Support Us

އުކުޅަހުގައި ބޭއްވި ކުޑަކުދިންގެ ހަވީރު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

މި އަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އއ. އަތޮޅުގައި ބޭއްވި ސިލްސިލާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް އަދި އުކުޅަހު ކައުންސިލާއި އ.ތ.މ. ކޮމެޓީ އަދި އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ކުލަބް ޖަމިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ކުޑަކުދިންގެ ހަވީރު ހުޅުވައިދެއްވީ މެޑަމް ސާޖިދާ އާއި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު އެވެ. މި ކުޑަކުދިންގެ ހަވީރުގައި ފުލުހުންނާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންސް އޮފީހާއި އުކުޅަހުގެ ސަރުކާރު އޮފީސްތަކާއި މުއައްސަސާތަކުގެ ސްޓޯލްތައް ބަހައްޓާފައި ހުއްޓެވެ. ކުޑަކުދިންގެ ހަވީރު ހުޅުވައިދެއްވުމުގެ ކުރިން، ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހާ ގުޅޭ ބިލްބޯޑް ވެސް އެކަމަނާ ހުޅުވައިދެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށްގެންދިޔަ ހަރަކާތްތައް ފަދަ ހަރަކާތްތައް ކުޑަކުދިންނަށް އަމާޒުކޮށް ގިނަގިނައިން ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކުޑަކުދިންނަށް ކުރިމަތިވާ އެކި މައްސަލަތަކުގެ ތެރެއިން ބުލީކުރުމުގެ މައްސަލައަށް އަލިއަޅުވާލައްވައި އެކަމަކީ މުދައްރިސުންނާއި ބެލެނިވެރިން އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކަކުން ޚާއްޞަ ސަމާލުކަމެއްދޭންޖެހޭ މައްސަލައެއްކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކުދިން ބުލީގެ ޝިކާރައަކަށްވުމުން ދުރުހެލިކޮށް ކުދިންނަށް ހިމާޔަތްކަންދިނުމުގައި ކުދިންގެ ޒިންމާ ނަންގަވާ ފަރާތްތަކުން ކުދިންނާއި ގާތްގުޅުމެއް ބަހައްޓަވައިގެން މަސައްކަތްކޮށްދެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

މި ކުޑަކުދިންގެ ހަވީރު ހުޅުވުމުގެ ރަސްމިއްޔާތުގައި، ފަލަސްތީނުގައި ކުޑަކުދިންނަށް ދިމާވެފައިވާ ދަތި އުނދަގޫތަކާއި އަނިޔާތަކާއި ގުޅިގެން އެކަމުގެ ހިތާމައިގައި އެއް މިނެޓްގެ ސުކޫތެއް ގެނެސްފައިވެއެވެ. ކުޑަކުދިންގެ ހަވީރުގައި އުކުޅަހުގެ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާއިރު މެޑަމް ސާޖިދާ ވަނީ ސްޓޯލްތައް ބައްލަވައިލައްވާފައެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހިންގޭ ހަރަކާތްތަކުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގެ ކުޑަކުދިންނަށާއި ރާއްޖެއަށް ދަތުރުކުރާ ކުޑަކުދިންނަށް ރާއްޖެއަކީ ރައްކާތެރި އަމާން މާހައުލަކަށް ހެދުމާއި، ދިވެހި މުޖްތަމަޢުއަކީ ކުޑަކުދިންނަށް ކުރާ އަނިޔާ އަށް ހޭލުންތެރިވެފައިވާ މާހައުލަކަށް ހެދުން ހިމެނެއެވެ. މީގެ އިތުރުން މުޖްތަމަޢުގެ ހުރިހާ ފަރާތްތަކަކީ ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް އަޑުއުފުލާ ބަޔަކަށް ހެދުމާއި ކުޑަކުދިންނަކީ އާއިލާތަކާއި އެކު އުފާވެރި އަމާން މާހައުލެއްގައި އުޅެވޭ ކުދިބަޔަކަށް ހެދުންވެސް މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ 20 ވަނަ ދުވަހެވެ. ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މިއަހަރުގެ މި ދުވަސް ފާހަގަކުރުމަށް އުކުޅަހުގަޔާއި އއ. އަތޮޅުގައި މި މަހުގެ 12އިން 21 އަށް ސިލްސިލާ ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ޗިލްޑްރަންސް އާޓް އެގްޒިބިޝަން، ޗައިލްޑް ސޭފް ޓުއަރިޒަމް، ރަށުތެރެ ސާފުކުރުން، ފަންރަން އަދި މޫދުކުޅިވަރު ހަރަކާތްތައް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *