Support Us

ގެއްލުމުގެ ބަދަލަށް އެއް ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދިން "ސެޓްލްމަންޓް ކޮމެޓީ" އުވާލައިފި

ބަދަލުގެ ގޮތުގައި އެއް ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން ކުރީގެ ސަރުކާރުން ނިންމި "ސެޓްލްމަންޓް ކޮމެޓީ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އުވާލައްވައިފިއެވެ.

ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައިވާ އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމައިފައި ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްރަށާއި ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެއް ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީއިން ނިންމާފައިވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު"ގެ ނަމުގައި 28 ނޮވެމްބަރު 2022 އިން ފެށިގެން ޢަމަލުކުރަމުން ގެންދަނީ، ޤާނޫނީ އޮނިގަނޑެއްނެތި އަދި ޤާނޫނީ ބާރެއްނެތި އެކުލަވާލައިފައިވާ އުޞޫލަކަށް ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ލަފާވެސް ދެއްވައިފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

"28 ނޮވެމްބަރު 2022 ން ފެށިގެން ޢަމަލުކުރަމުން ގެންދިޔަ މި އުޞޫލާ މެދު ދައުލަތުގެ ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާއަށް މި ދެއްވި ލަފާގައި، މިއީ ޤާނޫނީ އޮނިގަނޑެއް ނެތި އަދި ޤާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުޞޫލެއްކަން ފާހަގަކުރެއްވުމުގެ އިތުރުން، މި އުޞޫލުގެ ދަށުން މައްސަލަތައް ޙައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ދައުލަތުގެ ބަންޑާރަ ނާއިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި، އަދި އެއްވެސް ލަފައެއްވެސް ނެތި ކުރިއަށް ގެންދިޔައީ، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށްކަން ފާހަގަކުރައްވާފައިވެއެވެ." އެ ބަޔާނުގައި ވެއެވެ. "އަދި، ޝަރުޢީ މަރުޙަލާގައި މައްސަލަ ކުރިއަށް ދަނިކޮށް، ބަންޑާރަ ނާއިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، ކޯޓުން ބޭރުގައި މި ދެންނެވި އުޞޫލުގެ ދަށުން ޙައްލުކޮށްފައިވާ ފަސް މައްސަލައެއް ފާހަގަކުރައްވައި، މި މައްސަލަތައް ކޯޓުން ބޭރުގައި ނިންމާފައިވަނީ، ބަންޑާރަ ނާއިބުގެ ފަރާތްޕުޅުން ޝަރުޢީ މަރުޙަލާގައި ފާހަގަކުރައްވަމުން ގެންދެވި ނުކުތާތަކަށްވެސް ރިޢާޔަތްކުރެއްވުމަކާ ނުލައި، އަދި އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ ރައުޔާވެސް ޚިލާފަށް ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި އުޞޫލަކީ އެއްވެސް އިންސާފެއް ހަމަހަމަކަމެއް ނެތި، ތަޢައްސުފީކޮށް ޢަމަލުކުރުމަށް މަގުފަހިވާ އުޞޫލެއް ކަމަށާއި މި އުޞޫލު ޤާނޫނުއަސާސީގެ 271 ވަނަ މާއްދާއާ ޚިލާފުކަމަށްވެސް ބަންޑާރަ ނާއިބު ދެއްވި ލަފާގައިވެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *