Support Us

އިންޑިއާގެ އާ ސަރުކާރު ގާއިމު ކުރާނީ ބީ.ޖޭ.ޕީ ކަމަށް މޯދީ އިއުލާން ކުރައްވައިފި

އެޕްރިލް މަހުގެ 19 އިން ފެށިގެން ހަތް ފިޔަވައްސަކަށް ބަހައިލައިގެން ހޮނިހިރު ދުވަހާ ހަމައަށް ދެމިގެން ދިޔަ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެޓިކް ހަރަކާތް ކަމަށްވާ އިންޑިއާގެ އާއްމު އިންތިހާބު ކާމިޔާބު ވެއްޖެ ކަމަށް މިހާރުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިރޭ އިއުލާން ކުރައްވައިފިއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ލޯކް ސަބާގައި ހިމެނޭ 543 ގޮނޑީގެ ތެރެއިން 200 އަށްވުރެ ގިނަ ގޮނޑު ކާމިޔާބު ކުރާނީ ވެރިކަން ކުރާ ބީ.ޖޭ.ޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ކުދި ޕާޓީތަކުގެ ކޯލިޝަނުން ކަމަށް މޯދީ ވިދާޅުވިއެވެ. އަދި މިހެންވެ މި މަހުގެ މެދުތެރޭގައި އާ ސަރުކާރު ގާއިމު ކުރާނީ އޭނާގެ ޕާޓީން ކަމަށް މޯދީ ވިދާޅުވިއެވެ.

ގާތްގަނޑަކަށް 969 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިންތިހާބުގައި 642 މިލިއަން މީހުން ވަނީ ވޯޓުލައިފައެވެ. މިއީ އިންޑިއާގެ ޑިމޮކްރެސީގައި ރެކޯޑެކެވެ. އެގްޒިޓް ޕޯލްތަކުން ނުވަތަ ވޯޓު ލީ ކާކަށްތޯ ހިޔާލު ހޯދުމުގެ ތަފާސްހިސާބުތަކުން ވެސް މިހާތަނަށް ދައްކަނީ މޯދީއަށް ނާދިރު ތިން ވަނަ ދައުރެއް ލިބޭނެ ކަމަށެވެ.

ނަމަވެސް މި ފަހަރުގެ ނަތީޖާ މި ރެއާ ހަމައަށް ދެއްކި ގޮތުން ބީ.ޖޭ.ޕީ އަށް ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ލޮކް ސަބާގައި އޮތް މެޖޯރިޓީ ވަނީ ގެއްލިފައެވެ. އަދި މި ސަބަބާ ހުރެ މޯދީގެ ތިން ވަނަ ދައުރު ވެގެންދާނީ އޭނާގެ ވަރަށް "ނިކަމެތި ސަރުކާރެއް" އޮންނާނެ ދައުރަކަށް ކަމަށް ސިޔާސީ ތިޖުރިބާކާރުން ވިދާޅުވިއެވެ.

"ކިރިޔަކިރިޔާ ވެރިކަމުގައި މޯދީގެ ސަރުކާރު ދެމިއޮންނާނީ. އޭނާގެ ސަރުކާރު މި ފަހަރު ބަރޯސާ ކުރަން ޖެހިފައިވަނީ ކުދި ޕާޓީތަކަކާއެކު ކަމަށްވާތީ މޯދީގެ ސަރުކާރު މި ފަހަރު ވާނީ ވަރަށް ނިކަމެތި ސަރުކާރަކަށް،" ސިޔާސީ ތަޖުރިބާކާރެއް ވިދާޅުވިއެވެ.

ސިޔާސީ ތަޖުރިބާކާރު އަދި ހިންދީ ޕްރޮފެސަރެއް ކަމަށްވާ އަޕޫރުވާނަންދު ވިދާޅުވީ ވަޒީފާ ނުލިބުމުގެ މައްސަލައިގައި އިންޑިއާގެ ޒުވާނުން މި ފަހަރު ތިބީ ބީ.ޖޭ.ޕީ ދެކެ "ރުޅިގަދަ ވެފައި" ކަމަށެވެ.

"ތާހިރު ދިރިއުޅުމެއް ނުލިބޭ ނަމަ ހިންދީ ދީނުގެ 'ސުވަރުގެއެއްގައި' އުޅުމުގެ މާނައެއް ނެތް ކަމަށް ރައްޔިތުން މިހާރު ދެކެނީ،" އޭނާ ވިދާޅުވިއެވެ.

މޯދީގެ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ހިންދީ ދީނުގެ ކޯލިޝަން ވަރަށް ނާޒުކު ފައްތަރަކަށް ވެއްޓެން މި ފަހަރު ދިމާވީ ރާހުލް ގާންދީގެ އިދިކޮޅު އިންޑިއަން ނެޝަނަލް ކޮންގްރެސް ޕާޓީގެ ކޯލިޝަނުން ބޮޑެތި ކާމިޔާބުތަކެއް ހޯދައިފައިވާތީއެވެ. އެ ގޮތުން ބާބްރީ މިސްކިތް ތަޅާލައި އެ ތާނގައި ހިންދީ ފައްޅިއެއް އަޅައިގެން ހިންދީ ދީނުގެ ރައްޔިތުންގެ ވޯޓު ހޯދުމަށް މޯދީ ކުރެއްވި މަސައްކަތް ވެސް މި ފަހަރު ދިޔައީ ފެނަށެވެ.

އާ ސަރުކާރެއް އުފައްދަން 272 ގޮނޑި ބޭނުންވާއިރު އެ އަދަދަށް ގޮނޑި ނުލިބުނަސް ކުދި ޕާޓީތަކުން ބީ.ޖޭ.ޕީ.އާ ގުޅޭނެ ކަމަށް ބެލެވޭތީ މޯދީ ތިންވަން ދައުރަކަށް ހޮވޭނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ. އަދި އާ ސަރުކާރު ގާއިމު ކުރާނީ ބީ.ޖޭ.ޕީން ކަމަށް މިހާ އަވަހަށް މިރޭ މޯދީ އިއުލާން ކުރެއްވީ ވެސް މިހެންވެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ.

ރާހުލްގެ ކޮންގްރެސް ޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް 200 އަށްވުރެ ގިނަ ގޮނޑި ލިބޭނެ ކަމަށް ވަނީ ބެލެވިފައެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު ބީ.ޖޭ.ޕީ އާއި ގުޅިފައިވާ ކޯލިޝަނަށް ލިބުނު ދެރައެކެވެ. ސަބަބަކީ އެ އަހަރު އެ ކޯލިޝަނަށް ލިބުނު 353 ގޮނޑީގެ ތެރެއިން ބީ.ޖޭ.ޕީއަށް އެކަނިވެސް 303 ގޮނޑި ލިބުނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *