ޗައިނާގެ ވެރިރަށް ބެއިޖިންގައި ދިރިއުޅޭ ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އެކަމާ އުފާ ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ބައިވެރިވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރިވަރުން ބޭރު ޤައުމެއްގައި ކިޔަވަމުންދާއިރު ކުރިމަތިވާ ދަތިތަކާއި، އެކުދިންގެ ތަޖުރިބާއާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބޭރު ޤައުމުތަކުން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިބައްދަލުކުރެއްވުމުގައި ބައިވެރިވި ފަރާތްތަކުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޙައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.



advertisment