މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ގިނަ ކަންކަން ހާސިލުކުރެވިފައިވާ ކަމަށް ވިދާޅުވެ، އެކަންކަން ހާސިލުކުރުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ. އަދި ދައުރުގެ ބާކީ މި އޮތް ދުވަސްތަކުގައިވެސް މެނިފެސްޓޯގެ ނުނިމި ހުރި ކަންކަން ނިންމެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވެރިކަން ބަދަލުވުމުގެ މަރްޙަލާގައި، ވީހާވެސް އޮމާންކަމާއެކު ކަންކަން ކުރިއަށް ގެންދެވުމަށް ޚާއްޞަ ޓީމެއް ނެންގެވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ މެނިފެސްޓޯގެ ކަންކަން ހާސިލުކުރެއްވުމަށާއި އަދި ވަކިން ޚާއްޞަކޮށް، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ދުވަސްވަރު ދިމާވި ދަތި އުނދަގޫ ކަންކަމުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ނަމޫނާ ލީޑަޝިޕް ފާހަގަކުރައްވައި، އެކަމަށްޓަކައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.