އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ އާއި އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އަދި އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.
އެކުވެރި ޢަރަބި އިމާރާތުގެ ދުބާއީގައި ކުރިއަށްދާ ކޮޕް 28 ކޮންފަރެންސްގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުންނަށް ތައާރަފުވެވަޑައިގެން، ދިވެހިރާއްޖެއާއި އެ ގައުމުތަކާ އެކު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.
"މި ދަތުރުފުޅުގެ ސަބަބުން ބައިނަލްއަޤްވާމީ ދުނިޔެއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެއްޖެ،" ރައީސް އޮފީހުގެ އެފް.ބީގައި ބުނެފައިވެއެވެ.
ކޮޕް28 ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ޤައުމީ ބަޔާން އިއްވަވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މިދިޔަ މަހު 17 ކުރެއްވި ފަހުން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު ވަނީ ތުރުކީއަށް ވަޑައިގެން ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާ މިދިޔަ ހަފުތާގައި ބައްދަލުކުރައްވައިފައެވެ. ތުރުކީން އެ މަނިކުފާނު ވަޑައިގަތީ ކޮޕް28 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށެވެ. ދުބާއީ ދަތުރުފުޅުގައި އެކިއެކި ގައުމުތަކުގެ ލީޑަރުންނާ އެ މަނިކުފާނު ގެންދަވަނީ ބައްދަލުކުރައްވައި، ތައާރަފުވެވަޑައިގަންނަވަމުންނެވެ.



advertisment