Support Us

މެޑަމް ފަޒުނާ، މެޑަމް ސާޖިދާއާ ބައްދަލުކުރައްވައިފި

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ބައްދަލުކުރައްވައިފިއެވެ. މިއީ މަގާމުގައި އިންނެވި ރާއްޖޭގެ މަހާރެހެންދިއަކު، ދެން ވަޑައިގަންނަވާ މަހާރެހެންދިއަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި މެޑަމް ފަޒްނާ ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރެއްވުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެފައެވެ. އަދި ވެރިކަމުގެ މި ދައުރުގައި އެކަމަނާގެ ތަޖުރިބާ މެޑަމް ސާޖިދާއާ ޙިއްޞާ ކުރައްވައި، އެއްވެސް ކަމަކަށް އެހީތެރިކަން ބޭނުންފުޅުވާނަމަ އެކަމަކަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން އެކަމަނާ ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

އަންނަ މަހުގެ 17 އިން ފެށިގެން މެޑަމް ސާޖިދާ ވެސް ދިރިއުޅުއްވާނީ މުލީއާގޭގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މެޑަމް ސާޖިދާ ވަނީ ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް އެކަމަނާގެ ފަރާތުން ކުރައްވަންޖެހޭ މަސައްކަތްޕުޅުތައް ކުރެއްވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ މެޑަމްވެސް ވަނީ އިޖުތިމާޢީ ކަންކަން ކުރެއްވުމަށް ޝައުޤުވެރިކަން ހުރިކަން ފާޅުކުރައްވާފައެވެ. އަދި އިޖުތިމާޢީ ބައެއް މައްސަލަތަކާއި އެކަންކަން ޙައްލުކުރަން އިތުރަށް މަސައްކަތްޕުޅު ކުރައްވަންޖެހޭކަން ދެބޭފުޅުންވެސް ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ މެޑަމްވެސް ވަނީ ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގަންނަވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *