Support Us

ރިޔާސީ އިންތިހާބު 2023

ދަ ޑިމޮކްރެޓްސް ހައްދުންމަތީގައި

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓާއި އެ މަނިކުފާނުގެ ރަނިންމޭޓަށް ތާއީދު ހޯއްދެވުމުގެ ދަތުރެއްގައި އެ ޕާޓީގެ ކެންޑިޑޭޓުގެ ރަނިންމޭޓް ޙުސައިން ޢަމްރޫ މުޙަންމަދު ރަޝާދު މިއަދު ލ. މާވަށަށް ވަޑައިގެންފިއެވެ. އޭނާގެ އަރިހުގައި ދަ ޑިމޮކްރެޓްސްގެ ޗެއަރމަން އިމްތިޔާޒު ފަހުމީއާއި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީއާއި އިތުރު ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ދަ ޑިމޮކްރެޓްސްއަށް މާވަށު ބަނދަރުން މަރުޙަބާ ދެންނެވީ އެ ޕާޓީގެ ސަޕޯޓަރުންނާއި "އިބޫ ނޫން ގޮތެއް" ބޭނުންވާ ރައްޔިތުންނެވެ. މާވަށަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ހާޒިރީންނާ މުޚާޠަބުކުރައްވައި ޢަމްރޫއާއި އިމްތިޔާޒު ފަހުމީއާއި އިސްމާޢީލް ވާހަކަދެއްކެވިއެވެ. އެ ބޭފުޅުންގެ ވާހަކައިގައި އެ ބޭފުޅުން ކިތަންމެ ރަނގަޅު ސިޔާސަތުތަކެއް ހުށަހެޅުއްވިޔަސް ސަރުކާރުން މުޅި މީޑިއާ ގަނެލައިފައިވާތީ އެ ބޭފުޅުންގެ ވާހަކައެއް ނޫހެއްގައި ނުޖަހާކަމުގެ ކަންބޮޑުވުން ހާމަކުރެއްވިއެވެ.

މި މޭރުމުން ޢަމްރޫ ވާހަކަދައްކަވަމުން އެ ބޭފުޅުން ވަކި ޕާޓީއެއް ހައްދަވާން ނިންމެވީ އެމްޑީޕީގެ ހުރިހައި އަސާސްތަކާއި އެ ޕާޓީއިން ޚިލާފުވެފައިވާތީ އެ އަސާސްތައް އަލުން އިޢާދަކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވިއެވެ. އެމްޑިޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙު ވެރިކަމަށް ވަޑައިގަތުމަށް ޓަކައި ކުރައްވާނެ ކަމަށް ވިދާޅުވި ކަންކަން ނުކުރައްވައި، ނުކުރައްވާނެ ކަމަށް ވިދާޅުވި ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. މިސާލެއްގެ ގޮތުން މަސްވެރީން ބާނާ މަސް ގަންނަ އަގު ބޮޑުކުރައްވާނެ ކަމަށް ވިދާޅުވެ ގަސްތުގައި މަހުގެ އަގު ކުޑަކުރެއްވިކަމާއި، ތަކެތީގެ އަގު ހެޔޮކުރައްވާނެ ކަމަށް ވިދާޅުވިޔަސް ތަކެތީގެ އަގު ދެގުނަ މައްޗަށް ގެންދެވިކަމާއި އެތެރޭގެ އުދުހުންތަކުގެ އަގު ދެގުނަ ހެޔޮކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި ވިޔަސް އުދުހުންތަކުގެ ޓިކެޓުގެ އަގު ދެގުނަ ބޮޑުކުރެއްވި ކަމަށް ވިދާޅުވިއެވެ. ހަމަ މިފަދައިން ވަޒީފާގެ ބިރު ނައްތައިލާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން މުވައްޒިފުންނަށް ބިރުދައްކަވަމުން ދާކަމަށް ވިދާޅުވިއެވެ. އަދި ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަންގެ ހާއްޔަކަށް ދިވެހި ސަރުކާރު ވެފައިވާ ކަމަށާއި މިއަދު އެމްޑީޕީގައި ނަގައިކިޔާން ތިބީ އެމްޑީޕީ އުފެއްދުމާ ދެކޮޅަށް މަސައްކަތްކުރެއްވި ޑީއާރުޕީގެ މެންބަރުންކަން ވެސް ފާހަގަކުރެއްވިއެވެ.

ދަ ޑިމޮކްރެޓްސްގެ ޓީމުން ފާހަގަކުރި ގޮތުގައި އެ ބޭފުޅުން އެއްގެއިން އަނެއް ގެއަށް ކުރައްވާ ޒިޔާރަތުގައި ފާހަގަކުރެވުނު އެންމެ މުހިންމު ކަމަކީ ރައީސް ސާލިހުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަމާއި މި ވެރިކަން ނިމޭނެކަމުގެ ޔަގީންކަންކަމެވެ. އަދި އެމްޑިޕީ ހީކުރާ ގޮތާ ޚިލާފަށް ދަ ޑިމޮކްރެޓްސްއިން ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވިއެވެ.

މާވަށުގައި އެންމެ ބޮޑު ތާއީދެއް އޮތީ ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުޙަންމަދު މުޢިއްޒަށް ކަމަށް ވާއިރު ދެވަނައަށް އެންމެ ތާއީދު ބޮޑީ އެމްޑީޕީއަށެވެ. އަދި ތިންވަނައަށް ތާއީދު ބޮޑު ޕާޓީއަކީ ދަ ޑިމޮކްރެޓްސް ކަމަށް މާވަށުން މަޢުލޫމާތު ދިން ރައްޔިތަކު ބުންޏެވެ. ދެން ތިއްބެވި އެހެން ކެނޑިޑޭޓުންނަށް ތާއީދުކުރާ މީހަކު ނުފެންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

ދެ ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި ކަނޑައަޅައިފައިވާ ސިޔާސަތުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 87 އިން 76 އަށް މަދުކުރުމާއި ޑްރަގްގެ މައްސަލަ ހައްލުކުރުން ހިމަނައިފައިވެއެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްގެ އިލްޔާސްގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *