ޢަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި، ބޮޑުތަކުރުފާނު މަގުގައި ކުރީގެ ކުނިކޮށި ހުރި ބިން ކަނޑައަޅައި، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށާ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ "ދިވެހީންގެރާއްޖެ" މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދެކެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ގޮތަށް ޢަރަބިއްޔާ ސްކޫލު އެޅުމުގެ މަސައްކަތް ފެށްޓެވުމަކީވެސް އެމަނިކުފާނު ވަޢުދުވެޑައިގެންފައިވާ ކަމެކެވެ.
އަރަބިއްޔާ ސްކޫލަކީ މިހާތަނަށް އެންމެ ގިނަ ތަންތަނަށް ބަދަލުވެފައިވާ ސްކޫލެވެ. މި ސްކޫލް އެންމެ ފުރަތަމަ ހުރީ މަޖީދީމަގުގައި، މިހާރު ޓާޓާ ފްލެޓް އަޅައިފައިވާ ބިމުގައެވެ. އޭގެ ފަހުން އެ ތަން ވަނީ ޗާންދަނީ މަގުގައި، ކުރިން އީ.ޕީ.އެސް ހިންގި އިމާރާތަށް ބަދަލުކޮށްފައެވެ. އެތަން ހަލާކުވުމުން އަރަބިއްޔާ ވަނީ ހެންވޭރު ފެރީ ޓާމިނަލް ކައިރީގައި ހުންނަ އެމް.ޓީ.ސީ.ސީގެ އިމާރާތަކަށް ވެސް ބަދަލުކޮށްފައެވެ. މިހާރު އަރަބިއްޔާ ހިންގަމުން އަންނަނީ މެދުޒިޔާރަތް މަގުގައި، ކުރިން ދަރުމަވަންތަ ސްކޫލް ހިންގި އިމާރާތުގައެވެ.
ދަރުމަވަންތަ ސްކޫލް ހިންގަނީ ބޮޑުތަކުރުފާނު މަގުގައި މި އަހަރު އަލަށް ހުޅުވި އިމާރާތުގައެވެ.
ޢަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ނެތުމުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ގެންދަނީ ވަރަށް ގިނަ ދަތި އުނދަގޫތައް ތަޙައްމަލު ކުރަމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އެކަމުގެ ޝަކުވާތައް އެ ސްކޫލުގެ ބެލެނިވެރިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އުފުލަމުންގެންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
ޢަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ބިނާކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.



advertisment