ފޮޓޯ ނަގައި ނިމިގެން މާޔާ ތެދުވަން އުޅުނު ވަގުތު ކެވެލިކޮޅު ތިރިއަށް ވެއްޓުނު އަޑަށް ބަލައިލެވުނެވެ. ގުދުވެފައި ކެވެލިކޮޅު ނަގައި އަތުގައި އަޅަން ބަލާލިއިރު އޭނާގެ އަތުގައި ކެވެލިކޮޅު އެބައޮތެވެ. ކެވެލިކޮޅު އަތުުގައި ބާއްވަމުން އޭގައި އިން ނަން ބަލާލިއިރު އޭގައި އިނީ ޝީތުގެ ނަމެވެ.
"އެންމެ ފަހުން ޝީތު މިގެއަށް އައީ ކޮންއިރަކު؟" ޖިންސުގެ ޖީބަށް ކެވެލިކޮޅު ލަމުން މާޔާ ސުވާލުކުރީ މިކިއަލް އާއިއެވެ. ކެމެރާގެ ފޮޓޯތައް ނަގަން މިކިއަލް ގޮސް އިނީ ލެޕްޓޮޕް ދޮށުގައި މާޔާއަށް ފުރަގަސްދީގެންނެވެ. އޭނާގެ ސުވާލާއި އެކު މިކިއަލްގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. މިކިއަލް ދޭނެ ޖަވާބަކާއި މެދު ޝައުޤުވެރިވެފައި މާޔާއަށް އިނދެވުނެވެ. އޭނާގެ ދެއަތުން އެނދުގެ ބެޑްޝީޓުގައި މާޔާއަށް ހިފަހައްޓާލެވުނެވެ.
"މިގެއަށް؟ ނާދޭ މިއިން ދުވަހަކުވެސް. އަދި އަމުދުން އަހަރެމެން ރައްޓެހިވިފަހުން ޝީތު މިގެއަކަށް ނުވަދޭ،" ހަމަޖެހިލާފައި މިކިއަލް ޖަވާބު ދިނީ އެއަޑުގައި އިތުރު ތުރުތުރުއެޅުމެއް ނުވާ ފަދައިންނެވެ. އެކަމަކު އެއީ އޭގައި އެއްވެސް ހަޤީޤަތެއް އެކުލެވިގެންނުވާ ރީތި ދޮގެއްކަން މާޔާއަށް އެނގެއެވެ. އޭނާގެ ޖީބުގައި އޮތް ކެވެލިކޮޅަކީ މަންމަ އާއި ދޮންބައްޕަ ރަށުންބޭރަށް ގޮސް އަންނަމުން ގެނައި ކެވެލިކޮޅެކެވެ.
** **
އިތުރު ސުވާލުކުރުމަކާއި ނުލައި މާޔާ ނިކުމެގެން އައީ އޭނާގެ ހިތަށްކުރި އަސަރުންނެވެ. މިކިއަލް އަށް އޭނާ ދުވަހަކުވެސް ޝައްކުކުރަން ބޭނުމެއް ނޫނެވެ. މިކިއަލް އޭނާއަށް ދޮގުހެދީ ކީއްވެ ކަމެއް ނޭނގެއެވެ. އެ ދެ މީހުންނަކީ އެކުވެރިންކަމާއި މާޔާ އައުމުގެ މާކުރިންވެސް އެގެއަށް ޝީތު ވަދެ ނިކުންނަކަން އެނގެއެވެ. އެކުވެރިއެއްގެ ހައިސިއްޔަތުން ޝީތު ކޮންމެ ދުވަހަކު އެތަނަށް ވަތްކަމުގައި ވިއަސް އޭނާއަށް ވަރިހަމައެވެ. އެކަމުގައި އޭނާ ކުރާނެ ޝަކުވާއެއް ނޯންނާނެކަން މިކިއަލްއަށްވެސް އެނގޭނެއެވެ.
ޝީތު މިކިއަލް އާއި ގަޔާވާކަން އޭނާ ހަނދާނުގައިވެސް ނެތެވެ. ފަހުން ޝީތު އަމިއްލައަށް އޭނަ އާއި ވާހަކަ ދެއްކީ މިކިއަލްގެ މަތިން ހަނދާން ނައްތާލާފައި ކަމުގައި އޭނާއަށް ހީވިއެވެ. އެއީ ޝީތު ޖެހި މަޅިއަކަށް ވެދާނެއެވެ. އޭނާގެ ލޮލަށް ދެއްކި ކެއްސަކަށް ވެދާނެއެވެ. އެކަމުގައި މިކިއަލް ބައިވެރިވެދާނެ ކަމަށް އޭނާ ހިޔެއް ނުކުރެއެވެ.
** **
އެރޭގެ ނިންޖާއި މުޅިން ދުރުވެ މުޅި ރޭ މާޔާ ހޭދަކުރީ އެނދުގެ އެއްފަރާތުން އަނެއްފަރާތަށް ފުރޮޅި ފުރޮޅިއެވެ. ފަތިސްވެފައި ހުއްޓާ އެނދުން ތެދުވެ ބޭރަށް ނިކުތީ އޭސީގެ ފިނިކަންމަތިން ފޫހިވެ ތާޒާ ވައިޖައްސާލާށެވެ. އެޕާރޓްމެންޓަށް ވަންނަ ސިޑިމަތީ އިށީދެލައިގެން މާޔާ އިނެވެ. ކޮރިޑޯތެރޭ އެލުވާފައި ހުރި ޕޮޓްތަކުގައި ހުރި ގަސްތައް އޭނާގެ ލޮލުގައި އަޅައިގަތެވެ. ޑެއިޒީ ގަހުގައި ފަތަށްވުރެ ގިނައިން މާފޮޅިފައިވާތަން ފެނި އެދިމާލަށް އޭނާ ހިނގައިގަތެވެ. ގަހުގެ ފުރިހަމަކަން ތަސްވީރެއްގެ ސިފައިގައި އޭނާގެ ފޯނުގައި ރައްކާކުރުމަށްފަހު އެތަނުން މަލެއް ބިނދެލި ވަގުތު ފަހަތުގައި މީހަކު ހުއްޓުނުކަމުގެ އިހްސާސްވިއެވެ.
"މާ ބިނުމުގެ ނަޞީބު ލިބެންވާނީ އޭގެ ހައްޤުވެރިޔާއަށް އެކަނި." ރާމީން ފެނިފައި މާޔާ ހިނިތުންވެލިއެވެ. އަތުގައި އޮތް މަލަށް ބަލާފައި މާޔާއަށް އަހައިލެވުނީ އެގަހަކީ ރާމީންގެ ގަހެއްތޯއެވެ. އޭނާއަށް ހީވީ ރާމީންގެ ހުއްދަ އާއި ނުލައި ގަހުގައި އަތްލައިގެން އެކަމުގެ ޝަކުވާ އައީހެންނެވެ.
"އަހަރެންގެ ގަހެއް ނޫން، އެކަމަކު އަހަންނަށް ޔަޤީން އެއީ މާޔާގެ އެއްޗެއްވެސް ނޫންކަން." ރާމީންގެ ބޮލުން ފެށިގެން ފަޔާއި ހަމަޔަށް ބަލައިލެވުނީ ދެނެވެ. ސަމާސާ ހިނިތުންވުމެއްގައި ނޫނީ ރާމީން ދުވަހަކުވެސް ނުފެނެއެވެ. އެއީ އެއްވެސް ނުތަނަވަސްކަމެއް ނުވާ ފިރިހެނެއް ފަދައެވެ. އަބަދުވެސް ހެވިފައި ހުންނަނީ ހަޔާތުގެ އުފާވެރިކަމުން ނޫނީ ނުވާނެއެވެ.
"މިހާ ހެނދުނާއި ކޮންތާކުން ތިއައީ؟ ރޭގައި ނިދީ ގެއަކު ނޫންތަ؟" މާޔާވެސް ބޭނުންވީ ސަމާސާކޮށްލާށެވެ. ރާމީންގެ ލޯބިވެރިއަކު ހުންނަހެން ހިއެއް ނުވެއެވެ. އެކަމަކު ނުހުރެދާނެއޭ ޔަޤީންކަމާއި އެކު ބުނާކަށް ނޭނގެއެވެ. ބައެއް މީހުން އެމީހުންގެ ދިރިއުޅުން ބާއްވަނީ ސިއްރެއްގެ ގޮތުގައެވެ.
"މިސްކިތުން މިއައީ." ރާމީންގެ ޖަވާބު އަހާފައި މާޔާ ލަދުގަތެވެ. އޭނާ ހީކުރި ފަދަ ލާނެތް ޒުވާނަކަށް ރާމީން ނުވިއެވެ. އަދި އަމުދުން ފަތިހުގެ ނިދި ނަގާލާފައި ނަމާދުކޮށްގެން އައިކަން އިނގުމުން އަމިއްލަ ނަފްސު ކުށްވެރިވި ކަހަލަ އިހްސާސެއް ކުރެވުނެވެ. ދީނީ ކަންތަކުގައި އޭނާއަށްވުރެ ފަރުވާކުޑަ މީހަކު ހުންނާނެހެން ހިއެއް ނުވެއެވެ.
"ހިނގާ ކޮފީއެއް ބޯލަން ދާން." ރާމީން އޭނާގެ ތަބީއަތް އަނެއްކާވެސް ރަނގަޅުކޮށްލަދިނެވެ. ކޮފީއެއް ބޯން ދައުވަތު ދިނުމުން އަނެއްކާވެސް ކުރީގެ އުފާވެރިކަން އެނބުރި ލިބިގެން ދިޔައެވެ. ރާމީންގެ ފަހަތުން އެޕާރޓްމެންޓަށް ވަނުމުން އޭނާ ކައިރީ އިށީންނަން ބުނެފައި ރާމީން އުޅުނީ ކޮފީ ގިރައިދޭށެވެ. އެކަމަކު ރާމީން ހުއްޓުވާފައި މާޔާ ދެޖޯޑުގައި ކޮފީ ގިރައިދިނެވެ.
** **
މާޔާ ކޮބައިތޯ ބަލަން އެކޮޓަރިއަށް ވަން ޝަރުމީލާ ހިތްބިރުގަތީ އެނދުގައި މާޔާ ނެތްތަން ފެނިފައެވެ. ރޭގަނޑު ނިދަންވެސް ނާންނަނީބާއޭ ޝަރުމީލާ ހިތަށް އެރިއެވެ. މާޔާއަށް ގުޅަން ހިތަށް އަރައި ހިނގައިގަންނަން އުޅެނިކޮށް ލޮލުގައި އަޅައިގަތީ މާޔާގެ ލެޕްޓޮޕެވެ.
މިކިއަލް އާއި ބެހޭ ކުޑަވެސް މައުލޫމާތެއް އޭގެން ލިބިދާނެއޭ އޭނާގެ ހިތަށް އެރިއެވެ. މާޔާ އައުމުގެކުރިން ބަލައިލެވޭތޯ ޝަރުމީލާ އަވަސްވެގަތެވެ. އޭނާއަށް މާޔާގެ ލެޕްޓޮޕް ހުޅުވަން އެނގުނެވެ. އޭގެ ފާސްބަސް އިނީ އަދިވެސް އެންމެ ކުރިންވެސް އިންނަގޮތަށެވެ. ލޮގިންވެލުމުން ޝަރުމީލާއަށް ފެނުނީ ހީކުރި ފަދަ މަންޒަރެއް ނޫނެވެ. އޭނާއަށް ފުރަތަމަވެސް ދެލޯ މަރައިލެވުނެވެ. މިނެޓެއްހާއިރު ފަހުން އަލުން ލޯ ހުޅުވައިލީ ހިތާއި ދެކޮޅަށެވެ.
ލެޕްޓޮޕުގެ ސްކްރީނަށް އޭނާ ބަލައިލީ ޔަޤީންނުވެފައެވެ. އެއީ އޭނާގެ ތަރުބިއްޔަތާއި ހިދާޔަތުގެ ދަށުން ބޮޑުވި އަންހެން ދަރިއަކު ޖެހިލުމެއް ބިރެއްނެތި ބަލާ މަންޒަރުބާއޭ ހިތަށް އެރިއެވެ. އެފަދަ ކަންތައްތަކަށް މާޔާ ޝައުޤުވެރިވީ ކޮންއިރަކު ކަމެއް ނޭނގެއެވެ. އޭނަ އާއި މާޔާގެ ދެމެދުގައިވި ދުރުމިން އިހްސާސްވިއެވެ. އެކަމުގައި އޭނާ ކުށްވެރި ނުވާނޭ އެއްވެސް ގޮތެއް ނެތެވެ.
އެކޮޓަރިން ނިކުންއިރު ޝަރުމީލާގެ ދެފައި ތުރުތުރުއަޅައެވެ. ވީ އެންމެ އަވަހަކަށް އޭނާގެ ކުރިމައްޗަށް މާޔާ ގެންނަން އޭނާ ބޭނުންވިއެވެ. ޖަވާބުދާރީ ކުރުވަން ބޭނުންވިއެވެ. އޭނާ އައިސް ކޮޓަރިއަށް ވަންއިރު ޔޫނުސް އުޅެނީ އޮފީހަށްދާން ތައްޔާރުވާށެވެ. ޝަރުމީލާގެ ހަރަކާތްތައް ހުރިގޮތުން ކަމެއް ގޯސްވެއްޖެކަން ޔޫނުސްއަށް އެނގުނެވެ. މާޔާއަށް ގުޅައި ޝަރުމީލާ ސުވާލުކުރީ ވަރަށް ހަރުކަށިކޮށެވެ. ހަމަ މިހާރު ގެއަށް އަންނަން އަމުރުކޮށްފައި ފޯނު ބޭއްވުމުން ޔޫނުސް އެކަމާއި ގުޅޭގޮތުން އެއްސެވެ.
އެއީ މާޔާ އާއި ގުޅޭ ކަމަކަށް ވާތީ ފިރިމީހާ ވިއަސް ކިޔައިދެން އުދަނގޫވިއެވެ. ޝަރުމީލާ ބުނެލީ ރޭގައި މާޔާ ނިދަން ނާންނަ ވާހަކައެވެ.
"މާޔާ ދާ ތަނެއް އަހަރެން ފިޔަވައި ދެން ކާކަށްތަ އެނގެންޖެހޭނީ؟" ޝަރުމީލާގެ ހިތަށް ކުރި އަސަރުގެ މައްޗަށް ރުޅި ގަދަވެގަތެވެ.
"އަހަންނަށްވެސް އެނގޭ މާޔާގެ ހުރިހާ ކަމެއް އެނގެންޖެހޭ ފަރާތަކީ ތިއީކަން، އެކަމަކު އެކުދިން ބޮޑުވަމުން އަންނައިރު މަންމައަށްވެސް ބައްޕައަށްވެސް ކިޔައިދެން ނުކެރޭ އެތައް ކަމެއް ހުރޭ، އަހަރެމެން ބޮޑުވީވެސް އެފަދައިން، އަހަރެމެންގެ ކިތައް ކަންތައް އެކުދިންނަށް ވަންހަނާވެފައިވަނީ، ޝަރުމީލާ ރުޅި އައިސް ސުވާލުކުރުމުން މާޔާ ތެދަށް ޖަވާބުދޭން ޖެހިލުންވާނެ، މާޔާ އައުމުގެކުރިން ޝަރުމީލާ އެބަޖެހޭ ހަމަޖެހިލަން." ޔޫނުސް ގެ މޫނަށް ޝަރުމީލާއަށް ބަލައިލެވުނެވެ. ޔޫނުސް އެބުނީ ތެދެކެވެ. އެ އުމުރަކީ ކަންތައް ތަޖުރިބާކުރަން ބޭނުންވާ ދުވަސްކޮޅެވެ. ހަމަމަގުން ކައްސާލަން އެންމެ ފަސޭހަ އުމުރެވެ.
** **
މާޔާ އާއި ވާހަކަ ދައްކާލުމުން ޝަރުމީލާގެ ރުޅި އިތުރަށް ފިނިވެގެން ދިޔައެވެ. މާޔާ ނިކުތީ ފަތިހުކަމާއި އޭނަ އައީ ރާމީން އާއި އެކު ކޮފީ ބޮއިގެން ކަމުގައި ބުނުމުން ޝަރުމީލާގެ ހިތަށް ހަމަޖެހުން ލިބުނެވެ. އޭނާ މާޔާ ކުރެން އިތުރު ސުވާލެއް ނުކުރެއެވެ. އެކަމަކު ހަމައެކަނި އެދުނީ މަސައްކަތެއް ކޮށްލަން މާޔާގެ ލެޕްޓޮޕް ދިނުމަށެވެ.
"މަންމާ، މިދުވަސްކޮޅު އެސައިންމެންޓްތައް ގިނަވެފައި އޮއްވާ އެންމެ ދުވަހަކަށް ދޭންވެސް ވަރަށް އުދަނގޫވާނެ." މާޔާ ޖެހިލުންވެފައި ބުނެލިއެވެ. އޭނާގެ ދުލަށް ކިޔެވުމުގެ ބަހަނާ ނައިނަމަ ލެޕްޓޮޕް ގެންދެވޭނެ ކިތަންމެ އުޒުރެއް ޝަރުމީލާއަށްވެސް ދެއްކުނީހެވެ.
"މަންމަ އޮފީސް ނިންމާފައި އަންނަމުން ގެނެސްދޭނަން." ޝަރުމީލާގެ ޖަވާބާއި ދެކޮޅު ހެދުމުގެ ހިތްވަރެއް މާޔާއަކަށް ނުލިބުނެވެ. އޭނާގެ ލެޕްޓޮޕުން މަންމަ ކުރަން އޮންނާނީ ކޮން މަސައްކަތެއްބާއޭ ހިތަށް އެރިއެވެ. އެއްވެސް ސުވާލެއް ކުރުމަކާއި ނުލައި މާޔާ އެއްބަސްވީ މަންމައަށް ލެޕްޓޮޕާއި ކުޅެން ނޭނގޭނެކަން އެނގޭތީއެވެ. ސިޓީއެއް ޓައިޕުކޮށްލުން ފަދަ މަސައްކަތެއް ފިޔަވައި އޭގެން މަންމައަށް ހިފޭނެ ބޭނުމެއްވެސް ނޯންނާނެއެވެ.
** **
ދެދުވަސް ފާއިތުވެގެން ދިޔައިރު ޝީތު އާއި ދިމަލެއް ނުވިއެވެ. ވަރަށް ހަނދާންކޮށްގެން އެއްރެއަކު ޝީތު ނިދަން އަންނަ ގަޑިއަށް މާޔާ ހުރީ ހޭލައިގެންނެވެ. ގޭތެރެއަށް ވަންގޮތަށް ޝީތުގެ މިސްރާބު ހުރީ ކޮޓަރިއަށެވެ. މާޔާ ގޮވާލުމުން އިވުނުކަމަށްވެސް ނުހަދައި ގޮސް ކޮޓަރީގެ ދޮރުޖަހައިފިއެވެ. މިރޭ ޝީތު އާއި ވާހަކަ ދައްކާފައި ނޫނީ ނުދާން މާޔާ ހުރީ ނިންމައިގެންނެވެ.
މާޔާ ޓަކިޖަހާލުމުން ޝީތު ކޮޓަރީގެ ދޮރު ހުޅުވައިދިނެވެ. މާޔާ ކައިރީ އެތެރެއަށް ވަންނަން ބުނެފައި އޭނާ ގޮސް އެނދުމަތީ އިށީނެވެ. އެތެރެއަށް ވަންނަން ނެގި ފުރަތަމަ ފިޔަވަޅާއި އެކު އެކޮޓަރިއަށް އައިސް އޮތް އިންގިލާބު މާޔާއަށް ފެނުނެވެ. ތަށިމުށިތައް މަތީ ފައިޖައްސާލާނެ ހުސްތަންކޮޅެއްގެ މިންވަރުވެސް ނެތެވެ.
"ވަޓްސް ރޯންގް؟" އޭނާ އައި ބޭނުން ބާއްވާފައި އިސްކުރީ މިވަގުތު ޝީތުގެ ހާލަތެވެ. ރޮވިފައި ޝީތު އިންގޮތުން ކަމެއް ގޯސްވެއްޖެކަން އެނގެއެވެ.
މާޔާއަށް ޖަވާބު ދިނުމުގެ ބަދަލުގައި މިފަހަރު ޝީތު މޫނުގައި އަތް އަޅައި ރޯންފެށިއެވެ. މާޔާ އައިސް ޝީތު އޭނާގެ މެޔާއި ކައިރިކޮށްލިއެވެ. "ޝާއިފް އަހަންނާއި މެރީކުރަން އެއްބަހެއް ނުވި." ޝީތުގެ އަޑު ކުރަކިވެގެން ދިޔައެވެ. އެއީ ކީއްވެތޯ މާޔާ އަހައިލިއެވެ. އެދެމީހުން އުޅެމުން ދިޔައީ ވަރަށް ލޯބިންނެވެ. އެކަމަކު ފަހުން މައްސަލަޖެހި ވަކިވާ ހިސާބަށް ދިޔައެވެ. އޭގެފަހުން އަނެއްކާވެސް ރަނގަޅުވަމުން އައިތަން ފެނުނެވެ.
ނޭފަތް ދަމާލައި ޝީތު ހަމަޖެހިލަން މަސައްކަތްކުރިއެވެ. އޭނާ ބުނި އެއްޗަކުން މާޔާ ދިޔައީ ސިއްސައިގެންނެވެ.
"އޭނަ ބުނީ އަހަރެން ބަނޑުބޮޑުވީ އޭނަގެ ދަރިއަކަށް ނޫނޭ." ކައިވެނިން ބޭރުން ބަނޑުބޮޑުވުމަކީ ހުތުރުކަން ބޮޑު ފާފައެކެވެ. އެހެން ހުރިހާ ކަމެއްކުރާއިރު ވަންހަނާވެ ފޮރުވިފައިވިއަސް ހަމައެކަނި ސިއްރުނުކުރެވޭ ކަމަކީ އެއީއެވެ. އަދި އަންހެނަކަށް އިންކާރުނުކުރެވޭ ހަމައެކަނި ފާފައަކީ އެއީއެވެ.
"ހައު ކުޑް ހީ؟" ޝާއިފް އިންކާރުކުރަންޖެހޭ ސަބަބެއް ނެތެވެ. އިތުރު ފާފައެއް ބޮލުގައި އަޅުވަން ނޫނީ އޭނާ އިންކާރުކުރާކަށް ނުޖެހޭނެއެވެ. އެންމެންނަށްވެސް ޝީތު އާއި ޝާއިފްގެ ގުޅުން އެނގެއެވެ.
"އޭނަ އެބުނީ ތެދެއް." ޝީތު އަޑުގައިވަނީ މަޑުމޮޅިކަމެވެ. އޭނާ އިނީ މާޔޫސްވެފައެވެ. ހަތަރު އުދަރެސް ބަނަވެ ފެނުޖެހިއްޖެކަން އޭނާއަށް އެނގެއެވެ.
ޝީތު ތަފްސީލް ކިޔައިދެންދެން މާޔާ އިނީ ކެއްތެރިކަން ކުޑަވެފައެވެ. ޝާއިފް އަށް އިންކާރުކުރެވޭނެ ފުރުޞަތު އޮތްނަމަ އެއީ ޝީތުއަށް ހެދުނު ގޯހެކެވެ. ވަފާތެރިކަން ނެތް ގުޅުމެއްގެ ހިތިކަން މިއަދު ޝީތުގެ އަރުތެރޭވަނީ ހިފައިފައެވެ.
"އެހެންވިއަސް ދުވަސްކޮޅަކަށް ނަމަވެސް އޭނައަށް މެރީކުރެވިދާނެއެއްނު، އަހަރެން ބުނިން ވިހައި ނިމުމުން ވަރި ކޮށްދިނަސް އެންމެ ރަނގަޅޭ." ޝީތުއަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ އެއީއެވެ. އެންމެންގެ ލޯތަކަށް އޭނާގެ ކުށް ފޮރުވަން އަނެއްކާވެސް އިތުރު ކުށަކަށް އަރައިގަންނަންވެސް އޭނާ ތައްޔާރެވެ.
"އޭނައަށް އެނގޭނެ އެންމެ ރަނގަޅަށްވެސް އިތުރަށް އަހަންނަށް އެބޯޓް ނުކުރެވޭނެކަން." ކައިވެނީގެ ވާހަކަ ޝީތުގެ ދުލަށް އައީ އެ ނޫން އިތުރު އެއްވެސް މަގެއް ނުފެނިގެންނެވެ. އެހެން ނޫންނަމަ އޭނާގެ ނަފްސާއި އެ ފުރާނަ ވަކިކޮށްލާނީ އެންމެންނަށް ނޭނގޭނެހެންނެވެ.
"ވަޓް؟" ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން މާޔާއަށް ހީވިއެވެ. ޝީތު ބުނިގޮތުން ހީވަނީ މިއީ އޭނާ ބަނޑުބޮޑުވި ފުރަތަމަ ފަހަރު ނޫންހެންނެވެ. އެކަން ޔަޤީންކުރަން މާޔާ ސުވާލުކުރުމުން ޝީތު ބުނެދިނީ މިއީ އޭނާ ބަނޑުބޮޑުވި ތިންވަނަ ފަހަރުކަމަށެވެ.
"ޝާއިފް އެއްބަސްނުވަނީ ކީއްވެކަން ޝީތުއަށް އެނގެއެއްނު، އަދި ތިއީ ކާކުގެ ދަރިއެއްކަންވެސް އެނގޭދޯ." ޖެހިލުންވެފައި މާޔާ އަހައިލިއެވެ. ބޯޖަހާލާފައި ޝީތު އިނީ ހިމޭނުންނެވެ. އެމީހެއްގެ ނަން ކުރަންވެސް ޝީތު ބޭނުން ނުވާ ފަދައެވެ. މާޔާ ކައިރީ ހުރިހާ ކަމެއް ކިޔައިދެވޭއިރު ހަމައެކަނި އެ ސުވާލުގެ ޖަވާބަށް އޭނާ ހަނު އިންނަންވީ ކީއްވެކަން މާޔާގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. އޭނާ މިތަނަށް އައި ބޭނުމުގެ މަތިން ހަނދާންވީ ދެނެވެ. މިއީ އޭނާ ބޭނުން ކޮންމެ ސުވާލެއް ކުރަން އެންމެ މުނާސަބު ވަގުތުކަންވެސް އެނގެއެވެ.
"ތިއީ މިކިއަލްގެ ކަމެއްތަ؟" އެ ސުވާލު މާޔާގެ ދުލުން ނިކުންއިރު ހިތް ބިރުން ތެޅިގަތެވެ. ޝީތު ތެޅިގެންގޮތުން ހީވީ އޭނާގެ ޝައްކުތައް ދޮގަކަށް ނުވާނެހެންނެވެ. (ނުނިމޭ)



advertisment