ބައިނަލްއަޤުވާމީ ތަރައްޤީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކާ ދިމާއަށްކަމަށާއި ދުނިޔެއަށް އަންނަ އިޤްތިޞާދީ، އިޖްތިމާޢީ ބަދަލުތަކާ އެއް ހަމައެއްގައި ތަރައްޤީގެ ދުވެލި ދެމެހެއްޓުމަށް، ތަޢުލީމީ މުއައްސަސާތަކުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރަ
މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ، ޤައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ މިންނެތް މަސައްކަތާއެކު ކަމަށެވެ. އަދި ހަމަ އެހެންމެ، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ޓީޗަރުންކަން ފާހަގަކުރައްވައި ޓީޗަރުންގެ އެ މުހިންމު ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ޒަމާނީ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ލުއިފަސޭހަތަކަށް ޓީޗަރުން އަހުލުވެރިކުރުމަކީ، ޤައުމީ ތަރައްޤީއަށްޓަކައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަންތައްކަން ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި ޓީޗަރުން ސާބިތުވެ ތިބުމާއެކު، އެކަމުގައި ރިވެތި ނަމޫނާ ދެއްކުމަކީ، ރާއްޖޭގެ އިޖްތިމާޢީ ފޭރާން ހެޔޮކުރުމަށްޓަކައި ކުރެވޭނެ މުހިންމު ކަމެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.
ހަމަ އެހެންމެ، ދިވެހިންގެ ދީނީ ޢަޤީދާ އާއި ދިވެހިންގެ ސަގާފީ އަދި އަދަބީ ތަރިކައިގެ މުއްސަނދިކަމަށް ރިޢާޔަތްކޮށް، ޅަ ދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި މިއަހަރުގެ ދުނިޔޭގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކުގައި މަސައްކަތް ކުރައްވާ އެންމެހައި ޓީޗަރުންނަށާއި ލެކްޗަރާއިންނާއި އެބޭފުޅުންގެ ޢާއިލާތަކަށް، ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.



advertisment