Support Us

ވާހަކަ: ތަގުދީރު – އެޕިސޯޑު 2

"ދަންވަރު އެކަނި މިތާ ކީއްކުރަނީ. މި ވިއްސާރަރޭ ތިހެން އައިސް އުޅެން ބިރެއްވެސް ނުގަނޭތަ؟ އާއްމުކޮށް މިގަޑީގައި އިންސާނުން އޮންނާނީ ދެފައި ދަމާފައި ނިދަން." އެކުއްޖާ އަހަރެންނާ ނުހަނު ގާތްގޮތަކަށް ބުންޏެވެ.

"ތި ސުވާލު އަހަންނަށްވެސް ކުރެވިދާނެ. އެހެންނޫނަސް ތީ ޖިންނިއެއް ނޫންކަން އަހަންނަށް އެނގޭ." އަހަރެން ހިނިގަނޑު ހިފަހައްޓަމުން ބުނީމެވެ.

"އަހަރެން ނުބުނަން އަހަރެންނަކީ ޖިންނިއެކޭ. އަހަރެން ބުނީ އިންސާނުން މިގަޑީގައި ނުނިކުންނާނޭ. ނޭނގޭދޯ މި ކިޔާއެއްޗެއް." އެކުއްޖާ ފާޑަކަށް އަނގަޔަށް ގޮތެއް ހަދާލާފައި ބުންޏެވެ.

"އަހަރެންނަށް އެނގޭ ތިކިޔާ އެއްޗިހި. ތީ ޕަރީއެއްވެސް ނޫން. އަހަރެން ބިރެއް ނުގަނޭ." މިފަހަރު އަހަރެން ބާރަށް ހޭންފެށީމެވެ.

"ހުނ. އަހަރެންވެސް ބިރެއް ނުގަނޭ. މި ދުނިޔެދެކެ ބިރުގަންނަ އެއްވެސް ކަމެއް އެއްވެސް އެއްޗެއް އަހަރެން ނެތް. މީ ކޮންމެ ރެއަކުވެސް އަހަރެން އަންނަ ތަނެއް. ކޮންމެވެސް ރައްޓެއްސަކާ އެކީ. މިރޭ އޭނާއަށް ވާރޭ ވެހޭތީ ނާދެވުނީ. ތީ ކޮންތާކު އުޅޭ ކުއްޖެއް. އެހެންޏާ އަހަރެން އެހެންމީހަކު މިތަނަށް އަންނާތީއެއް ނުދެކެން." އޭނާ ޝައުގުވެރިކަމާއެކު އެހިއެވެ.

"އެއްވެސް ތާކު ނޫން. ދުނިޔެއަށް ލެއްވީތީ މަރުވަންދެން އުޅެނީ." އަހަރެން ވަރަށް އުނދަގުލުން ހިނިތުން ވެލީމެވެ.

"ހާދަ ފާޑެއްގެ ޖަވާބެއް ތި ދިނީ. އަހަރެންނަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރެއް. އަހަރެންނަށް ކިޔަނީ ނުހާ." އެ އަންހެން ކުއްޖާ ސަލާން ކޮށްލަން އަތް ދިއްކޮށްލިއެވެ.

ނުހާ އަކީ ހިތްހެޔޮ މަޖާ މިޒާޖެއްގެ ކުއްޖެކެވެ. ފުރަތަމަ ފެނުނުވަގުތުން ފެށިގެން  ކޮންމެވެސް ކަހަލަ ގާތްކަމެއް އަހަރެންގެ ހިތުގައި އޭނާއަށްޓަކައި އުފެދުނެވެ.

"ކީއްވެ ކޮންމެ ރެއަކު މިތަނަށް އަންނަނީ؟" އަހަރެން އެހީމެވެ.

"އެކިމީހުން ކުރާހިތްވާނީ އެކިކަންކަން. ފެންނަ ކޮންމެ މީހަކަށް އަހަރެން މިތަނަށް އަންނަ ސަބަބާއި އަހަރެން ކާއެއްޗިއްސާއި އަހަރެންގެ ލޯބިވެރިންގެ މަޢުލޫމާތު ދޭނީ ކިހިނެއް؟" ނުހާ ހިނިގަނޑެއް ޖަހާލިއެވެ.

އެ ރެއަށްފަހު ކޮންމެ ރެއަކު އަހަރެން އެތަނަށް ދަމެވެ. ކޮންމެ ރެއަކު ނުހާއާއި ދިމާވެއެވެ. އެއީ އުފާވެރި އާއިލާއަކުން އައިސް ފައިވާ ހިތްހެޔޮ ކުއްޖެއް ކަމުން އަހަރެންނަށް ނުހާއާއި އެކުގައި އުޅެން ނުހަނު ފަސޭހަވިއެވެ. އަދި އެއީ ރިފާގެ ހަނދާންތަކާއި ދުރުވުމަށް ލިބުނު ވަރަށް ބޮޑު ބާރަކަށްވިއެވެ. އެނގިފައިވާ ގޮތުގައި ރިފާމެން ހަނީމޫން ނިންމާފައި ރަށަށްވެސް ހިނގައްޖެއެވެ.

ނުހާއާއި ރަހްމަތްތެރިކަން އުފެދުމުން އަހަރެން އެގެއަށް ދިއުމަށް ދަޢުވަތު ދިނެވެ. ނުހާ އޭނާގެ ގޭމީހުންނާއި އަހަރެން ތަޢާރަފް ކޮށްދިނީ ވަރަށް ގާތް މީހެއްގެ ގޮތުގައެވެ. ނުހާގެ ރައްޓެހިންނާއި އާއިލާވެސް އަހަރެންނަށް ނުހަނު ހެވެވެ. ނުހާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބިފައިވާ ކަހަލައެވެ. ކިޔަވައިގެން ހުރި މޮޅުކުއްޖެކެވެ. ނުހާދެކެ އިންތިހާއަށް ލޯބިވާ އާއިލާއެކެވެ. ފައިސާއާއި ޤަދަރު ލިބިފައިވާ އާއިލާއެކެވެ. ނުހަނު ރަނގަޅު ރަޙްމަތްތެރީންނެވެ. އޭނާ ބުނެލާ ކޮންމެ ވަގުތަކު އެ ރަޙްމަތްތެރިން ތިބެނީ ހާޒިރުވާން ތައްޔާރަށެވެ.

"ނުހާ ކީއްވެ ކޮންމެ ރެއަކު މިތަނަށް އަންނަނީ." އެއްރެއަކު އަހަރެން އެހީމެވެ.

"ޝާމް. ދުނިޔޭގެ އުފަލަކީ މައިންބަފައިންނާއި ފައިސާއާއި ރައްޓެހިންނާއި ތަޢުލީމެއް ނޫން. އެއަށްވުރެ އަގުނުކުރެވޭ ކަންކަން އެބަހުރި. ފުރިހަމަ ސިއްޙަތަކީވެސް ވަރަށް މުހިންމު އެއްޗެއް. ޝާމް އެވާހަކައެއް ނުބުނަމެއްނު." ނުހާ އަހަރެންނަށް ބަލާނުލާ ބުންޏެވެ.

ނުހާ އެވާހަކަ ބުނިގޮތުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަހަރެންނަކީ ދެތިން ދުވަހެއްގެ މެހެމާނެއްކަން ނުހާއަށް އެނގިއްޖެނަމަ އޭނާވެސް އަހަރެން ދޫކޮށްލަފާނެ ކަމުގެ ބިރު ހަށިގަނޑުގައި ހިނގައިގަތެވެ. އަހަރެން ނުހާ އާއި ވަކިވާކަށް ބޭނުމެއް ނޫނެވެ. މައިންބަފައިން ފިޔަވާ މިދުނިޔޭގައި ވާހާއެއްޗެއް އަހަރެން ދޫކޮށްލީމެވެ. އެކަނިވެރިކަމާއި މޮޅިވެރިކަމުގައި އަހަރެން ކިތައްރޭ ހޭދަކުރިން ހެއްޔެވެ؟ މި އެކަނިވެރިކަމާއި މާޔޫސްކަމުގައި ވަނިކޮށް ކުޑަވެސް އުންމީދެއް ލިބުނީ ނުހާގެ އޯގާވެރި ބަސްތަކުންނެވެ. އެއީ އުންމީދެއްނެތް ދިރިއުޅުމެއްގައި އަހަރެންނަށް ހިނިތުންވުން ގެނެސްދިން އެކުވެރިއެކެވެ. އަހަންނަކަށް ޖަވާބެއް ނުދެވުނެވެ. ނުހާ އިތުރަށް އެވާހަކަ ނުދެއްކިކަން އެއީ އަހަރެންގެ ނަސީބެވެ.

ކޮންމެ ރެއަކު ނުހާއާއި ބައްދަލު ކޮށްލުމުގެ ޝައުގުވެރިކަން އަހަރެންގެ ހިތުތެރޭ ހިނގަމުން ދިޔައެވެ. ފަރުވާކުޑަކުރަމުން ދިޔަ ބޭސްތައް ގަވައިދުން ކަމުން ދިޔައީމެވެ. ފެންވަރާ ތާޒާވެލާ ދީނުގެ އަޅުކަންތަކުގައި ފަރުވާ ބަހައްޓަމުން ދިޔައީމެވެ. އެންމެ ދުވަހެއްވެސް މިހާރު އަހަންނަށް ވަރަށް މުހިންމުވިއެވެ. ކޮންމެ ސިކުންތެއްވެސް އަހަރެން މިދުނިޔޭގައި ހުންނަން ބޭނުންވަމުން ދިޔައެވެ. ހަޔާތުގެ އެންމެ ފަހު ނޭވާ ނުހާގެ އުނގުގައި ލުމަށް އަހަރެން ނިހާޔަތަށް ބޭނުން ވަމުން ދިޔައެވެ. އެކަމަކު ނުހާއަށް މިވާހަކަ ބުނެދޭނީ ކިހިނެއް ހެއްޔެވެ.

އެއްރޭ ތަންކޮޅެއް ކުރިން އަހަރެމެން ގަޑިކިޔައިގެން ރާޅުގަނޑު ސަރަހައްދަށް ދިޔައީމެވެ. މޫސުން ވަރަށް ރީއްޗެވެ. މަޑުމަޑު ރޯޅިން މުޅިތަނަށް ވެރިވެފައިވަނީ ފިނިކަމެވެ. ހަނދުވަރުގެ ރީތިއަލި މާލޭގެ އަލިތަކާއި އެކުވެގެން ނުހަނު ހިތްގައިމުކަމެއް ގެނުވައެވެ.  އެކިވައްތަރު ވައްތަރުގެ ބަދަންއަޅާފައިވާ ޕެކެޓެއް ހިފައިގެން އަހަރެން ފަހަރަކު ބަދަންކޮޅެއް ކަމުން ދިޔައީމެވެ. ނުހާއަށް ބަދަންކޮޅެއް ދިއްކޮށްލާ ކޮންމެ ފަހަރަކު ލޮނު އަޅާފައި ހުންނަ ބަދަނެއް ނުހާ ނުކަމޭ ބުނެއެވެ.

"ދެން ގެނެސް ދޭންވީ ކޯޗެއްތޯ؟ ހަކުރުއެޅި ބަދަން ވެސް ގެނެސްދީފާނަމޭ. އަހަރެން ހީކުރީ ނުހާއަށް މީރުވާނެކަމަށް" އަހަރެން އެހެން އެއްޗެއް ގެނެސް ދިނުމަށް ދާން އުޅުނީމެވެ.

"ކޮންމެ ކޮންމެ އެއްޗެއް ނުކެވޭނެ. ޝާމް މާބޮޑަށް އެކަމާ ނޫޅެބަލަ. އަހަރެން މިހުރީ ކައިގެންނޭ." ނުހާ އަހަރެން ހުއްޓުވިއެވެ.

އެރޭ އަހަރެމެން ވަރަށް މަޖާކުރީމެވެ. ބިރުވެރި ވާހަކަތަކާއި ޖޯކުތައް ކީމެވެ.  ނުހާ ވަރަށްބާރަށް ހެއެވެ. އެއްފަހަރަކު އަހަރެންވެސް އޭނާއާއި އެކު ހީހީ ބަނޑަށް ތަދުވިއެވެ. މާދުރުން ނުހާއޭ ގޮވަމުން އަންހެން ކުއްޖެއް އަންނާތީ އަހަރެމެން ދެމީހުންނަށްވެސް އެއްފަހަރާ ބަލާލެވުނެވެ. އަހަރެން ހައިރާން ވީވަރުން އަތުގައި ހުރި ބަދަންކޮޅުވެސް ބިންމައްޗަށް ވެރުނެވެ. ކުރިމަތީގައި އެހުރީ އެ ކުއްޖެއްގެ ބޮޑާކަމާއި އަމިއްލަ އެދުން ބޮޑުކަމުން އަހަރެންނަށް އެތައް ހިތާމައެއް ލިބުނު ރިފާއެވެ. އޭނާ އަތުގައި ބޮޑު ޗޮކްލެޓެއް އޮތެވެ. އަހަރެން އަވަހަށް އަނެއް ފަރާތަށް އެނބުރުނީމެވެ. ރިފާއަށް އަހަރެން ފާހަގަވުމުގެ ކުރީން އޭނާއަށް އަހަރެން މީ ކާކުކަން ނޭންގުމަށްޓަކައެވެ. ނުހާގެ ގާތުގައި އަހަރެންގެ ބަލީގެ ވާހަކަ ބުނެފިނަމަ ނުހާ އަހަރެން ދޫކޮށްލާފައި ހިނގައިދާނެކަމުގެ ބިރު އަހަރެންގެ ހިތުގައި އޮތްލެއް ބޮޑުކަމުންނެވެ. ނުހާ އަހަރެން ދޫކޮށްލައިފިއްޔާ އަހަރެން އެކަނި ވާނެވަރު ހިތަށް އެރުމުން މުޅިގައިން ދާހިއްލަމުން ދިޔައެވެ. ރިފާގެ ގޮތް އަހަންނަށް އެނގެއެވެ. އޭނާ  އަހަރެން މުޅި ދުނިޔެއިން ބޭކާރު ކޮށްލާނެއެވެ. އަހަރެން އަވަސް އަވަހަށް ދާން އުޅުނީމެވެ.

"ޝާމް. އާދެބަލަ. މިހުރީ އަހަރެންގެ މަންމަގެ ވަރަށްގާތް ރައްޓެއްސެއްގެ ދަރިއެއް. ވަރަށްގިނަ ޗުއްޓީގައި އަހަރެމެން އެކީގައި ދަތުރު ކުރާނެ. އޭނާ ނުވެސް ބުނެލާ ކައިވެނިކޮށްގެން އައީ ސީދާ އަހަރެންނާ ބައްދަލުކުރަން މިތަނަށް." ނުހާ ގޮވާލުމުން އަހަރެން ހުއްޓުން އެރިއެވެ.

އަހަރެންނަށް ރިފާއާއި ބައްދަލުނުކޮށް ވާނެ އެއްގޮތެއްވެސް ނެތެވެ. އެކަމަކަށްޓަކައި އަހަރެން ބިރުން އުޅުނު ހުރިހާކަމެއް ވެސް އަހަރެންނާ ކުރިމަތިލައިފިއެވެ. އަބަދު ފިލައިގެންވެސް ނޫޅެވޭނެއެވެ. އަހަރެން ރިފާއާއި ކުރިމަތިލީމެވެ. މަޑުމަޑުން ރިފާޔާ ދިމާއަށް ދިޔައީމެވެ. ބިމުގައި ފައި އެޅެނީ ކިހިނެއްކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އަހަރެންގެ ހިތަށް އަރަމުން ދިޔަ ހަމަނުޖެހުންތައް ނުދައްކަން އުޅުނަސް އެކަމެއްވެސް ނުވިއެވެ. އަހަރެންގެ ތުރުތުރު އަޅާއަތުން ރިފާއާއި ސަލާން ކޮށްލުމަށް އަތް އުފުލާލީމެވެ.

"ޝާމް." ނުހާއަށް ހައިރާން ކަމުން ފުރިގެންވާ ރާގެއްގައި ބުނެލެވުނެވެ. ރިފާއަށް އެއްޗެއް ބުނެވުމުގެ ކުރީން ނުހާ އަރިއަޅަމުން ދާތަން ރިފާއަށް ފެނުނެވެ. އޭނާ ދުވެފައި ގޮސް ކުއްލިއަކަށް ނުހާ ހިފެހެއްޓިއެވެ.

"ނުހާ އަނބުރައިގަތީ ކަންނޭނގެ. އަވަހަށް އެމްބިއުލެންސަށް ގުޅާ." ރިފާ ގޮވަމުން ދިޔައެވެ. އެމްބިއުލެންސް އަންނަންދެން އަހަރެން ހުރީ ނުހާ ގައިގާ ހިފަހައްޓައިގެންނެވެ. ރިފާ ފަހަރަކު މީހަކަށް ގުޅަމުން ދިޔައެވެ. އޭނާ ހުރީ ވަރަށް ހާސްވެފައެވެ. އެ ހުރިހާ ވަގުތު އަހަރެން ހުރީ ނުހާ އަހަރެންގެ ގައިގާ ލަށްކޮށްލައިގެންނެވެ. ނުހާއަށް ވީގޮތުން އަހަރެން ވަރަށް ކަންބޮޑުވިއެވެ.

"ޝުކުރިއްޔާ ރިފާ. އަހަރެން ހުރީ އަހަރެންނަކީ ކާކުކަން ބުނެދީފާނެތީ ވަރަށް ބިރުން. އަހަރެންގެ ހަޔާތުގެ ފަހު ވަގުތުކޮޅު ވަރަށް ކުޑަވެއްޖެ. އަހަންނަށް ދުވަހަކުވެސް ކަމެއްކޮށްދޭނަމަ ނުހާގާތު އަހަރެން ބަލިވާހަކަ ނުބުނާތި!" އަހަރެން ރިފާ ގާތު އާދޭސް ކުރީމެވެ.

"ޝާމު ތިއުޅެނީ ނުހާގާތު ނުބުނެތަ؟ ތިހާބޮޑު އޮޅުވާލުމެއް އޮޅުވާލާކަށް ނުވާނެއެއްނު." ރިފާ ފޫހި ފާޑަކަށް ބުންޏެވެ. އެވަގުތު އެމްބިއުލެންސް އަތުވެއްޖެއެވެ. ހާސްކަމާއި ކަންބޮޑުވުމާއެކު އަހަރެމެން ވެގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައީމެވެ. ހޮސްޕިޓަލުން އާއިލާ މީހުންނާއި ބައްދަލުވިއެވެ. އެމީހުންނާއި ނުހާ ހަވާލު ކުރުމުފަށްފަހު ނުހާއަށް ވީގޮތެއް ބެލުމަށް ދުރުގައި ހުރީމެވެ. ޑޮކްޓަރު ބުނުއްވީ ނުހާގެ ކިޑްނީ ފެއިލް ވީކަމަށެވެ. އާއިލާގެ ފަރާތުން އެނގުނުގޮތުގައި ނުހާގެ އެއް ކިޑްނީ ވަނީ ކުރިންވެސް ފެއިލް ވެފައެވެ. ދެވަނަ ކިޑްނީއަށްވެސް މާގިނަ ދުވަހެއް ނުވާނެ ކަމަށް ބުނެފައިވެއެވެ. ވީހާވެސް އަވަހަކަށް ކިޑްނީއެއް ނުލައްވައި ފިއްޔާ ފުރާނަޔަށް ނުރައްކާވާނެކަމަށް ޑޮކްޓަރު ބުނުއްވިއެވެ. އާއިލާގެ މީހުން ނުހާއަށް ކިޑްނީއެއް ލިބޭތޯ އަތް ފުނާއަޅަމުން ދިޔައެވެ. ފައިސާ ހުރެގެން ކަމެއް ވާނެނަމަ ނުހާއަށް ކިޑްނީއެއް ލިބެންވާނެއެވެ.

"ޝާމް. ނުހާއަކީވެސް އުންމީދެއް ނެތް ކުއްޖެއް. އެއީ އަހަރެންގެ ވަރަށް ގާތްކުއްޖެއް. އޭނާއަށް ޝާމްގެ ސަބަބުން ދެރަގޮތެއް ވެއްޖެނަމަ އަހަރެން ކަލޭ ދުލެއް ނުކުރާނަން. އަހަރެން މިދަނީ އެމީހުންގެ މަންމަގެ ގާތު ޝާމްގެ ވާހަކަ ބުނަން." ރިފާގެ ބޮޑާކަމާއި ކިބުރުވެރިކަން މީން ދުވަހަކު ނުފެންނަ ވަރަށް އޭނާގެ ކިބައިން ފެންނަމުން ދިޔައެވެ.

ޑޮކްޓަރުގެ ހިތާމަވެރި ބަސްތަކާއި ރިފާގެ ވިހަ ބަސްތަކުން އަހަރެންގެ ހިތް ހީވީ ކަތި ލެވުނުހެންނެވެ. ނުހާގެ އުފާވެރިކަމާއި ޚިޔާލެއް ފިކުރެއް ނެތް ދިރިއުޅުމުން އަހަރެންނަށް ދިރިއުޅުމުގެ ކިހާ އުފަލެއް ގެނެސްދިން ހެއްޔެވެ؟ ދިރިއުޅުމުގައި އުންމީދުގެ ހުޅުކޮޅެއް ރޯވީ ނުހާގެ ސަބަބުންނެވެ. ކުރީރެއަކު ނުހާ ވާހަކަދައްކަމުން ބުނި ފުރިހަމަ ސިއްހަތެއްގެ މުހިންމު ވާހަކަޔަކީ އެވާހަކަކަން އަހަރެންނަށް އެނގުނެވެ. އަހަރެން ވަރަށް ބޮޑަށް ދެރަވިއެވެ. މަޑުމަޑުން ނިކުމެގެން ގެއަށް ދިޔައީމެވެ.

ގޭގައި އަހަންނަށް ހަމަޖެހުމެއް ނުލިބުނެވެ. ނުހާގެ ހަނދާންތަކުން އަހަރެންގެ ހިތް ރޮއްވަނީއެވެ. އޭނާގެއަދާތަކުން އަހަރެންގެ މޭ ތޮރުފަނީއެވެ. އަހަރެންގެ ގައިން އެއްބައި މަދުވާހެން ހީވާންފެށިއެވެ. އަނެއްކޮޅުން ރިފާގެ ޖެއްސުންކުރުމާއި އޭނާގެ އުނދަގޫތަކުން އަހަންނަށް ހަމަ ނިދިވެސް ލިބެނީކީ ނޫނެވެ. އޭނާ އަހަރެންގެ މަރުބަލީގެ ވާހަކަ ދައްކައިފިނަމަ ދެންވާކީ ކިހިނެއްބާވައެވެ؟ އެންމެންފަދައިން ނުހާވެސް އަހަރެން ދޫކޮށްލާފައި ހިނގައިދާނެކަމުގެ ބިރުން އަހަރެން ހާސް ވަމުން ދިޔައެވެ.

ނުހާ ގެއަށް ދޫކޮށްލި ޚަބަރު އަހަރެންނަށް އިވުނެވެ. ވަރަށް ހިތްވަރު ކޮށްފައި އަހަރެން ނުހާމެންގެއަށް ދިޔައީމެވެ. ދޮރުގައި ޓަކިޖަހާލުމުން ދޮރުހުޅުވީ ނުހާގެ ރައްޓެއްސެކެވެ. އަހަރެން ދިއުމުން ނުހާ ގާތު ތިބި ރައްޓެހިން ނިކުތެވެ.

"ނުހާ ތީ ވަރަށް ގޯސްކުއްޖެއް. ކީއްތަވާނީ އެއްފަހަރު ނަމަވެސް އަހަރެން ގާތު ބުނެލި ނަމަ." އަހަރެން ބުނީމެވެ.

"ކީއްކުރަން. އަހަރެން މަރުވާން އުޅެނިއްޔޭ ބުނަން ވަރަށް ފޫހިވޭ. އެއީ އަހަރެން އަޑުއަހާ ހިތް ވާކަހަލަ ވާހަކައެއް ނޫން. ކޮންމެ މީހަކަށްވެސް މިދުވަސް އަންނާނެ. އެހެންކަމުން ހިތްހަމަޖައްސައިގެން އުޅުމެއްނު ރަނގަޅީ. އެހެންނޫނަސް އަހަރެން ބޭނުމެއް ނޫން ޝާމަށް އަހަރެންގެ ބަލި އެނގުމުން އަހަރެން ދޫކޮށްލާފަ ދާކަށް." އޭނާއަށް ރޮވެންފެށިއެވެ. އޭނާ ނުރޯން އުޅޭކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް އައެވެ.

"އޭތް. ނުރޮއި ހުއްޓާލާ. އަހަރެން ދުވަހަކުވެސް ނުހާދޫކޮށެއް ނުލާނަން."  އަހަރެން އޭނާ ގަޔާ ކައިރި ކޮށްލީމެވެ. އޭނާގެ ދެލޯ ފޮހެދިނީމެވެ. ނަމަވެސް އަހަރެން މަރާދެކޮޅަށް ހަނގުރާމަ ކުރަމުންދާކަން އޭނާއަށް އަންގާކަށް ބޭނުމެއް ނުވިއެވެ. އަހަރެންނަށްވެސް އެވަގުތު ރޮވުނެވެ.

ދުވާލުގެ ވަގުތު ތަކުގައިވެސް ނުހާޔާއެކު އެގޭގައި އަހަރެން ވަގުތު ހޭދަކުރަމުން ދިޔައީމެވެ. ކޮންމެ ދުވަހަކު ނުހާ ޑަޔަލިލިސް ހަދާއިރު އަހަރެން ދުރުގައި ބަލަން ހުންނަމެވެ. އަހަރެންގެ ބަލީގެ އެއްވެސް ކަމެއް އޭނާއަކަށް އަދިވެސް ނޭނގެއެވެ. އޭގެފަހުން ރިފާއެއްވެސް ނުދެކެމެވެ. އޭނާ ރަށަށް ދިޔައީ ކަމަށްވެދާނެއެވެ.

ދުވަހަކަށްފަހު ދުވަހެއް އަހަރެމެންގެ ގުޅުން ވަރަށްބޮޑަށް ގާތްވަމުން ދިޔައެވެ. އެކަކު އަނެކަކާ ނުލާ ނޫޅެވޭ ވަރުވިއެވެ. ކެވެނީވެސް އެކުގައެވެ. ނިދެނީވެސް ވާހަކަދައްކަން ތިއްބައެވެ. އަހަރެންގެ ހަޔާތަށް މުޅިން އާ އުފާވެރި ދުވަސްތަކެއް ލިބެމުން ދިޔައެވެ.

ގިނަ ދުވަސްތަކަކަށްފަހު އަނެއްކާވެސް އަހަރެމެން ތިބީ ހަމަ ރާޅުގަނޑު ސަރަހައްދުގައެވެ. އަހަރެން ނުހާގެ މޫނަށް ވަރަށް ގާތުން ބަލާލީމެވެ. އެލޯބި މޫނު މިހާރު ވަނީ ފާޑަކަށް ދުޅަވެފައެވެ. ކޮންމެ ދުވަހަކު ލޭބަދަލުކުރާތީ އަނދާފައެވެ. ގައިގާ ފާޑެއްގެ ލައްތަކެއް ޖަހާފައެވެ. އަހަރެން ބަލާލި ގޮތުން ނުހާއަށް ވަރަށް އަސަރުކުރިއެވެ. ފުރަތަމަ ފަހަރަށް އަހަރެންގެ ކުރިމަތީގައި އޭނާ ހިތްއެދޭ ވަރަށް ރޯން ފެށިއެވެ. އަހަރެންގެ ގައިގާ ލައްވެލައިގެން ވަރަށް ގިނައިރު ރުއެވެ. އަހަރެންނަށް ވަރަށް އަސަރު ކުރިއެވެ. ނަމަވެސް ހިތްވަރުކޮށްފައި އޭނާ ހެއްވާލެވޭތޯ ބެލީމެވެ. އެކަން ކާމިޔާބުވެސް ވިއެވެ.

އަހަރެމެން ދެމީހުން އެކުގައި ވަރަށް ސަކަރާތް ޖެހީމެވެ. ހަޅޭއްލަވާ ދުވެ ހެދީމެވެ. ކުއްލިއަކަށް ނުހާ ބަނޑުގައި އަތްއަޅާ ތިރިވަމުން ދިޔައެވެ. އެމަޖެންސީކޮށް ނުހާ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އައިސީޔޫގައި އެޑްމިޓް ކުރަންޖެހުނެވެ. އަހަރެންގެ ހިތް ކުދިކުދިވަމުން ދިޔަހެން ހީވިއެވެ. ހިތްދަތިކަމުން ހިތް ހަލާކުވަމުން ދިޔައެވެ. ނުހާ ކަހަލަ ލޯބި ލޯބި ކުއްޖަކަށް އެފަދަ ބޮޑު ބައްޔެއް ޖެހުނީތީ އަހަރެންނަށްވެސް ރޮވެމުން ދިޔައެވެ. އެހާ ރީއްޗަށް ކުޅެން އުޅުނު ކުއްޖަކަށް އެއީ އެއްވެސް އިންސާފެއް ނޫނެވެ. އެމަންޒަރު ބަލަން ކެތް ނުކުރެވިގެން އަހަރެން ގެއަށް ދިޔައީމެވެ. ފެންވަރައިގެން ނަމާދު ކުރަން ފެށީމެވެ. އަހަރެންނަށް ނަމާދުގައި ކުރެވުނީ ކިތައް ރަކުއަތް ކަމެއްވެސް ނޭނގެއެވެ. ކޮންމެ ނަމާދެއް ފަހުގައި ކުރެވޭ ދުޢާގައި ނުހާއާއި އަހަންނަށް ޝިފާދެއްވާތޯ އާދޭސް ދަންނަވަމުން ދިޔައީމެވެ. ﷲ ސުބުހާނަހޫ ވަތަޢާލާއަށް ކުއްތަން ވެވުނުލެއް ބޮޑުކަމުން އަހަރެންގެ ލޮލުން ފައިބަމުންދާ ކަރުނަތައް ކޯތާފަތުން ފައިބައިގެން ލައިގެން ހުރި ގަމީސް ތެންމަމުން ދިޔައެވެ. މުސައްލަ މަތީގައި އަހަރެންނަށް އިނދެވުނީ ކިހާއިރެއް ކަމެއް ނޭނގެއެވެ. އަހަންނަށް އެގޮތުގައި އިންދާ ނިދި ޖެހުނު ކަންވެސް އެނގުނީ އަހަންނަށް ފޯނެއް އައުމުންނެވެ. ނުހާއަށް މިހާރު ވާހަކަ ދެއްކޭވަރު ވެއްޖެކަމަށް ބުނުމުން އަހަރެން އަވަސް އަވަހަށް ހޮސް ޕިޓަލަށް ދިޔައީމެވެ.

ދަންވަރުގެ ވަގުތުކަމުން ހޮސްޕިޓަލުގައި މީހުން ވަރަށް މަދެވެ. ނުހާ ވަނީ ޕްރައިވެޓް ރޫމަކަށް ބަދަލުކުރެވިފައެވެ. ނުހާގެ މައިންބަފައިންނާއި ހެޔޮއެދޭ އެންމެން ތިބީ އަހަރެންގެ އިންތިޒާރުގައި ކަހަލައެވެ. އެންމެން ދަނީ ކުށްވެރިއަކަށް ބަލަމުން ދާހެން އަހަރެންގެ މޫނަށް ބަލަމުންނެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަހަންނަށް އިހުސާސް ވަމުން ދިޔައެވެ. އަނެއްކާ ނުހާއަށް ގޮތެއް ވީބާވައެވެ؟ ނޫނީ އަހަރެންގެ މަރުބަލީގެ ޚަބަރު ރިފާ އެމީހުންނަށް ދިނީބާވައެވެ؟ ވާންއުޅޭ ގޮތެއް ނޭނގޭތީ އަހަރެން ހުރީ އިންތިހާއަށް ހާސްވެފައެވެ.

"އިތުރަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނާޅާތި؟ ކަލޭ ހީކުރީ ކަލޭގެ ހުރިހާކަމެއް ސިއްރުކޮށްގެން ނުހާޔާއެކީ އުޅެވޭނެ ކަމަށްތަ؟ ކަމެއްވީމާ ދޯ އަހަރެންވެސް ކަލޭއާއި ވަކިވީ. ކަލޭގެ ބަލީގެ ވާހަކަ އަހަރެން އެންމެންނަށް ކިޔައިދީފިން." ރިފާ ހަޅޭއްލަވައިގަތުމުން އަހަރެންގެ ބޮލުގައި މީހަކު އެއްޗަކުން ޖެހިފަދައެވެ.

"ރިފާ ރަށަކަށް ނުދަންތަ؟" އަހަރެންނަށް ބުނެވުނީ އެންމެ ޖުމްލައެކެވެ.

"އަހަރެން ނުހާ ރަނގަޅުވީމަ ދާނީ." ރިފާ އަޑުގައިވަނީ ކިބުރުވެރިކަމެވެ.

ނުހާ ބަލިވެފައި އޮއްވާ އެޚަބަރު އަނެއްކާ ނުހާއަށް ނުދޭށޭ ބުނެ އަހަރެން އާދޭސް ކުރީމެވެ. އޭނާ ބަލިވެފައި އޮއްވާ އަހަރެންގެ ބަލީގެ ވާހަކަ ބުނެފިނަމަ އިތުރަށް ގޯސްވެދާނެތީ އަހަރެން ކަންބޮޑުވިއެވެ. ނުހާގެ ބައްޔަށް އިތުރު ބޮޅެއް އެޅުމަކީ އަހަރެންނަށް ޤަބޫލު ކުރެވޭނޭ ކަމެއްނޫނެވެ. އެނބުރި ދާން ނިކުންނަމުން ހިތްވަރުކޮށްފައި ރިފާގާތުގައި މަޑުކޮށްލީމެވެ.

"ނުހާއަށް ދެރަގޮތެއް ނަހަދާނަން ކަމަށް އަހަރެން ވަޢުދުވަން. އެއީ ނުހާއަށް ރަނގަޅުގޮތްކަމަށް ވާނަމަ އަހަރެން އަބަދަށްޓަކައި ނުހާއަށް ނުފެންނަ ހިސާބުގައި ވެސް ހުރެދާނަން. އޭނާއަކީ އަހަރެން މަރުގެ ތުންފަތްމަތީގައި މަރަށް އިންތިޒާރު ކުރަމުން ދަނިކޮށް ދިރިއުޅުމުގެ ކުލަތަކެއް ވާކަން ދަސްކޮށްދިން ކުއްޖާ. އެއީ ހިތާމައިގެ ސާލު އޮޅާލައިގެން އޮއްވާ ހިނިތުންވާން ދަސްކޮށްދިން ލޯބި ލޯބި ކުއްޖާ. އެއީ ރިފާކަހަލަ ފިނޑިއެއް ނޫން. އެއީ ރިފާކަހަލަ މަރަށް ބިރުން ފިލަން ދުވާ އަމިއްލަ އެދުމުން ފޯވެފައިވާ ކުއްޖެއް ނޫން. އަހަރެން މިހާތަނަށްވެސް ދުނިޔޭގައި މި ހުރެވެނީ އެ ހިތްވަރުގަދަ ކުއްޖާގެ ހިތްވަރާއި ނުގުޑާ ޢަޒުމުގެ ހަރުދަނާކަމުން ހިތްވަރު ހޯދައިގެން. ނުހާގެ މަންމާ. އަހަރެން އެންމެ ފަހަރަކު ނުހާއާއި ބައްދަލު ކޮށްލަން ފުރުސަތެއް ދީ. އޭރުން އަހަރެން ހިނގައިދާނަން. އަބަދުގެ އަބަދަށް ނުހާ ނުފެންނަ ހިސާބަށް ރަށަށް ހިނގައިދާނަން. އޭރުން ދެތިންމަހެއްގެ ތެރޭގައި އަހަރެން މަރުވެދާނެ. ނުހާއަށް އަދި ތި އާއިލާއަށްވެސް ނޭނގި އަހަރެންގެ ހަށިގަނޑު ފަސްއަޅާ ފޮރުވާލެވިދާނެ. އެކަމަކު ވަދާޢުގެ ސަލާމް ކޮށްލުމުގެ ފުރުސަތު އަހަންނަށް ދީ."

އަހަންނަށް ވާހަކަ ދެއްކުނީވެސް ވަރަށް އުނދަގުލުންނެވެ. އަޑުބެދިގެން ވާހަކަ ނުދެއްކުނު ވަގުތު ކޮޅެއްވެސް ދިޔައެވެ. އަހަރެންގެ މޭ ހީވަނީ ފިސްފިސްވަމުން ދާހެންނެވެ. އެވަގުތު ނުހާ މަންމަ އައެވެ. މަންމަ އެދުމުގެ މަތީން ނުހާގެ ގާތަށް އަހަރެން ދިޔައީމެވެ.

މަޑުމަޑުން އަހަރެންގެ ގައިން ވަރުދޫވަމުން ދާހެން ހީވިއެވެ. ނޭވާހާސްވެ އެތެރެހަށި ކުދިކުދިވަނީހެން ހީވާކަހަލަ އުނދަގޫތަކެއް ވަމުންދިޔައެވެ. ދެލޮލުންފައިބާ ކަރުނަތަކުން އަހަރެންގެ ގަމީސް ތެމެމުން ދިޔައެވެ. އެންމެފަހުން ނޭވާލާން ދަތިވެ ބޯއަނބުރާހެން ހީވާތީ މަޑުމަޑުން ހުރި ދިމާއަށް ތިރިވަމުން ދިޔައީމެވެ. ނުހާ މަންމައަކީ ނުހާފަދަ އޯގާވެރިއެއް ކަމުން އޭނާ އަހަރެން ގައިގާ ހިފަހައްޓައި ގަޔާ ކައިރިކޮށްލިއެވެ. މާޔޫސްވާކަށް އަދި ނުވާކަމާއި ނުހާއަށް އެއްވެސް ކަމެއް ނޭނގޭ ކަމަށް ބުނެ ނުހާ އޮތްތަނަށް އަހަރެން ގެންދިޔައެވެ.

ނުހާ އޮތީ ދެލޯ މެރިފައެވެ. ނޭވާލަމުން ދަނީ މެޝިނެއްގެ އެހީގައެވެ. މުޅިތަނަށް ވެރިވެފައިވަނީ ނުހާގެ ނޭފަތަށާއި ހިތަށް ގުޅާފައިވާ މެޝިނުތަކުގެ އެހީގައެވެ. އެ ލޯބިލޯބި މޫނުވަނީ ކަޅުވެ އަނދާފައެވެ. އެ ތުނިތުނި ހަށިގަނޑު ވަނީ ދުޅަވެ ފުފިފައެވެ. އަހަރެންނަށް ކުރިއަށް ދާން ދަތިވިއެވެ. ކަކުލުހުޅުން ވާގި ދޫވަމުން ދާހެން ހީވިއެވެ. އަހަރެން ގޮސް ނުހާގެ އަތުގައި ހިފާލުމާއެކު އޭނާ ލޯހުޅުވާލިއެވެ. އުނދަގޫ ގޮތަކަށް ހިނިތުންވެލިއެވެ. ނަމަވެސް އެ ރީތި ދެ ލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ. މިދުނިޔޭން ދިމާވި އެންމެ ހިތްވަރު ގަދަ ކުއްޖާގެ ލޮލުން ކަރުނަ އަންނަމުންދާތަން އަހަރެންނަށް ބަލަން ހުރެވޭނީ ކިހިނެއް ހެއްޔެވެ؟

"ޝާމް" އަހަރެންގެ އަޑު ނުނިކުތުމުން ކަންނޭނގެއެވެ.  ބަލި އަޑަކުން ނުހާ އަހަރެންނަށް ގޮވާލިއެވެ. އަހަންނަށް ނުހާގެ އަޑު އަންނަނީ އިކޯވަމުންނެވެ. ނުހާވެސް ފެންނަނީ ވަރަށް ފުސްކޮށެވެ. ވަށައިގެންވެސް ފެންނަނީ އެ ލޯބި ނުހާއެވެ. ހަތަރު ނުހާއެއް އަހަރެންގެ ލޯކުރިމަތީގައި އެނބުރެމުން ދިޔައެވެ. އަހަރެންގެ ސިކުނޑި މަސައްކަތް ކުރަމުން ދަނީ ރަނގަޅަކަށް ނޫންކަން އަހަންނަށް އިހުސާސް ވަމުން ދިޔައެވެ. އަހަރެން ހުރިދިމާއަށް މަޑުމަޑުން ތިރިވަމުން ދިޔައެވެ.

އަވަސް ފަރުވާޔާއެކު އަހަރެންވެސް އައިސީޔޫއަށް ބަދަލުކުރިއެވެ. ދެބަ ދޭތެރެއިން ކަހަލަގޮތަކަށް ނުހާ އަހަރެންގެ އެނދުގެ ކައިރީގައި އޮންނަހެން ހީވެއެވެ. ފުސް މަންޒަރުތަކެއް ދޭތެރެ ދޭތެރެއިން އަހަރެންނަށް ފެނެއެވެ. ނުހާ އަހަރެންގެ އެނދުގައި އޮންނަތަންވެސް ފެނެއެވެ. އަހަރެންގެ ސިކުނޑި ނުބައިކޮށް މަސައްކަތް ކުރަނީ ކަންނޭނގެއެވެ. އަހަރެން އައިސީޔޫގައި އޮތީ ކިހާދުވަހެއް ކަމެއް ނޭނގެއެވެ. ހޭއެރިއިރު އަހަރެން އޮތީ އިންޑިޔާގެ ހޮސްޕިޓަލެއްގައެވެ. އަހަރެން ފުރަތަމަވެސް ނުހާ ކޮބައިތޯ ބެލީމެވެ. އަހަރެން ފުރާނަޔަށްވުރެވެސް ބޮޑަށް ލޯބިވާ އެ އަންހެން ކުއްޖާގެ ޚަބަރެއް ނުވުމުން ހިތް ހަލާކުވިއެވެ. ތަކުރާރުކޮށް ނުހާގެ ވާހަކަ އަހަރެން އަހަމުން ދިޔައީމެވެ. އަހަރެންގެ މަންމަ ރޮވިފައިވާ ހާލު ފޯނުނަގާ  ނުހާއާއި ގުޅައިދިނެވެ.

"ނުހާ. ނުހާ ބަލިވެ އުޅޭ އިރުވެސް އަހަރެންނަކަށް ނުދެވުނު. ކުޑަކަމެއް ދިމާވީ."  އަހަރެން ނުހާއަކަށް އެއްވެސް ކަމެއް އަންގަން ބޭނުންނުވާތީ ދޮގުހެދީމެވެ.

"ޝާމް. އަހަރެންނަށް ހުރިހާ ކަމެއް އެނގިއްޖެ. އިތުރަށް އޮޅުވާނުލާ." ނުހާ ގިސްލަމުން ދާއަޑު އަހަރެންނަށް އިވެއެވެ.

"ނުހާ. ހުއްޓާލާ. މި ދުނިޔޭގައި ދިރިއުޅުމުގެ އެއްވެސް އުންމީދެއް ނެތީ އަހަރެންގެ. އަހަރެންނަކީ މާދަމާ މިދުނިޔެ ދޫކުރަން ތައްޔާރުވެފައި ހުރި މުސާފިރެއް. އެކަމަކު ނުހާ މިދުނިޔޭގައި އުޅެން ޖެހޭނެ. އަހަރެންނަށް ހިނިތުންވާން ދަސްކޮށްދިނީ ނުހާ. ނުހާއަށް އަހަރެންގެ ކިޑްނީ ދޭން އަހަރެން ހުރިހާ ކަމެއް ނިންމައިފީން. އަހަރެންނަށް ބުނެވުނީ އެހިސާބަށް. ދުނިޔެ ވަށައިގެން ފެންނަކޮންމެ އެއްޗެއް ހީވަނީ އެނބުރެމުން ދާހެން. އަހަރެންގެ އެދުމާއި އެއްގޮތަށް އަހަރެންގެ ތިމާގެ މީހުން ކަންތައް ކުރާނެކަމުގެ ޔަގީންކަން އަހަރެންގެ ހިތުގައި އެބައޮތް." އަހަރެންނަށް ލޯމެރުނެވެ.

*****

"މީ އަހަރެން އެންމެ ލޯބިވާ ދޮންބެގެ ހަޔާތުގެ ސަފްޙާތައް އަހަންނަށް ކިޔައިދިން ގޮތް". ޝާން އުދޯލިން ތެދުވިއެވެ. އޭނާއަށް ވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ.

"ދެން ކިހިނެއްތަވީ"؟ ޝާނާ ވަނީ އެވާހަކަތައް އެހުމަށް ކެތް މަދުވެފައެވެ.

"ދެން ހިނގާދިޔަ ހުރިހާކަމެއް ހިނގީ އަހަރެންގެ ކުރިމަތީގައި." ޝާން ފެންކަޅިވެފައިވާ ދެލޯ ފޮހެލިއެވެ.

"މިހާރު ކޮބައިތަ ރިފާ.؟"

"އަހަރެން އެވާހަކަތައްވެސް ކިޔައިދޭނަން." އުނދޯލީގައި އިން ޝާނާއަށް އަނެއްކާވެސް އެ ވާހަކަތައް ކިޔައިދޭން ފެށިއެވެ.

އެދުވަހު ބޭބެ އެދުނީ އެންމެ ކަމެކެވެ. ބޭބެގެ އޮޕްރޭޝަންގެ ތެރޭގައި ބޭބެގެ ކިޑްނީ ނަގާ ނުހާއަށް ދިނުމަށެވެ. މަންމަޔާ ބައްޕަޔާއި ގާތްތިމާގެ މީހުން ބޭބެ ދުނިޔެއަށް އަންނާނެ ކަމުގައި ބުނަމުން ދިޔައެވެ. އޮޕްރޭޝަން ކާމިޔާބު ވާނެކަމަށް ބުނަމުން ދިޔައެވެ. އެވަގުތު އެންމެންނަށްވެސް ރޮވެނީއެވެ. އެއީ ބޭބެއަކީ އާއިލާގައި ހުރި އެންމެ ބަސްއަހާ އެންމެންގެ ކަންތައްތަކާއި ވިސްނާ ކުއްޖަކަށް ވާތީ އޭނާއަށްޓަކައި ޚާއްސަ ލޯތްބެއް އެންމެންގެ ހިތުގައި ވާތީއެވެ. އެހާ ޅައުމުރުގައި ބޭބެގެ ފުރާނަ ހިނގައިދާނެކަމަކަށް އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވުނެވެ. އެކަމަކުވެސް ބޭބެ ގޮތްދޫނުކޮށް ބުނަމުން ދިޔައީ ދުނިޔެއަށް އަޔަސް ނުހާއާއި ނުލާ އުފަލެއް ނެތްކަމަށެވެ. ބޭބެގެ ކިޑްނީ ނުހާއަށް ދިނުމަށް އާދޭސް ކުރަމުން ދިޔައެވެ. ބޭބެގެ ކިޑްނީ ނުހާއަށް ބަދަލުކުރުމުގެ ހުރިހާކަމެއް ނުހަނު ފަސޭހައިން ހަމަޖެހުނެވެ. އެއީ ނުހާގެ އަދި ބޭބެގެ ހުރިހާ މެޑިކަލް ރިޕޯޓެއް ދިމާވުމުގެ އިތުރަށް ނުހާއަކީ މުއްސަނދި ބާރުގަދަ އާއިލާއެއްގެ ކުއްޖަކަށްވާތީއެވެ

ވަރަށް އެމަޖެންސީކޮށް ނުހާ އިންޑިޔާއަށް ގެނެވުނެވެ. ހަމަ އެއްހޮސްޕިޓަލެއްގައި ނުހާއާއި ބޭބެގެ އޮޕްރޭޝަން ކުރުމަށް ޓަކައި އެޑްމިޓް ކުރެވިފައިވެއެވެ. ނުހާ އެދެމުން ދިޔައީ އެއްފަހަރު ނަމަވެސް ބޭބެ ދެކެލުމަށެވެ. އެހުރިހާދުވަހު އޭނާޔަށް ހިތްވަރު ލައިދެމުންދިޔަ ބޭބެގެ ބޮޑު ބަލި ސިއްރުކޮށްފައިވާތީއާއި  ނުހާއަށް ހިތްވަރުލާދެމުން ދިޔައީތީ ނުހާއަށް ވަނީ ބުނެދޭންވެސް ނޭނގޭ އަސަރުތަކަކާއި ހަނގުރާމަކުރަން ޖެހިފައެވެ. ބޭބެގެ ކެތްތެރިކަން ނުހާއަށް ވީ ދުވަހަކުވެސް މީހަކު ފަރާތުން ނުދެކޭ ވަރުގަދަ ހިތްވަރަކަށެވެ. އެދެމީހުންގެ ލޯބީގެ ވަރުގަދަކަން ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންވެސް ހައިރާންކޮށްލިއެވެ. ޚާއްޞަ ބެލުމެއްގެ ދަށުން އެދެކުދިން އެއްތަނަށް ގެނެވުނެވެ. ބޭބެ އޮތީ މެޝިނެއްގެ އެހީގައެވެ. ފުރާނަ ކިރިޔާ ހުރިފަދައެވެ. ނޭވާލަނީވެސް އެ މެޝިނެއްގެ އެހީގައެވެ.

ނުހާގެ ހިތް ކުދިކުދިވަމުން ދިޔައެވެ. އޭނާގެ އެނދު ވަނީ ބޭބެގެ އެނދާއި ވަރަށް ކައިރީގައެވެ. ނުހާ ގިސްލަމުންދާ އަޑުން ބޭބެއަށް ގޮވާލިއެވެ. ބޭބެގެ އެއްވެސް ޚަބަރެއް ނުވެއެވެ.

"ޝާމްއާއި ނުލާ އަހަރެންނަކަށް ނޫޅެވޭނެ. ދުނިޔޭގެ ހުރިހާއެއްޗެއް ލިބުނަސް އަހަރެންނަށް ދިރިއުޅޭކަށް ދެނެއް ފަސޭހައެއް ނޫން. ޝާމް ލޯ ހުޅުވާލާ. އަވަހަށް ރަނގަޅުވޭ. ދެމީހުން އެއް ކިޑްނީ ލައްވައިގެން އުޅެވިދާނެ. ދުނިޔޭގެ ކިތައްމީހުން އެންމެ ކިޑްނީޔަކާއި ނުލާވެސް އެބައުޅޭ. ޝާމް އަހަރެންގެ ކުރިމަތީގައި ހުންނަ ނަމަ… އަހަރެންގެ އަތުގައި ހިފާލައިގެން ހުންނަނަމަ އަހަރެންނަށް ރަނގަޅޭ ޑަޔަލެސިސް ހަދާލަ ހަދާލަ ހުންނަންވެސް. " ނުހާ ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ. ކުރިން ބަލިނުވާވަރަށް ބަލިވެފައިވާ އަސަރުތައް ނުހާގެ މޫނުމަތީން ފެންނަމުންދެއެވެ.

ކުއްލިއަކަށް ބޭބެ ހަރަކާތްކޮށްލިއެވެ. ބޭބެގެ އިނގިލިތައް ތަޅުވާލިތަން ނުހާއަށްވެސް ފެނުނެވެ. ނުހާ ބޭބެގެ އެއަތުގައި ހިފާލިއެވެ. ދެފަރާތުގެ އާއިލާވެސް ނުހަނު ދެރަވެފައި އެމަންޒަރު ބަލަންތިއްބެވެ. ކަރުނަ ނާންނަ އެންމެ ލޮލެއްވެސް އެތާކު ނެތެވެ. ލޯނުފުހޭ ނޯއް ނުދަމާ އެންމެ މީހެއްވެސް ނެތެވެ. އެއީ ހިތްދަތި ވަގުތުކޮޅެކެވެ. އަހަރެންމީ ބޭބެއާއި އެންމެ އެއްކޮށް އުޅުނު ކޮއްކޮއެވެ. އަހަރެންގެ ހިތް ހީވީ ކުދިކުދި ވަމުން ދިޔަހެންނެވެ.

ކުއްލިއަކަށް ބޭބެ ލޯހުޅުވާލިއެވެ. ނުހާއަށް ބަލާލާފައި އަތުގައި ހިފާލިއެވެ. ވަރަށް ލޯބި ހިނިތުން ވުމަކުން ހިނިތުންވެލިއެވެ. އެއްޗެއް ބުނަން ވެގެން ތުންވެސް ތަޅުވާލިއެވެ. ނަމަވެސް ކުއްލިއަކަށް ބޭބެއަށް ގުޅާފައިވާ މެޝިނު ތަކުގެ އެލާމް ގެ އަޑު އެ ހިމޭން މާހައުލު ހަލަބޮލި ކޮށްލައިފިއެވެ. ޑޮކްޓަރުންނާއި ނަރުހުންގެ އަވަސް ހަރަކާތް ތަކުން އެދެމީހުން އޮޕްރޭޝަން ކުރާ ތިއޭޓަރަށް ވެއްދިއެވެ. މަންމަ އަޑުން އަޑުނަގާ ރޯންފެށީ އެވަގުތެވެ. އަހަރެންނަށްވެސް ކެތެއް ނުކުރެވުނެވެ. ބައްޕަ ގައިގާ އޮޅުލައިގެންފައި ބާރަށް ރޮއިގަތީމެވެ.

ބާރަ ގަޑިއިރު ވެއްޖެއެވެ. އަދިވެސް ދެ އާއިލާއިން ކުރެ އެކަކުވެސް ގުޑާނުލާ ތިބީ އޮޕަރޭޝަން ތިއޭޓަރު ކުރިމަތީގައެވެ. އެމީހުންނަށް ކަރު ހިއްކާކަމެއް ބަނޑުހައިވާކަމެއް އިހުސާސެއް ނުވެއެވެ. ގޮނޑީގައި ބިއްޖެހި ނިދިޖެހިލާ މީހުންވެސް ސިއްސައިގެން ތެދުވަނީ އެދެކުދިން ހުވަފެނުން ފެންނާތީއެވެ. މިއީ ހިތްދަތިކަމުން ފުރިގެންވާ ވަގުތުކޮޅެކެވެ.

ކުއްލިއަކަށް ތިއޭޓަރުން ޑޮކްޓަރެއް ނިކުމެއްޖެއެވެ. ނުހާގެ ހަށިގަނޑުގައި ބޭބެގެ ކިޑްނީ ކާމިޔާބުކަމާއިއެކު މަސައްކަތް ކުރަން ފެށިކަމުގެ ޚަބަރުދިނެވެ. އަދި ބޭބެގެ ސިކުނޑީގެ އޮޕްރޭޝަންވެސް ނިމި ވަގުތުކޮޅެއް ބަލާލަން ބޭނުންވާކަމަށް ބުންޏެވެ. އަނެއްކާވެސް ދިޔައީ ނޭވާ ހިފަހައްޓާލަން ޖެހޭ ވަގުތުކޮޅެކެވެ. ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުން ދިޔަ ވަގުތުކޮޅެކެވެ. އޭގެ ފަސްގަޑިއިރުފަހުން އަނެއްކާވެސް ޑޮކްޓަރުންތަކެއް ނިކުމެއްޖެއެވެ. ދެ ކުދިންވެސް ނެރެވިއްޖެއެވެ. ނަމަވެސް ދެ އެނދުގައިވެސް ވަނީ ހުދުފޮތިން ހަށިގަނޑު ފޮރުވާލެވިފައެވެ.

ހީކުރި ގޮތާޚިލާފަށް އެއްވެސް ކުއްޖެއްގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. ދެކުދިންވެސް ދުނިޔެ ދޫކޮށް ދިޔައީއެވެ. ދުނިޔޭގައި ހުންނާނީ އެކަކު އަނެކަކަށްޓަކައި  ކަމަށް ވަޢުދުވަމުން އޮޕްރޭޝަން ކުރަން ވަން ދެކުދިން ދުނިޔެއިން އަބަދުގެ އަބަދަށް އެ ދިޔައީ ދެމިހުންނަނިވި ދާއިމީ ހަޔާތަކަށެވެ.

އެކެއްގެ ލޮލުންވެސް ކަރުނަ ހުހެއްނުވެއެވެ. މަންމަ ވަނީ ހުއްޓުން އަރާފައެވެ. އެންމެ އޯގާތެރި އެންމެ ބަސްއަހާ ދަރިފުޅު ބީވެގެން ދިއުން ވީ މަންމައަށް ގަބޫލުކުރަން ދަތިވި ހަގީގަތަކަށެވެ. މިދުނިޔެއިން އަހަރެން ދުށް އެންމެ ހިތްވަރުގަދަ މީހާ އަހަރެން ގެ ބައްޕަ ގިސްލަ ގިސްލާފައި ރޯތަން އަހަރެން ދެކުނީ އެދުވަހުއެވެ. ޑޮކްޓަރުންވެސް ފެންކަޅިވި ދުވަހެއް މިނޫނީ އަހަރެން ނުދެކެމެވެ. އޭގެފަހުން ހަތަރު އަހަރުވެއްޖެއެވެ. އަހަރެންނަށް އަދިވެސް ރަނގަޅަކަށް ނުނިދެއެވެ. މަންމަ އަދިވެސް އުޅެނީ އޭރުގެ ހިތާމަތަކަށް ލުޔެއް ނުލިބިގެންނެވެ. ގޭތެރޭގައި ވަނީ އެހިތާމަޔާއި ފަޅުކަމެވެ. ބޭބެ ދިޔައީ އަހަރެމެން އެންމެން ރޮއްވާފައެވެ. މާތްﷲ އެދެކުދިންނަށް ސުވަރުގޭގެ ނިއުމަތް ދެއްވާށިއެވެ.

"އާމީން. އަދިވެސް ރިފާއަށް ވީގޮތެއް ނޭނގުނު." އެ އަސަރުގަދަ ވާހަކަތަކުންޝާނާއަށް ރޮވުނެވެ.

"އެ ހުރީއެއްނު ތެމިގެން އަންހެނެއް." މޫދަށް އެރިގެން އަންނަމުން ދިޔަ އަންހެނަކާ ދިމާއަށް ޝާން އިގިލި ދިއްކޮށްލިއެވެ.

" އެ މުޑުދާރު މޮޔަ މީހާތަ؟" ޝާނާއަށް ބުނެވުނެވެ.

"އާނ. އެހެން އަންހެނެއް ފެނިގެން އޭނާގެ ފިރިމީހާ އޭނާ ދޫކޮށްފައި އެހެން ރަށަކަށް ބަދަލުވިތާ މާގިނަ ދުވަހެއް ނުވަނީސް އޭނާ ދުނިޔެއިން މޮޔަވީ. މީހުން ބުނާ ގޮތުގައި އޭނާއަށް ލިބުނު ދަރިފުޅު މޫދަށް ގެނބިގެން މަރުވި ހިސާބުން އޭނާ ކޮންމެ ރެއަކު މޫދަށް ދޭ. އޭނާގެ ޢާއިލާ މީހުންވެސް މިހާރު އޭނާއަކަށް އަޅައެއްނުލާ." ޝާން ބުންޏެވެ. ޝާނާ ތެދުވެ އޭނާގެ ފޮތް ލައްޕާލިއެވެ. ޝާންވެސް އޭނާގެ ފަހަތުން ތެދުވެގެން ދާން ހިނގައި ގަތެވެ. ބުއްދި ގޯސްވެފައިވާ ރިފާވެސް އެމީހުންގެ ފަހަތުން އާދެއެވެ. ޝާނާ ނަފުރަތުގެ ނަޒަރަކުން ރިފާއަށް ބަލާލެވުނެވެ. ރަށުގެ އެންމެންވެސް ބަލާލާ ފަދައިންނެވެ. (ނިމުނީ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
14
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ވަރަށް މޮޅު ރީތި ވާހަކައެއް. ރިފާއަށް ހަދާލާފައިވަނީ ހީވެސް ނުކުރާގޮތެއް. ވާހަކައިގެ ނިމުންވެސް އެހާ ހިތްގައިމު. ޔަޝްފާއަކީ ވަރަށް ތަފާތު ވާހަކަތަކެއް ގެނެސްދޭ ލިޔުންތެރިއެއް. އިތުރު ވާހަކަ ތަކަކަށް އިންތިޒާރު ކުރަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *