ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުން އަންނަ ހަމާސް އާއި އިސްރާއީލުގެ އަސްކަރިއްޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓައިލަން އެމެރިކާއިން ހުށަހަޅައިފައިވާ ސުލްހައިގެ އެއްބަސްވުން ގަބޫލުކުރާ ކަމަށް އިސްރާއީލު ސަރުކާރުން ބުނެފިއެވެ.
އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫގެ ހާރިޖީ އިސް މުސްތަޝާރު އޮފިރް ފަލްކް ބުނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލާނެ ގޮތުގެ މަގުޗާޓަކީ "ރަނގަޅު އެއްބަސްވުމެއް ނޫން" ކަމަށެވެ.
"މިއީ އަހަރެމެން އެއްބަސްވި އެއްބަސްވުމެއް. ނަމަވެސް އަހަރެމެން ބޭނުންވަނީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ހަމާސްއިން ރަހީނު ކުރި ހުރިހާ އަސީރުން މިނިވަންކުރަން،" އޮފިރް ބުންޏެވެ.
އޭނާ ބުނީ މި އެއްބަސްވުމުގެ ދަށުން އަދިވެސް އިތުރު ކަންތައްތަކަށް އެއްބަސްވާން ޖެހޭ ކަމަށާއި ނަމަވެސް ހަމާސް އެއްކޮށް ނައްތައިލުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ރޭގެ ވަގުތެއްގައި އެމެރިކާގެ ހާރިޖީ ވަޒީރު އެންތޮނީ ބްލިންކަން ވަނީ ސުލްހައިގެ އެއްބަސްވުމާމެދު މަޝްވަރާ ކުރައްވަން އިސްރާއީލުގެ ދިފާއީ ވަޒީރު ޔޮއަވް ގެލަންޓް އަދި އިސްރާއީލުގެ ހަނގުރާމަތީ ކެބިނެޓްގެ މެންބަރު ބެނީ ގޭންޓްޒްއަށް ފޯނުން ގުޅުއްވައިފައެވެ.
އޮއަވްއާ ދެއްކެވި ވާހަކައިގައި އިސްރާއީލު ސަރުކާރުން ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނަށް އެއްބަސްވުމުން އެ ކަމަށް އެންތޮނީ ތައުރީފު ކުރެއްވި ކަމަށް އެމެރިކާގެ ހާރިޖިއްޔާއިން ބުންޏެވެ.
"މި ސުލްހައިގެ އެއްބަސްވުމުގެ ސަބަބުން ދުރު ކުރިމަގެއްގައި އިސްރާއީލުގެ ސަލާމަތީ ކަންތައްތައް ހަމަޖެހިގެންދާނެ. އަދި މެދުއިރުމަތީގެ ގައުމެއްގެ ގޮތުގައި އޮތުމަށް އިސްރާއީލަށް މަގުފަހިވެގެންދާނެ،" އެމެރިކާގެ ހާރިޖިއްޔާއިން ބުންޏެވެ.
އެމެރިކާ އާއި މިސްރާއި ގަތަރު ގުޅިގެން ކުރިއަށްގެންދިޔަ ސުލްހައިގެ ވާހަކަތައް ފޭލިވުމާ ގުޅިގެން ބައިޑަން އާ ސުލްހައިގެ މަގުޗާޓެއް ބުރާސްފަތި ދުވަހު އިސްރާއީލަށާއި ހަމާސްއަށް ހުށަހެޅި ނަމަވެސް ދެ ފަރާތުން ވެސް މި ޕްލޭނަށް އެއްބަސްވިއެއްކަމަކު އިސްރާއީލުން އަދިވެސް ބުނަމުންދަނީ ހަމާސް އެއްކޮށް ނައްތާލައިފައި މެނުވީ ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށެވެ. ނަމަވެސް ބައިޑަން ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ކަހަލަ ހަމަލާއެއް ދިނުމުގެ ގާބިލުކަން ހަމާސްގައި މިހާރު ނެތް ކަމަށެވެ.
ބައިޑަން މިހެން ވިދާޅުވި ނަމަވެސް ރޭގައި ވެސް އިސްރާއީލުން ވަނީ ނުސީރާތު ރެފިއުޖީ ކޭމްޕަށް ވައިގެ މަގުން ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފައެވެ. އަދި ޣައްޒާގެ މެދުތެރޭގައިވާ ނުސީރާތުގެ ކައިރީގައިވާ ބުރައިޖުގެ ރެފިއުޖީން ކޭމްޕަށް ވެސް ހަމަލާދީފައެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން ހަމަ ރޭގައިވަނީ ޚާން ޔޫނިސްގައި އާއްމުން ދިރިއުޅޭ ގެތަކަށް ހަމަލާދީ 12 މީހުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނެއެވެ.
"ކޮންމެ ގޮތެއް ވިޔަސް ޣައްޒާގައި ހަމާސްގެ ވެރިކަމެއް ހިންގަން އަހަރެމެން އެއްބަހެއްނުވާނަން،" ޔޮއަވް ބުންޏެވެ.
ބައިޑަންގެ ހުށަހެޅުއްވުން ރަނގަޅު ކަމަށް ހަމާސްގެ ތަރުޖަމާނު އުސާމާ ހަމްދާން ވިދާޅުވިއެވެ. ނަމަވެސް ލިޔެކިޔުމުން އެ ސުލްހައިގެ މަގުޗާޓު ހަމާސްއަށް އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލާ ދީ 1،139 އެއްހާ ޔަހޫދީން މަރައިލައި 250 އެއްހާ ޔަހޫދީން ރަހީނު ކުރުމުން އެ ކަމުގެ ބަދަލެއްގެ ގޮތުގައި ކަމަށް ބުނެ އިސްރާއީލުން ހަމާސްއާ ދެކޮޅަށް ފެށި ހަނގުރާމާގައި މިހާތަނަށް ފަލަސްތީނުގެ 36،439 މީހުން ޝަހީދުވެ، 82،627 މީހުން ޒަހަމްވެފައިވެއެވެ.



advertisment