Support Us

ވާހަކަ: ކަނބުލޮ

ދުނިޔޭގެ ދިރިއުޅުމަކީ ޢިބުރަތުގެ ފޮތެކެވެ. އެފޮތުގައިވާ ކޮންމެ ޞަފްޙާއަކީ ދިރިތިބީންނަށް ވާ ފިލާވަޅެކެވެ. އަނިޔާވެރިޔާ މަޅާލާ ކަނޑިން ހިތް ގަތުލު ނުވިނަމަ އެ ކަނޑީގެ މިޔައިން އެޅޭ ޒަޚަމް ފަސޭހަ ނުވެއެވެ. ރޯ ފާރަށްވެގެން ކަށްވަޅަށް ދާންދެން އެ ފާރުގަނޑުގެ އަސަރު ހުރެއެވެ. ދިރިހުރިއިރު އެންމެ ގާތްކަމަށް ދެކުނު މީހުންނާއި އެމީހުންނަށް ވީ ޤުރުބާނީ އެމީހުން ހަނދާން ނައްތާލުމުން އެ ލިބޭ ހިތާމަތަކުން އުމުރަށް ރޯންޖެހޭ ފަދައިންނެވެ.

އަހަރެން އަތުގައި ހަންބޯވެ ކުރަކިވެފައި މިހުރީ ބޮނބި ފާލުން ގެންނަ ބޮނބި ތަޅާ ރޯނު ވެށުމުންނެވެ. އަހަރެންގެ އަތުގެ ނިޔަފަތިތައް ކަޅުވެފައި މިހުރީ ކެއްކި ގިިނަ މަސްތަކުގެ ދެލިތެލި ދޮވުމާއި ހަންދެމުމާއި އަވީލުމުންނެވެ. އަހަރެން އަތުގެ ނިޔަރޮދި ކެނޑި ފާރުވެފައި މިހުރީ އަދަދެއް ނެތްވަރަށް ދޮވުނު  އަންނައުނާއި ބުނަން ނޭނގޭ ވަރަށް ފޮޅާ ސާފު ކުރުމުންނެވެ. މިއަދު އަހަރެންގެ އަތްފައިގެ ބާރު ހިނގައްޖެއެވެ. ދެލޮލުގެ ނޫރު ކޮށިވެއްޖެއެވެ. ކަންފަތުގެ އިވުން މަހުރޫމް ވަމުން ދަނީއެވެ. ތަނެއްގައި އިށީނދެއްޖެނަމަ ތެދުވެވެނީ މީހެއްގެ އެހީގައެވެ.

މާތްﷲ ގަންދީ ބުނަމެވެ. އަހަރެން މުޅި ދިރިއުޅުން ޤުުރުބާން ކުރީ އެހެން މީހުންގެ އުފަލަށްޓަކައެވެ. މައިންބަފައިންގެ ނިކަމެތިކަމާއި ދަރިން ގިނަވުމުން އޭގެ އަސަރު އަހަރެންނަށްވެސް ކުރިއެވެ. ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި އޭރުގެ މުއްސަނދި ގޭގޭގައި މަސައްކަތް ކުރުމުން ކާއެތި ކޮޅުދެއެވެ. ފަތިހުގެ މުނާޖާ ގޮވާނީ އަހަރެން ދައްތަމެންނާއެކު ފުޅިބައްތި ހިފައިގެން ވަލުތެރޭގައި އޮއްކެޔޮ ހޮވަން ހުއްޓައެވެ. އިރުއަރާނީ އަހަރެންގެ ކުޑަކުޑަ ދެއަތުން  މުއްސަނދިންގެ ގޯތިގެދޮރު ކުނިކަހަން ހުއްޓައެވެ. އިރު އޮއްސޭނީ އެގޭމީހުންގެ ހުރިހާ މަސައްކަތެއް ކުރުމުން ލިބޭ އުޖޫރަ ކަމަށްވާ ބަތްސުވާ އަނގަޔަށް ލާން ހުއްޓައެވެ.

ގެއަށް ދިޔުމާއި އެކު ނިދަން އޮށޯންނަނީ މާދަމާ ބަނޑު ފުރާނަ މުއްތިކުރާނެ ގޮތަކާއިމެދު ވިސްނަމުންނެވެ. ނިދަން އޮންނަނީ ހިރި ގަލުން ރާނާފައިވާ އުވަ ނުޖަހާ ހުރި ކޮޓަރިއެއްގައެވެ. ފާރުގެ ލޯވަޅުތަކުގައި ވަޒަންވެރިވެގެން އުޅޭ ގޮވާފަނީގެ ރާގަކީ ކަންފަތަށް ތުރާދޭ ރާގެކެވެ. ތިރީގައި އޮންނަނީ އުވައިން އަޅާފައިވާ ތަޅުން ގަނޑެކެވެ. ތަޅުންގަނޑުގައި ބާވެ ހަސްނެތިފައިވާ ތަރުފާލިގަނޑެއް މަތީ ރަޖާގަނޑެއް ނާޅާ ތިބެމެވެ. ތަރުފާލި ދަށުން ބިޗުލާއި ކުދި ދިރޭ ފަނިފަކުސާ ފެންނަ ރޭރޭ ބިރުން ނުނިދަމެވެ. އެއްބަނޑު އެއްބަފާ 7 އަންހެން ކުދިން ނިދަނީ މި ކުޑަ ކޮޓަރީގައެވެ. އެންމެ ކުއްޖަކުވެސް ރަޖާގަނޑެއް ނުގެންގުޅެއެވެ. ދާހިތްލާ ފޯވާން ފެށުމުން އަތު ފަންކާއިން ވިހެނީއެވެ. ދައްތަމެންނާއި ކޮއްކޮމެންގެ ގެ ނުނިމޭ ޝަކުވާގެ އަޑު ނުކެނޑެއެވެ.

"މިއަދުވެސް އެއްކަލަ މޮޔަ އަހައްމަދު އަހަރެންނާއި ދިމާކޮށްލި. އިބުރާހިމްބެގެ ގޭގައި އުނދުން ހަދަން އިންދާ ބަދިގެ ތެރެއަށް ވަދެގަތީ. އުޅުނީ ހިފައިގަންނަން. ގާތުގައި ހުރި އަޅި ޓައްޕު ލޮލަށް ނުޖެހިނަމަ އޭނާގެ މަޤުޞަދު ކާމިޔާބުވީސް. މޮޔަޔަކަސް ވަރަށް ބާރުގަދަ ފިރިހެނެއް އެއީ." ބޮޑު ދައްތަ ބުންޏެވެ.

"އެއީ މޮޔައެއް ނޫން. މޮޔަޔަކަށް ހެދިގެން އުޅެނީ. ކާކު ބުނީ އެ މުސްކުޅި މީހާގަނޑަކީ  މޮޔައެކޭ." އަހަރެން އެމީހާދެކެ ފޫހިވާ ވަރުން ބުނީމެވެ.

"މިއޮތީ އުމަރުބޭ ގޯތި މުޙައްމަދު ދިން ރުމާލެއް. ބުނީ ބުނައްޗޯ ކޮންމެހެންވެސް ހަނދާނަކަށް ބާއްވާށޭ." އަހަރެން ބޮޑުދައްތައާއި ދިމާކޮށްލީމެވެ. އޭނާ ލަދުން އޮޅިގެންތަންް ފެނުމުން އަހަރެމެން އެންމެންއެކީ ހޭން ފެށީމެވެ.

"ތިޔަ ފިރިހެނުންގެ ވާހަކަތަކަށް ވުރެ މާރަނގަޅުވާނެ ހުރިހާ ކުދިން އެކުވެގެން ކޮންމެވެސް އެއްތަނެއްގައި ތިބެގެން މަސައްކަތެއް ކުރެވޭ ގޮތްވިއްޔާ. އަބަދުވެސް ގޭގެއަށް ކައްކައިދީ ސާފުކޮށްދީ ހަދައިދެން ދާން ވަރަށް ފޫހިވޭ." އެންމެ ކުޑަކޮށް ހުރި ކޮއްކޮއަށް މިވާގޮތެއް ނޭނގުމުން ފޫހި ރާގަކަށް ބުންޏެވެ.

ހަގީގަތުގައި އަހަރެމެން މިހެން އުޅެން ޖެހިފައި މިވަނީ ހުސް އަންހެން ކުދިން ތަކެއް ލިބި މައިންބަފައިންގެ އަތްމަތި ދަތިވެފައި ވާތީކަމެއް އަދި ކޮއްކޮއަކަށް އިހުސާސެއް ނުކުރެވެއެވެ. އޭނާ މުއްސަނދި ދިރިއުޅުމަށް ކުރާ އުންމީދު ފޮންޏެވެ. މުދިންބެ ގޭ އައިސްތު ލާ ކަހަލަ ރީތި ހެދުން ލާން ބޭނުމެވެ. އެމީހުންނާއެކު އެފުރާގެ ކުދިންނާއެކު ކުޅެން އުޅޭހިތްވެއެވެ.

އަހަރެންގެ ހަޔާތަށް ދުވަހަކުވެސް ހަނދާން ނުނެތޭ ބިރުވެރި ދުވަހެއް އައެވެ. އެންމެ ބޮޑު ދައްތަ އޭނާގެ ނުގަބޫލުގައި ރޮއިރޮއި ހުއްޓާ މައިންބަފައިން މަޖުބޫރުގައި މީހަކާއި ކައިވެނި ކުރުވީއެވެ. އެއީ ނިކަމެތިކަމާއި ފަގީރުކަމުގެ މަޖުބޫރުން ގުރުބާން ކުރެވުނު އަޅެކޭ ނުބުނެ ބުނާނެ އިތުރު އެއްޗެއް އަހަރެންގެ ނެތެވެ. އަދިކިރިޔާ ޒުވާންކަމުގެ ފަރިކަމާއި ރީތިކަން ފާޅުވާން ފެށި އަދި އެންމެ ފުރިހަމަ ކަމެއް ލިބިފައިވި ބޮޑު ދައްތަ ބައްޕަޔާ އެއްއުމުރެއްގެ މީހަކާ ކައިވެނީގެ ގުޅުމަކުން ގުޅާލެވުނަސް އެއީ ވިޔަފާރިއެކެވެ. އެގޭ ދޯންޏަށް ބައްޕަ މަސްވެރިކަމު އެރުވުމާއި އެގޭގެ މަސްވެރިކަމުގެ ހަރަކާތް ތަކުގައި މަންމައަށް އުޅުމުގެ ފުރުސަތު ލިބުމުން އުފެދުނު ގަނެވިއްކުމެކެވެ. އެދުވަހު ދައްތަ ލޮލުން ފޭބި ކަރުނަ ފޮހެދޭނެ ހިތްވަރެއް އަހަރެންގެ ނެތީ އަހަރެންގެ ފިނޑި ކަމަކުން ނޫނެވެ. ތަގުދީރު އަހަރެންގެ ދިރިއުޅުމުގެ ފޮތުގެ ޞަފްޙާތަކުގައި ފަގީރުކަން ލިޔެފައިވާތީއެވެ. އެ ނިންމުންތަކާއި ޖަދަލު ކުރުމުގެ ކުޅަދާނަކަން ލިބިފައި ނެތުމަކީ ތަޤުދީރޭ ނުބުނެވޭނެ ހެއްޔެވެ؟

"ކޮއްކޮވެސް އަވަހަށް މިތަނުން ސަލާމަތްވޭ. މިއަދު އަހަރެން ރަށުން ބޭރު މުސްކުޅި މޮޔަ މީހާ ގަނޑާ ހަވާލު ކުރަން މަންމަމެން އެއްވެސް އެއްޗެކޭ ހިތަކަށް ނޭރި. އަހަރެންނަށްވެސް ކޮއްކޮމެންނާއެކު އޮއްކެޔޮ ހޮވަން ދެވިދާނެއްނު. މަންމަގެ ބޮނބިފާލުގައި ބޮނބި ތަޅަން އިނދެވިދާނު. އެހާ އަވަހަށް އަހަރެންނާ ހެދި އުނދަގޫ ޖެހެން ވެއްޖެތަ؟" ދައްތަ ރޮމުން ބުނަމުން ދިޔައެވެ. ދައްތަގެ ލޮލުން ފައިބަމުން ދިޔައީ މުތީގެ ކަރުނަކަމެއް މައިންބަފައިންނަށް އެނގޭނީ އޭގެ އަގު އެމީހުންނަށް އެނގޭ ނަމަތާއެވެ. އޭނާގެ ދިރިއުޅުމުގެ އަގު މައިންބަފައިންނަށް ލިބުނީ މުސްކުޅި މީހަކަށް ވިއްކާލުމުންނެވެ.

"އެއީ އެއްކަލަ ދައްތަޔާ ދިމާކޮށްލައިގެން އުޅޭ މޮޔަ އަހަންމަދޭ ދައްތަ ކިޔާ ބޭގަނޑުތަ؟ ދައްތަ ދެން އުމަރުބޭ ގޯތި މުހައްމަދު ގާތު ބުނާނީ ކީކޭ؟" އަހަރެން ހިތް ދަތިވީ ވަރުން ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ދައްތައާއި މުހަންމަދުބޭގެ ހުރިހާ ގުޅުމަކާއި އުޅުމެއް ތުނޑި މަތީންނާއި އައްސޭރިފަށުގެ ޖޯލިފަތީންނާއި ހަނދުވަރުގެ ރިހިއަލީގައި ފެނިފައި ހުރީމާ ކަމަށް ވެދާނެއެވެ. ފޮޅުވިހާ މާތަކުގެ ވަހާއި ދިންހާ ރުމާލަކާއި ހަދިޔާއެއް އަހަރެންގެ އަތުން ދެވިފައި ހުރީމާ ކަމަށްވެސް ވުން އެކަށީގެންވެއެވެ. އަހަރެން ދައްތަގެ ގައިގާ ބައްދަ ބައްދާފައި ރޮމުން ދިޔައީމެވެ.

"މުހައްމަދުގެ މައިންބަފައިންނަށް އަހަރެމެންގެ ގުޅުން އެނގުނު ހިސާބުން އަހަރެންގެ މައިންބަފައިންގެ ބޮލަށް އެރުނީ. ނިކަމެތިކަމަކީ ލޯތްބާއި ދިރިއުޅުމުގެ ހުވަފެންތައް ޤުރުބާން ކުރަން ޖެހޭ ނުބައި ފިތުނައެއް. މުހައްމަދުބޭވެސް އެކަމާ ކަންނޭނގެ އޭނާގެ މައިންބަފައިންގެ އިންޒާރުން ބިރުގަތީ." ދައްތަ ރޮމުން އަހަރެންގެ ކަރުނަ ފޮހެދެމުން ދިޔައެވެ.

ދައްތަގެ ކަރުނަ ފޮހެދެން ހުރި މީހާގެ ލޮލުން މާގިނަ ކަރުނަ އަންނާތީ ހިތި ގޮތަކަށް ދައްތަ ހިނިތުންވެލި ގޮތް އަހަރެންގެ ހިތުގައި އަދިވެސް ބިންވަޅު ނެގިފައިވެއެވެ. އެއީ ކިހާ ހިތްވަރު ގަދަ ކެތްތެރި ނަމޫނާއެއް ހެއްޔެވެ؟ އަހަރެން ނަމާދު ކޮށްފައި ﷲ އަށް ޝަކުވާ ދެންނެވި ދުވަހެއް އެނޫނީ އަދި ނުހުންނާނެއެވެ.

ދައްތަ ކައިވެނީގެ ހަފްލާ އެހާ ކުލަގަދައެއް ނޫނެވެ. އަވަށު މީހުންނަށް ހަވީރު ސައެއް ދިނެވެ. ކިރު ބޯކިބަލާއި ދަނޑި އަލުވި ބޯކިބަލެވެ. ގުޅަ، ކަވާބު، މަސްބޯކިވާ އަދި ބަޖިޔާއެވެ. ކޮއްކޮމެން ވަރަށް އުފަލުން ސައި ތައްޔާރު ކުރުމުގައި އުޅުނެވެ. ދައްތަ ލައިގެން ހުރި ހެދުމުގެ ވާހަކަ އުފަލުން ހުރެ ދެއްކިއެވެ. މީހުން ގެނައި ސިޓީއުރަތަކާއި ހަދިޔާގެ ވާހަކަ ކިޔާއިރު އެކުދިންގެ ލޮލުގައި ފާޅުވަމުން ދިޔަ ވިދުވަރު އައްޔެވެ. އެފަދަ ދުވަހަކަށް ކުރާ އުންމީދު ފޮންޏެވެ. ނަމަވެސް ދައްތައާއި އަހަރެން އެތެރެހަށީގައި ވަނީ ތޫފާނެއް އުފައްދާފައެވެ. ހިތް ކުދިކުދި ވަނީއެވެ.

ދައްތަ ފިރިމީހާ ގެއަށްް ދިއުމުން އަހަރެން ވަރަށް އެކަނިވެރި ވިއެވެ. ނުހަނު ހިތްވަރު ކޮށްފައި އަހަރެން މަސައްކަތް ކުރަންދާ ގެއަށް މަސައްކަތު ދިޔައީމެވެ. އެގޭ އަލީއަކީ ވަރަށް ބުރަ މަސައްކަތް ކުރާ އެހެނަސް އެގޭ ކުދިންނާއި ޚިލާފަށް މީހުންނަށް ކުލުނު ހުންނަ މަޑުމައިތިރި މީހެކެވެ. އަހަރެންނަށްވުރެ އުމުރު ދިހަ އަހަރު ދޮށީ އާބާދު ނުވި ކައިވެންޏެއްގެ ހިތި ރަހަ ކަރުބުޑުގައި ލާފައިވާ ހަރުދަނާ ދިރިއުޅުމަކަށް ބޭނުން ވެފައިވާ މީހެކެވެ.

ހުކުރު ދުވަސްކަމުން އަހަރެން އުޅުނީ މެންދުރުގެ ކެއުން ތައްޔާރު ކުރުމުގައެވެ. ވަރަށް ބޮޑަށް ލަސްވެފައި ވާތީ އަހަރެން އުޅުނީ ވަރަށް އަވަދިނެތިއެވެ. ރިހަކައްކަން މަސް ކަނޑަމުން ދިޔަ ވަގުތު އަހަރެންގެ އަތް ކަނޑައިގެން ދިޔައެވެ. ހޯސްލާފައި ލޭ އަންނަމުން ދިޔައިރު އަހަރެން އަނބުރައި ނުގަތީ ކިރިޔާއެވެ. ހުކުރަށްދާން ނިކުތް އަލީއަށް އަހަރެންގެ ހާލު ފެނުމުން ދުވެފައި އައެވެ. ފޮތިގަނޑެއް ގެނެސް އަވަހަށް އަހަރެންގެ އަތުގައި އޮޅާލިއެވެ. އޭނާ ޖަހާފައި ހުރި ސެންޓްގެ ވަހަކީ އަހަރެންނަށް މިހާތަނަށް ނުދުވާ މީރު ވަހެކެވެ. އޭނާގެ އޯގާތެރިކަން އަހަރެން ހެޔޮހިތުން ގަބޫލު ކުރީމެވެ.

އަހަރެން އުމުރުން ފަަނަރަ އަހަރު ފުރުނީ އެ ހަފްތާ ތެރޭގައެވެ. އަލީ އަހަރެންނާއިމެދު ތަޢުރީފްގެ ބަސްތައް އޭނާގެ ރައްޓެއްސެއް ގާތު އޮއްސާލިއެވެ. އެކަން އަލީގެ މައިންބަފައިންނަށް އެނގުނެވެ. އަލީގެ މައިންބަފައިންނަށް އަހަރެންގެ މުރާލިކަން ފެނިފައި އަދި އަލީ އެކަމަށް ރުހޭ މިންވަރު އެނގުމުން އަހަރެންގެ މައިންބަފައިން ގާތު އަހަރެމެން ދެމީހުންގެ ކައިވެނީގެ ވާހަކަ ހުށައެޅިއެވެ. ހުރިހާ ކަމެއް ހަމަޖެއްސިއެވެ.

ދެކޮޅު ހެދުމުގެ ބާރެއް އަހަރެންގެ ނެތްކަން އަހަރެން ބޮޑު ދައްތައަށްވެސް ވީގޮތުން އެންމެންނަށްވެސް އެނގޭނެއެވެ. އެއީ އަހަރެން ބޭބެ ކިޔައިގެން އުޅުނު ހެޔޮލަފާ މީހެކެވެ. އޭނާއާއި މެދު އަހަރެން މާބޮޑު އިޙުސާސެއް ނެތެވެ. އޭނާޔާ ކައިވެނި ކުރަން އަހަރެންގެ ހިތް ނޭދުނަސް އެކަން ކުރީމެވެ.

އަހަރެންގެ ކައިވެންޏަކީ ވަރަށް އާދައިގެ ކައިވެންޏެކެވެ. މުއްސަނދި ޢާއިލާއެއްގެ މެންބަރަކާއި ކައިވެނި ކުރިޔަސް އެކަން ފާހަގަ ކުރާކަށް މާބޮޑު ކަމެއް ނުކުރެއެވެ. ކޮއްކޮމެން އުންމީދުކުރި ކަހަލަ އެއްވެސް ކަމެއްނުހިނގައެވެ. އަހަރެން އެކަންކަމަކާއި އަޅައެއް ނުލަމެވެ. އެކަމަކަށް އުންމީދެއްވެސް ނުކުރަމެވެ. ދިރިއުޅުމަކީ އަހަރެން މާގިނަ ހުވަފެން ދެކޭ ކަމެއް ނޫނެވެ. ހަޔާތުގެ ކޮންމެ ކަމެއްދިމާވިޔަސް އެއީ އަހަންނަށް މިހާރު މާބޮޑު ކަމަކަށް ނުވެއެވެ. އުންމީދާއި ހުވަފެންތައް ދެކެން އޮތް އުމުރުގައި އަހަރެން އުޅުނީ މަސައްކަތުގައެވެ. އެއް އުމުރުގެ ކުދިން ކިޔެވިއިރު ވަލުތެރޭގަޔާއި ގޭގޭގެ ބަދިގެ ތަކުގައެވެ. ގޭގެއަށް މަސައްކަތް ކޮށްދީގެން ކޮއްކޮމެންގެ ބޭނުންތައް ފުއްދާދެވޭތޯއެވެ. އެކުދިންގެ މޫނުން ހިނިތުންވުން ގެނެސް ދެވޭތޯއެވެ. މައިންބަފައިންގެ ދަތި ދިރިއުޅުމަށް އެހީގެ އަތެއް ފޯރު ކޮށްދެވޭތޯއެވެ. އެހެންކަމުން ހުވަފެން ދެކުމާއި އެ ހުވަފެނުގައި ކުލަ ޖެއްސުމަކީ އަހަރެން އުންމީދު ކުރި ކަންކަމެއް ނޫނެވެ. ކުރެވުނު އާ ކައިވެނީގައި ޚާއްސަކަމެއް އަހަރެންގެ ނެތީ އެހެންވެޔޭ ނުބުނެވޭނެ ހެއްޔެވެ؟ ދިރި އުޅުމުގެ ކުރިއަށް އޮތް މަރުހަލާގައި ކޮންމެ ގޮތެއް ވަރިހަމަ ވީ ހެއްޔޭ ނުބުނެވޭނެ ހެއްޔެވެ؟ ކޮންމެ އަންހެން ކުއްޖެއްގެ އެންމެ އުފާވެރި ދުވަހުގައި އަހަރެން ހިމޭންވެފައި ވަނީ ކީއްވެހެއްޔޭ ނުބުނެ ވޭނެހެއްޔެވެ؟ (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
5
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. އަނެއްކާވެސް ތަފާތު ވާހަކައެއް. ފެށުން އެހާ ސަޅި. ވަރަށް ރީތި ބަސްތަކެއް ބޭނުންކޮށްފައި އެބަހުރި. ޔަޝްފާ އަކީ ތަފާތު ލިޔުންތެރިއެއް. ވާހަކަ ބައިބައި ނިންމާލާ ހިސާބުން ދެންވާނީ ކިހިނެއްބާވައޭ ހިތަށްއަރާ…..

  2. ވަރަށް ގިނަ ދުވަސްތަކަކަށް ފަހު ޔަޝްފާގެ ވާހަކަތަކެއް ކިޔާލަން ލިބޭތީ ވަރަށް ހިތްހަމަޖެހޭ. ޔަޝްފާ ލިޔެފައިވާ ހުރިހާ ވާހަކައެއް ކިޔައިފިން. ވާހަކަ ތައް ވަރަށް މޮޅު. އަބަދުވެސް ޔަޝްފާގެ ވާހަކަ ތައް ކިޔަން ލިބޭނެނަމަ ހާދަ ރަނގަޅޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *