އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ވޭޖް އުޞޫލުން މަސައްކަތްކުރެވޭނެ ގޮތްތަކަށް ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅުއްވާފައިވާ ޚާއްޞަ އުޞޫލު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިފުތިތާޙު ކޮށްދެއްވައިފިއެވެ.
އެމަނިކުފާނު މި ޚާއްޞަ އުޞޫލު އިފުތިތާޙު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު މިނިސްޓްރީ އޮފް ހެލްތުގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކުލަވާލައްވާފައިވާ ޚާއްޞަ އުޞޫލެއް އެކުލަވާލުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ހަފުތާ 14ގައި ކުރުމަށް އެޖެންޑާ ކުރެވިފައިވާ މުހިންމު މަސައްކަތެކެވެ.
މިނިސްޓްރީ އޮފް ހެލްތާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން އެކުލަވާލާފައިވާ މި އުޞޫލުގެ ދަށުން، ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ ފަރާތްތަކުގެ ދަފުތަރެއް ހެލްތު މިނިސްޓްރީގައި އެކުލަވާލައި، އެ ފަރާތްތައް ވޭޖް އުޞޫލުން ވަޒީފާއަށް ނެރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިގޮތުން އާންމު އުޞޫލުން މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމުގެ ބަދަލުގައި، އިޢުލާނެއް ނެތި، ދަފުތަރުގައި ރެޖިސްޓްރީކުރާ ޞިއްޙީ ޚިދުމަތްތެރިންގެ ތަޢުލީމާއި ތަޖުރިބާއާއި ހުނަރަށް ބަލައި، މެރިޓް އުޞޫލުން "ޞިއްޙީ ދާއިރާއަށް ޚާއްޞަ ޑައިރެކްޓް ރެކްރޫޓްމަންޓް"ގެ ދަށުން ވަޒީފާ ހަމަޖެއްސުމުގެ އިންތިޒާމު މި އުޞޫލުގެ ތެރެއިން ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މިހާރު އެކި ސަބަބުތަކާ ހުރެ ޚިދުމަތުން ދުރުވެފައިވާ ފަރާތްތަކުގެ އެހީތެރިކަމާއެކު ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޕްރައިމަރީ ހެލްތް ކެއަރގެ އުޞޫލުން ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް މިފަދަ ފަރާތްތަކުގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. ހަމަ އެއާއެކު، ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަލުން ޚިދުމަތަށް ނެރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވައިލައްވާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ނުވިނަމަވެސް، އެ ފަރާތަކީ ޞިއްޙީ ގޮތުންނާއި، ތަޢުލީމާއި، ތަޖުރިބާ އަދި ހުނަރުގެ ގޮތުން ޤާބިލު ފަރާތެއް ކަމަށްވާނަމަ، އިދާރީ އޮނިގަނޑުގައި އެ ފަރާތަކަށް ދެވޭނެ މަގާމެއް އޮވެއްޖެނަމަ، އެފަރާތެއް އެ މަގާމަކަށް ނެގުމުގެ ފުރުޞަތު ދެވޭނެ ގޮތްވެސް މި އުޞޫލުގެ ތެރެއިން ވަނީ ހަމަޖެހިފައެވެ.



advertisment