Support Us

ތިނަދޫގައި ހިންގަވާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި

ގދ. ތިނަދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގަވާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކޮށްދެއްވައިފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހުވަދު އަތޮޅުގައި ދިވެހި ޕާސްޕޯޓްގެ ޚިދުމަތް ރަސްމީގޮތުން ފަށްޓަވައިދެއްވާފައެވެ. އެގޮތުން މިއަދު ހަވީރު ތިނަދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުވަދު އަތޮޅުގައި މި ޚިދުމަތް ފުރަތަމަ ހޯދި ފަރާތަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވައި، ޚިދުމަތްތައް ލާމަރުކަޒު ކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އެގޮތުން މިހާތަނަށް އިމިގްރޭޝަންގެ ޚިދުމަތްތައް ރާއްޖޭގެ ހަތް ރަށަކުން ލިބެމުންދެއެވެ. ތިނަދޫގައި މި ޚިދުމަތް ފެށުމާއެކު މިހާރު ދިވެހި ޕާސްޕޯޓަށް އެދި އޮންލައިންކޮށް "އިމުގާ" މެދުވެރިކޮށް ހުށަހަޅައި، ޕާސްޕޯޓާ ހަވާލުވުމަށް ތިނަދޫ އިހުތިޔާރު ކުރެވޭނެއެވެ. ތިނަދޫ އިމިގްރޭޝަން އޮފީހުގެ ޚިދުމަތް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު އަށަކުން މެންދުރުފަހު ތިނަކަށް ލިބެން ހުންނާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ތިނަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ 14 ކޮންސަލްޓިންގ ރޫމް ހިމެނޭ އޯ.ޕީ.ޑީ. އޭރިއާއާއި، އެން.އައި.ސީ.ޔޫ. އަދި ދެ ލޭބަ ސުއީޓްސް އާއި ހަތަރު ޕްރައިވެޓް ރޫމް ހިމެނޭ ލޭބަރ ރޫމް ވެސް ހުޅުއްވައިދެއްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު މިއަދު ވަނީ ތިނަދޫ ފެނަކަ އިންޖީނުގެ ހުޅުއްވައިދެއްވާފައެވެ. ތިނަދޫ އައު އިންޖީނުގެއަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އިންޖީނުގެއެވެ. ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ ފަސް މެގަވޮޓެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ތިނަދޫ އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 7.6 މެގަވޮޓެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *