Support Us

ރިޔާސީ އިންތިހާބު 2023

މާވަށު ރައްޔިތުން އެއް އަޑަކުން: "ޑރ. މުއިއްޒު- އެއްބުރުން"

ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މާލޭގެ މޭޔަރު، ޑރ. މުޙަންމަދު މުޢިއްޒު އިއްޔެ ވަރަށް ހަވީރުގެ ވަގުތެއްގައި ލ. މާވަށަށް ވަނީ ވަޑައިގެންފައެވެ. އެ މަނިކުފާނު މާވަށަށް ވަޑައިގަތީ އިއްޔެ ހަވީރު ހައެއް ޖަހަން ކައިރިވެފައި ހުއްްޓައެވެ. އޭރު އެ މަނިކުފާނަށް މަރުޙަބާ ދެންނެވުމަށްޓަކައި އެތައް ސަތޭކަ ބަޔަކު އޮތީ ބަނދަރުމައްޗަށް އެއްވެފައެވެ. މާވަށަށް ފައިބައިވަޑައިގަތުމާއެކު މާވަށުން އެ މަނިކުފާނަށް ރަސްމީ ގޮތުން މަރުޙަބާ ދެންނެވީ ޕީޕީއެމްގެ މާވަށު ދާއިރާގެ ރައީސް، އަދި މާވަށު ކައުންސިލްގެ ރައީސް، އަޙުމަދު މޫސާއާއި މާވަށުގެ ކަމުވޮށިވެގެންވާ ގިނަ ބޭފުޅުންނެވެ.

ޑރ. މުޢިއްޒުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙަންމަދު ސަޢީދާއި ޕްރޮގްރެސިވް ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާއި ޕީޕީއެމްގެ އެޑްވައިޒަރ ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދާއި އެހެން ބައެއް ބޭފުޅުން ވެސް މާވަށަށް ވަޑައިގަތެވެ. ޑރ. މުޢިއްޒު މާވަށަށް ފައިބައިވަޑައިގަތުމާއެކު "ޑރ. މުޢިއްޒު – އެއްބުރުން" މި ޝިޢާރު ރައްޔިތުން ގޮވަމުން ގެންދިޔައެވެ.

އެތައް ސަތޭކަ ބަޔަކާ ސަލާންކުރައްވައި ނިމުނު އިރު، މަޣުރިބު ނަމާދަށް ވަގުތު ކުޑަތަންވެފައިވާތީ، ޑރ. މުޢިއްޒާއި ޓީމު އަވަސްވެގަތީ މަޣުރިބު ނަމާދުކުރެއްވުމަށެވެ. މަޣުރިބު ނަމާދަށް ފަހު ޕީޕީއެމް އެއްނަންބަރު ޖަގަހައިގައި ޖަގަހަ ޖަލްސާއެއް ބޭއްވެވެވިއެވެ. އެ ޖަލްސާގައި ޑރ. މުޢިއްޒުގެ ބައެއް ސިޔާސަތާއި ވަޢުދުތައް ހާމަކުރެއްވިއެވެ. އެ ވަޢުދުތަކުގެ ތެރޭގައި މާވަށުގެ ބިން ބޮޑުކޮށްދެއްވުމާއި މަގުތައް ރަނގަޅު ފެންވަރުގައި ހައްދަވައިދެއްވުން ހިމެނެއެވެ. އަދި ހައްދުންމަތީ އިސްކަންދަރު ވައިގެ ބަނދަރު ބައިނަލްއަގުވާމީކުރެއްވުމަށް ފަހު، ދިރާސާކުރައްވައި އެންމެ އެކަށީގެންވާ ތަނެއްގައި ދެވަނަ އެއަރުޕޯޓެއް ހައްދުންމަތީގައި ގާއިމުކުރައްވާނެ ކަމަށް ކުރީން ފޮނަދޫގައި ވެވަޑައިގަތް ވަޢުދު މާވަށުގައި ތަކުރާރުކުރެއްވިއެވެ. މީގެ އިތުރަށް މާވަށް ކައިރީ ސަރަހައްދުގައި އެއް ރިސޯޓަށް ވުރެ ގިނަ ރިސޯޓު ހައްދަވާނެ ކަމަށާއި، ދިރާސާކުރެއްވުމަށް ފަހު، އެންމެ އެކަށީގެންވާ ރަށެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މާވަށުގައި އައިސް ޕްލާންޓެއް ގާއިމުކުރައްވާނެކަމުގެ ވައުދުގެ އިތުރަށް މާވަށު ބަނދަރު އިތުރަށް ބޮޑުކުރައްވައި ތަނަވަސްކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުހަންމަދު ސަޢީދާއި ޑރ. ޝަހީމު ވެސް ވާހަކަފުޅުދެއްކެވިއެވެ. އަދި މަރުޙަބާ ދެންނެވުމުގެ ގޮތުންނާއި މާވަށަށް ބޭނުންވާ ކަންކަން ހާމަކުރެއްވުމަށް ޓަކައި އަޙުމަދު މޫސާ ވެސް ވާހަކަދެއްކެވިއެވެ.

ޑރ. މުޙަންމަދު މުޢިއްޒު ވަނީ ރޭ ލ. ގަމުގައި ބޮޑު ޖަލްސާއެއް ރޭ ބާއްވަވައިފައެވެ. އެ ޖަލްސާގައި ގަމުގެ ގިނަ ޢަދަދެއްގެ ޒުވާނުން ޕީޕީއެމާ އަލަށް ގުޅުނުކަން ފާހަގަކުރެވެއެވެ. 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދާއި މާދަމާ އެ މަނިކުފާނު އުޅުއްވާނީ އަރިއަތޮޅާއި މާލެއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައެވެ. ހައްދުންމައްޗަށް އިއްޔެ ފެއްޓެވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު ފުރައިވަޑައިގަތް އިރު ހައްދުންމަތީން އާދަޔާ ޚިލާފު ބޮޑު ތަރުޙީބެއް ޑރ. މުއިއްޒަށް ލިބިވަޑައިގެންފައިވާ ކަމަށް ޑރ. މުއިއްޒުގެ އަރިހުގައި އުޅުއްވާ މި ނޫހުގެ ޚާއްޞަ މުރާސިލު ޚަބަރުދެއެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *