ލަދުހުތުރު ވެބު ސައިޓުތަކަށް ރާއްޖެއިން ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް ކުރިޔަށް އޮތް ހަފުތާ ތެރޭގައި މުޅިން ބަންދުކޮށްލެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމިއްޔަތުގެ ނާރެސްކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ މަފުހޫމަކުން ބަލާ ނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން ކަމުގައެވެ. އަދި ވެރިޔާގެ ޒިންމާއަކީ ރައްޔިތުންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިހާރު އެ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައި ކަމަށާއި، ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ ކަމުގައި އެމަނިކުފާނު އިޢުލާނު ކުރެއްވިއެވެ.
މީގެ އިތުރުން ވެސް ދީނުގައި ވަޢުދު ފުއްދުމުގެ މުހިންމުކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ ހަފުތާ 14ގެ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި ހާޞިލުކުރާނެ ކަމަށް ވަޢުދުވި ކަންކަން އެ މުއްދަތުގެ ތެރޭގައި ކާމިޔާބުކަމާއެކީ ނިންމާފައިވާކަން ހާމަކުރައްވާފައެވެ.



advertisment