ޗައިނާގެ ބެއިޖިންގައި ހުންނަ ޗައިނާގެ ކޮމިއުނިސްޓް ޕާޓީ ދާރުލްއާސާރަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ޒިޔާރަތުގައި ދާރުލްއާސާރުގެ ފަރާތުން އެ ދެކަނބަލުންނަށް ޗައިނާގެ ތާރީޚީ މުހިންމު ކަންކަމާއި ސަގާފަތާއި އަދި މިއުޒިއަމާ ބެހޭ ތަޢާރަފެއް އެރުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއުޒިއަމުގެ އެކި ތަންތަން ބައްލަވައިލެއްވިއެވެ.
މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއުޒިއަމަށް ވަޑައިގެން މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވިއެވެ. މިފޮތުގައި ސޮއިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ލިއުއްވި މެސެޖުގައި، މިއުޒިއަމުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ދިގު ތާރީޚާއި ޕާޓީއަށް އައިސްފައިވާ މުހިންމު ކުރިއެރުންތައް ވަރަށް ތަފްސީލުކޮށް ފެންނަން ހުރިކަން ފާހަގަކުރެއްވިއެވެ. އަދި ތާރީޚުގެ މި މުހިންމު ދުވަސްތައް ރައްކާތެރިކަމާއެކު ފެންނަން ހުންނާނެގޮތަށް ހެދުމަށް ކޮށްފައިވާ މަސައްކަތަކީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.



advertisment