Support Us

"ރަސްމާލެ" ތަރައްޤީ ކުރާނީ ޒީރޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް މިއަދު މާލެ ސަރަޙައްދުން ހިއްކަންފެށި ފުށިދިއްގަރު ފަޅުގައި "ރަސްމާލެ" ތަރައްޤީ ކުރާނީ ޒީރޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ރަސްމާލެ" ބިންހިއްކުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިތަން އަޅުގަނޑުމެން މި ތަރައްޤީ ކުރަނީ، ސޭފް އައިލެންޑެއްގެ ގޮތުގައި، އިންޓަރނޭޝަނަލް މިންގަނޑުން ކަނޑައެޅޭވަރަށް ހިއްކައިގެން. މެދަށް ތިން މީޓަރު އުސްމިން، އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރު އުސްމިން ހުންނާނެ. އެހެންވީމާ، އިންޓަރނޭޝަނަލް މިންގަނޑުތަކުން ބަލާއިރުގައި، ސޭފް އައިލެންޑެއްގެ ގޮތުގައި ކަނޑައެޅޭ އުސްމިނަށް މިތަން ހިކިގެންދާނީ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މޭމުރުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަސްމާލޭގައި ތަރައްޤީކުރާ ހުރިހާ ވަސީލަތްތައް ޤާއިމުކުރުމުގައި ވެސް ތިމާވެއްޓާއި ރަށްޓެހި ގޮތްތައް ޚިޔާރުކުރައްވާނެ ކަމަށާއި، މިތަން ތަރައްޤީކުރާނީ ފެހިކަން ގަދަ، ވަރަށް ހިތްގައިމު މާޙައުލެއް ބިނާކުރެވޭނެ ގޮތަކަށްކަމުގައެވެ.

މީގެ އިތުރުން، ރަސްމާލޭގައި ދުއްވާ އުޅަނދުފަހަރު ވެސް ވާނީ ތިމާވެށްޓާއި ރައްޓެހި ޙަކަތަ ބޭނުންކޮށްގެން ދުއްވާ އުޅަނދުފަހަރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މުޅި ސިޓީ ހިންގުމުގައި ވެސް ބޭނުންކުރާނީ ޢިއާދަކުރަނިވި ޙަކަތަކަމުގައި އެމަނިކުފާނު ޢިއުލާނު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ރަސްމާލެ ތަރައްޤީކޮށް ނިމޭއިރު އެތަން ވާނީ ތިމާވެއްޓާއި ރަށްޓެހި، ފެހިކަން ގަދަ، އިކޯ ސިޓީއަކަށް ކަމުގައެވެ. އަދި، ރަސްމާލެ ބައިނަލްއަޤުވާމީ މައިދާނުގައި ބްރޭންޑް ކުރެވިގެން ދާއިރުގައި، ރަސްމާލެއަކީ މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައި ކަނޑައަޅުއްވާނެކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަސްމާލެއަކީ މުޖުތަމަޢުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަކަށް ފަސޭހައިން އުޅެވޭ ތަނެއްގެ ގޮތުގައި ތަރައްޤީކުރާނެ ތަނެއްކަމުގައެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ރަސްމާލޭގައި ކޮންމެ ތަނަކަށް ފަސޭހަކަމާއެކީ ދެވޭގޮތަށް ޑިޒައިން ކުރެވިފައި ހުންނާނީ. މަގު ވިޔަސް، ޢާންމު މައިދާންތައް ވިޔަސް، އިމާރާތްތައް ވިޔަސް، ތަރައްޤީ ކުރެވޭނީ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކީގައި، އުފަލާއެކީގައި، ޝާމިލްވެ އުޅެވޭގޮތަށް،" އެމަނިކުފާނު ވދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ގުޅީފަޅުގައި އިތުރަށް 85 ހެކްޓަރު ހިއްކާނެ ކަމަށާއި، ގިރާވަރު ފަޅުގައި އިތުރަށް 50 ހެކްޓަރު ހިއްކާނެ ކަމުގައެވެ. އަދި ހުޅުމާލެއާއި، ރަސްމާލެއާއި، ގުޅިފަޅާއި، ގިރާވަރު ފަޅު، ގުޅުވާލައި ނިމުމުން މިތަންތަން ވެގެންދާނީ، މާލޭ ސަރަޙައްދުގެ ގެދޮރުގެ މައްސަލައަށް ބޮޑު ޙައްލެއް ގެނެސްދޭ ތަންތަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ޙައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދެވެ. މިކަމުގައި ރައީސުލްޖުމްހުރިއްޔާ ގެންގުޅުއްވާ އެންމެ ބޮޑު ތަޞައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ. މިގޮތުން، 1153 ހެކްޓަރުގެ ބިން (ހުޅުމާލޭގެ ގާތްގަޑަކަށް ތިން ގުނަ ބޮޑު ސަރަޙައްދެއް) ފުށިދިއްގަރު ފަޅުން ހިއްކާނެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. އަދި މި މަޝްރޫޢު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. Male ge dhefaraathuga bridge alhaigen rahthah gulhvaalumah fahu mithanah dhiriulhen maaley meehun gendhaan jeheynee bandhegen. Mee rahyithun nikume huhtuvaan jeheyvaruge bodu israafeh.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *