ރާއްޖޭގެ ޙައްޖު ކޯޓާ އިތުރުކުރުމާ މެދު ސައުދީ ސަރުކާރާއެކު ދިވެހި ސަރުކާރުން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާ ކުރެއްވީ މިހާރު ސައުދީ އަރަބިޔާ އަށް ވަޑައިގެން އުޅުއްވާ އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރ ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާއާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޑރ. ޝަހީމް ސަޢުދީއަށް ވަޑައިގެންނެވީ ޑރ. ތައުފީޤު ދެއްވި ޚާއްޞަ ދަޢުވަތަކަށެވެ.
ދިވެހި ހައްޖާޖީންނަށް މިހާރު ދެނީ އަހަރަކު 1000 މީހުންގެ ކޯޓާއެކެވެ.
މިއަދުގެ ބައްދަލުވުމުގައި، ސައުދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން ޙައްޖު މޫސުމުގައި ދިވެހި ހައްޖާޖީންނަށް އެހީތެރިވުމަށް ގޮސް އުޅުމަށް ރަސްމީކޮށް ހުއްދަ ދެއްވުމަށް ޑރ. ޝަހީމް އެދިވަޑައިގަތެވެ. އަދި ހައްޖުގެ ކަންކަން ދިވެހި ބަހުން ކަވަރުކުރުމަށް ދިވެހި މީޑިޔާ އަށް ފުރުޞަތު ދެއްވުމަށް ވެސް ޑރ. ޝަހީމް އެދިވަޑައިގެންނެވިއެވެ. އަދި ޙައްޖާއި އުމްރާ ޚިދުމަތް ފަސޭހަކޮށް ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯއްދަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ޑރ ޝަހީމް ހައްޖު މިނިސްޓަރާއެކު އޮތް ބައްދަލުވުމުގައި އަލިއަޅުވާލެއްވިއެވެ.
ދިވެހި ޢުމްރާވެރިންނާއި ޙައްޖުވެރިންނަށް ސައުދީ ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ޚިދުމަތުގެ އަގުވަންކުރައްވައި އެކަމަށް ޚާއްޞަ ހަނދާނީ ލިއުމެއް ސައުދީ ވަޒީރަށް، ޑރ. ޝަހީމު އެރުއްވިއެވެ.
މި ލިއުން އަރުއްވައު ި ޑރ. ޝަހީމް ދެއްކެވި ވާހަކަފުޅުގައި، ސަޢުދީ ސަރުކާރުން ދިވެހި ޙައްޖުވެރިންނާއި ޢުމްރާ ވެރިންނާ މެދު ވަރަށް ދީލަތިކޮށް މުޢާމަލާތުކުރައްވައި އަގުހުރި ޚިދުމަތެއް އަންނަނީ ދެއްވަމުންނެވެ. މިގޮތުން ޙައްޖު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ކޮށްދެއްވަމުން ގެންދަވާ ޚިދުމަތް ފާހަގަކުރެއްވިއެވެ. އަދި މާތް ދެ ހަރަމްފުޅަށާއި ޙައްޖާއި ޢުމްރާއަށް އަދި މަދީނާ އަށް ޒިޔާރަތްކުރާ މީހުންނާ މެދު ބަހައްޓަވާ ދީލަތި ކަމަށްޓަކައި ސަލްމާން ރަސްގެފާނާއި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނަށް ޑރ. ޝަހީމް ޝުކުރު އަދާކުރެއްވިއެވެ.
ޑރ. ޝަހީމް ވަނީ ސައުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރ ޑރ. ތައުފީޤަށް ފަސޭހަފުޅު ދުވަހަކުން ރާއްޖެވަޑައިގެންނެވުމަށް ދައުވަތު ދެއްވައިފައެވެ. އަދި ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން ރާއްޖޭގައި ތަޤުރީރެއް ކުރެއްވުމަށް ވެސް ދައުވަތު ދެއްވިއެވެ.



advertisment