Support Us

ސިނަމާލެ ބްރިޖު ރައީސް ޔާމީން (ކ) އިފްތިތާހުކޮށްދެއްވާއިރު (ވާތްފަރާތުގައި) ޑރ. މުއިއްޒުގެ ދެކަނބަލުން، 30 އޯގަސްޓް 2018ގައި
ރިޔާސީ އިންތިހާބު 2023:

ސިނަމާލެ ބްރިޖުން ފީއެއް ނުނަގާނަން: ޑރ. މުއިއްޒު

ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދަނީ "ކަނޑައެޅިގެން ދޮގެއް" ކަމަށާއި "ފީއެއް ނުނަގާނަން" ކަމަށް ރައީސް ޔާމީން އެންޑޯސްކުރައްވައިފައިވާ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް. ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު ޢަމަލެއް،" މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީން ސަރުކާރުގައި، ޑރ. މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ހިންގެވި އެންމެ ބިޔަ މަޝްރޫއު ކަމަށްވާ، މާލެއާއި ހުޅުމާލެ ގުޅުވައިދޭ ބްރިޖުގައި ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނެގުމަށް ރައީސް ޔާމީންގެ ސަރުކާރުން ނިންމައި އޭރު އެކަން އިއުލާންވެސް ކުރިއެވެ. ނަމަވެސް ފަހުން އެ މަސައްކަތް ކުރިއަކަށް ނުގެންދެއެވެ. އެހެންކަމުން ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު މީގެ ބަރާބަރު ފަސް އަހަރު ކުރިން، 30 އޯގަސްޓް 2018 ގައި ހުޅުވި 1.39 ކިލޯމީޓަރުގެ ސިނަމާލެ ބްރިޖު ބޭނުންކުރަމުން އަންނަނީ ހިލެއެވެ.

ޑރ. މުއިއްޒުގެ ޓްވީޓު އިތުރަށް ސާފުކޮށްލުމަށް "އަދިވެސް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު މިއަދު ވިދާޅުވީ ސިނަމާލެ ބްރިޖު ބޭނުންކުރާ ވެހިކަލްތަކުން އެ މަނިކުފާނުގެ ސަރުކާރުގައި "ފީއެއް ނުނަގާނަން" ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *