅުވޭ ދޮރެކެވެ.

11. ތިބާ ބޭނުންވާ ކަންތައްތަކަށް ވާސިލުވުމަށް ހިތްވަރު ކުރާށެވެ. ހަޔާތަކީ މުޅިންވެސް "ރިސްކް" ނުވަތަ ޔަގީންކަމެއް އެކުނުލެވޭ ކަންތައްތަކެވެ. މިހެންވެ، ޔަގީންކަމެއް ނެތް ކަންތައްތައް ހޯދައިގަތުމުގައި ފަސް ޖެހޭ ނަމަ، ތިބާ އެދޭ ކަންތައްތައް ދުވަހަކުވެސް ތިބާއަކަށް ނުލިބޭނެއެވެ.