މުދައްރިސުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުން މީޒާން ހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާކުރައްވާނެ ކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"…މުދައްރިސުންގެ ދުޅަހެޔޮކަމަށް ޚާއްޞަ އިސްކަމެއް ދީ، މުދައްރިސުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުން މީޒާންހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާކުރާނަމެވެ. އަދި، މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެހެން، މުދައްރިސުންގެ އިދާރީ އޮނިގަނޑުތައް ބައްޓަންކުރާނަމެވެ. ހަމަ އެހެންމެ މުޖުތަމަޢުގައި މުދައްރިސުންގެ ޤަދަރާއި ޝަރަފު މަތިވެރިކުރާނަމެވެ." މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުނގަންނައިދެއްވާ މުދައްރިސުންނަށް، އަރިސްކުރަމެވެ. ތަޢުލީމީ ހުރިހައި މަރުޙަލާއެއްގައި މި އަގުހުރި ޚިދުމަތް އަދާކުރައްވާ އެންމެހައި ބޭފުޅުން ޝާމިލުވާ ގޮތުގައެވެ. ޝައްކެއްނެތެވެ. މުދައްރިސުންނަކީ ޤައުމުން އަނދިރިކަން ނައްތައިލާ ބައްތިތަކެވެ. ކަތިކަން ނައްތައިލާ ރަހަފަތިތަކެވެ. އަންނަހައި ޖީލުތައް ހެޔޮ މިސްރާބަށް ގެންދިޔުމުގެ އުނދަގޫ ދަތުރާ ހަވާލުވެގެންވާ ސަވާރީތަކެވެ."
ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ކާމިޔާބީގެ އައްސޭރިޔަށް ޤައުމަކަށް ވާޞިލުވެވޭނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް އެ ޤައުމެއްގެ ތަޢުލީމީ ނިޒާމު ބިނާވެގެންނެވެ. އެއީ ހަރުދަނާ އަޚްލާޤެވެ. ތަނަވަސް ޢިލްމެވެ. ކުޅަދާނަ ހުނަރުވެރިކަމެވެ.
"މި ފުރުޞަތުގައި އަޅުގަނޑު ރާއްޖޭގެ ހިވާގި މުދައްރިސުންނަށް ދަންނަވައިލަން ބޭނުންވާ ދެ ކަމެއް އެބަ އޮތެވެ. ފުރަތަމަ ކަމަކީ، މި އަހަރު މުދައްރިސުންގެ ދުވަހުގެ ޝިޢާރުން ވެސް އިޝާރާތްކުރާ އެއް މައްސަލައެވެ. މުދައްރިސުންގެ ޢަދަދު މަދުކަމެވެ. މިއީ ރާއްޖެއަށް ވެސް އޮތް މައްސަލައެކެވެ. ދެވަނަ ކަމަކީ ކިޔަވައި ނިމިގެން ނިކުންނަ ކުދިންގެ ކިބައިގައި ޤައުމަށް ބޭނުންވާ ޤާބިލުކަން ހުރޭތޯ ބައެއް ފަރާތްތަކުން އުފައްދާ ސުވާލެވެ." ޑރ. މުއިއްޒު ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ މި ދެ މައްސަލައަށް ވެސް އަޅުގަނޑުމެން އުފައްދާ ސަރުކާރުން ވަރަށް އިސްކަންދޭނަމެވެ. އެކާވީސް ވަނަ ޤަރުނުގެ ދަރިވަރެއްގައި ހުނަންޖެހޭ ތޫނުކަމާއި ހުޝިޔާރުކަމަށެވެ. ޤާބިލުކަމާއި އުޅުންތެރިކަމަށެވެ. އިޖުތިމާޢީ މިންގަނޑުތަކަށް ކަމޭހިތުމާއި އުފަން ބިމަށް ލޯބިކުރުމުގެ މާތް ސިފަތަކަށެވެ. އިރާދަކުރެއްވިއްޔާ މި ކަންކަން އަށަގަންނާނެ ފަދަ ގޮތަކަށް މަންހަޖު އަލުން ބައްޓަންކުރާނަމެވެ. ކަމާ ގުޅޭ އިތުރު ހަރުދަނާ ފިޔަވަޅުތައް އަޅައި މުދައްރިސުން ތާޒާކުރާނަމެވެ."



advertisment