އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ. މިއީ މި ދެ ލީޑަރުން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
ދުބާއީގައި ކުރިއަށްދާ ކޮޕް 28 ކޮންފަރެންސްގެ ހަވާސާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ބޮޑުވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މީގެ ދެހަފްތާގެ ކުރިން މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމު ދޭދޭ ގުޅުންތައް ވަރުގަދަކުރެއްވުމާ ގުޅޭގޮތުން ދެ ލީޑަރުން ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން އިޤްތިޞާދީ ދާއިރާއިން ގުޅުންބަދަހިކުރުމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުން ހިމެނޭހެން، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. ނަމަވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަކަށް ރައީސް އޮފީހަކުން ނުބުނެއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ބޮޑުވަޒީރު މޯދީ، ދިވެހި ބަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަޅުގަނޑުމެންގެ އުއްމީދަކީ ދެ ޤައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި އެއްބާރުލުން އިތުރުކޮށް ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކުރުން" ކަމަށެވެ.
ރައީސް @MMuizzu އާއި އެކު މިއަދު ކާމިޔާބު ބައްދަލުވުމެއް ވަނީ ކުރިއަށްގޮސްފައިއެވެ.
އިންޑިއާއާއި ރާއްޖޭގެ އެކުވެރިކަން ފުޅާކުރެވޭނެ ތަފާތު ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.އަޅުގަނޑުމެންގެ އުއްމީދަކީ ދެ ޤައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި އެއްބާރުލުން އިތުރުކޮށް… pic.twitter.com/j0KiIZ1fzq— Narendra Modi (@narendramodi) December 1, 2023



advertisment