Support Us

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަނީ

ރައީސް ޞާލިޙް، ޑރ. މުޢިއްޒާ ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވެއްޖެ

އިއްޔެ ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިންތިޚާބީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލު ކުރައްވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޑރ. މުޢިއްޒާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މި ނިންމުން ގަބޫލުކުރައްވައި، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނު ކަމަށްވާ "ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ޤާނޫނު" ގައިވާ ގޮތުގެ މަތިން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތުން މިކަންކަން ކުރިއަށް ގެންދެވުމަށްޓަކައި ޚާއްޞަ ކޮމިޓީއެއް މިއަދު އުފައްދަވައިފައިވާ ކަމަށާއި، މި ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ، ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ކަމަށާއި، އިންތިޚާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއްގެ އެހީތެރިކަންވެސް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، އިއްޔެ ބޭއްވި އިންތިޚާބުގެ ނަތީޖާ، ރޭ އިޢުލާނު ކުރުމާ އެކީގައި ނަތީޖާ ގަބޫލުކުރައްވައި، އެ މަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގުޅުއްވައިލެއްވި ކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އިންތިޚާބުގެ ހުރިހާ ކަމެއްވެސް ހިނގައިދިޔައީ، ވަރަށް ރަނގަޅަށްކަން ޑޮކްޓަރ މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަންވެސް ވީހާ އޮމާންކަމާއެކީގައި ގެންދިޔުމަށް ބޭނުންފުޅުވާ އެއްބާރުލެއްވުން، އެ ބޭފުޅުންގެ ފަރާތްޕުޅުންވެސް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަންވެސް ޑރ. މުޢިއްޒު ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޗީފް އޮފް ސްޓާފް ޢަލީ ޒާހިރާއި، ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރާއި، ޕީ.އެން.ސީ.ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *