Support Us

ޔޫ.އޭ.އީ އާއެކު އޮތް ގާތްގުޅުމަށް އާ ދައުރެއް ގެނެސްދިނުމަށް މަސައްކަތް ކުރާނަން: ރައީސް

ޔޫ.އޭ.އީ. އާއި ދިވެހިރާއްޖެއާ ދެމެދުގައި އޮތް ގާތް ގުޅުމަށް އާ ދައުރެއް ގެނެސްދެއްވުމަށް، އެ ޤައުމާއެކު ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 52 ވަނަ ޔޫނިއަން ޑޭގެ މުނާސަބަތުގައި ބޭއްވެވި ޙަފްލާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ހޮޓެލް ޖެންގައި ބޭއްވި މި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ދައުލަތުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ވަރުގަދަކޮށް، އެއް އަމާޒަކަށް މަސައްކަތްކުރާ ބައެއް ކަމުގައި ވުމުން ހޯދޭ ކުރިއެރުންތައް، މީގެ 52 އަހަރު ކުރިން އެމިރޭޓްސްގައި ހިމެނޭ ޤައުމުތަކުން ގުޅުން ޤާއިމުކޮށް ދެއްކި ނަމޫނާއިން ރަމްޒުކޮށްދޭ ކަމުގައި ވިދާޅުވިއެވެ. އަދި ޔޫ.އޭ.އީ.އަށް ވަރަށް ބޮޑު އިޖާދީ ބަދަލެއް އައިސްފައިވާކަން ފާހަގަކުރައްވައި، މިރޭގެ އުފާވެރި މުނާސަބަތަކީ އެކާމިޔާބީތައް ފާހަގަކޮށް މަރުހަބާ ވިދާޅުވުމަށް ލިބިވަޑައިގަންނަވާ ފުރުސަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޔޫ.އޭ.އީ އަކީ ދުނިޔޭގެ އެންމެ މަޤުބޫލު އެއް މަންޒިލްކަމަށާއި، އެ ޤައުމަކީ ތަރައްޤީއާއި، ފުދުންތެރި ރައްޔިތެއްގެ ފުރިހަމަ މިސާލެއް ކަމުގައި ސިފަކުރެއްވިއެވެ. ހަމަ އެއާއެކު ޔޫ.އޭ.އީ އަކީ އެޤައުމުގެ ރައްޔިތުންގެ އާދަޔާ ޚިލާފު ރޫޙު ދައްކުވައިދީފައިވާ ޤައުމެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަހަރަކީ ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރޭ އަހަރުކަމުގައި ވިދާޅުވެ، ވޭތުވެދިޔަ އަހަރުތަކުގައި ދެޤައުމުގެ ދެމެދުގައި ވަނީ ވަރަށް ރަނގަޅު ގުޅުމެއް އުފެދިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމުމަށްޓަކައި، ދާދި ފަހުން ޔޫ.އޭ.އީ. އިން އިތުރު ފައިސާގެ އެހީ ފޯރުކޮށްދެއްވިކަމީ، ދެ ޤައުމުގެ ގާތް ގުޅުމުގެ ހެއްކެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *