Support Us

ވާހަކަ: އޯޝާ

މިއީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

އޮފީހުން އައިގޮތަށް ވެފައިހުރި ވަރުބަލިން އަހަރެން އޮތީ ޖައްސާލައިގެންނެވެ. އަހަރެންނަކީ ޔުނިވަރސިޓީއަކަށް ކިޔަވައިދޭ ލެކްޗަރަރ އެކެވެ. އެހެނެްވެ ވަރަށް ގިނައިން ޔުނިވަރސިޓީގައި އުޅެން ޖެހެއެވެ. އެގޮތުން މިދުވަސްވަރަކީ ޕޭޕަރު މާރކް ކުރަންޖެހޭ ދުވަސްކޮޅަކަށް ވާތީ އާންމުކޮށް މިހާރު ގެޔަށް އާދެވެނީވެސް އެހެންޏާ އާދެވޭ ވަރަށްވުރެ ތަންކޮޅެއް ލަހުންނެވެ.

“ބައްޕީ.. ލައި އާ އޯޝާއާ.. ހިނގާލަން މިދަނީ. ބައްޕިވެސް އާދެބަ!" އަހަރެންގެ ތިން އަހަރަށް ދާ ލައިގާ އޭނަގެ އެތޫލި ހިމަ އަޑުން ބުނެލިއެވެ. އަހަރެންނަށް ތަންކޮޅެއް ލަހުން އާދެވޭތީ އަހަރެންނާއެކު ކުޅެން ލައިގާ ބޭނުންވެއެވެ. އެކަން އަހަރެންނަށްވެސް އެނގެއެވެ. އެކަމަކު ވެފާ ހުންނަ ވަރުބައްޔެއްގެ ބޮޑުކަމުން ގިނަ ފަހަރަކު ކުޅޭކަށްވެސް ނޫޅެވެއެވެ. އެހެންވެގެންވެސް ކަންނޭނގެއެވެ. ލައިގާ މިހާރު އަބަދު އުޅެނީ ޚިޔާލީ ރަހުމަތްތެރިޔަކުވެސް ހޯދައިގެންނެވެ. އަހަރެެންގެ އަންހެނުން ޝިއުނާއާއި އަހަރެންނާ ދެމީހުންވެގެން، ލައިގާ އެ ޚިޔާލީ ރަހުމަތްތެރިޔާއާއި އެކަނިހުރެ ވާހަކަ ދައްކާތަން ބަލަންވެސް ތިބެމެވެ. އެއީ މަޖާ ފޫހިވެސް ފިލާކަމެކެވެ. ގިނަ ފަހަރަށް އެކުއްޖަކާ ވާހަކަ ދައްކަން މަސައްކަތް ކުރަނީވެސް އިނގިރޭސިންނެވެ. ބައެއް ތަންތަންކޮޅު ދާނީ ދިވެހިންނެވެ. ލައިގާ ވާހަކަ ދައްކާލެއް ލޯބިކަމުންނާއި އެވާހަކަތަކުގެ މަޖާކަމުން އަހަރެމެންނަށް ހެވޭ ގޮތްވިޔަސް ލައިގާ ރުޅި އަންނާނެއެވެ. ލައިގާ ބޭނުންވާނީ އަހަރެމެންވެސް ސީރިއަސްކޮށް ތިބޭށެވެ. އެހެންވެ އަހަރެންނާއި ޝިއުނާ ވަރަށް ހިތްވަރުކޮށްފަ ހިނި ނާންނަކަމަށް ހެދިގެން އެތައްފަހަރަކު ތިބެންވެސް ޖެހެއެވެ.

"ލައީ..!! މިހާރު މާ ލަސްވެއްޖެއެއްނުނ..ނިދަންވީއޭ ދެން!" ޝިއުނާގެ އެއަމުރަކީ ލައިގާ މާގަޔާވާ އަމުރެއް ނޫނެވެ. އެެހެން ބުނުމާއެކު ލައިގާ ދެލޯ އަޅާލައެވެ.

"މަންމީ އަބަދު މާއަވަހަށް ނިންދަވާތީ އޯޝާވެސް ހެޕީއެއް ނޫނޭ" ލައިގާ ގެ އެލޯބި މޫނުކޮޅު ކުނިކޮށްލަމުން ޝަކުވާ ކުރިއެވެ.

"އޯޝާވެސް ގެއަށްދާން ޖެހޭނެ އެއްނުނ!. ދޯ އޯޝާ! އޯޝާވެސް ދެންދޭ ގެޔަށް އަވަހަށް ބަސްއަހައިގެން. މިހާރު ނެތޭ އޯޝާއެއް. އެދިޔައީއެއްނުނ. ދެން ލައިވެސް ހިނގާ ނިދަން" އަވަހަށް ނިދަން އައުމަށް އެއްބަސް ކުރުވުމުގެ ގޮތުންނާ ލައިގާ އުފާކޮށްލަ ދިނުމަށް ޝިއުނާވެސް ލައިގާގެ އެކަމުގަ ބައިވެރި ވެލައެވެ. އިރުކޮޅެއް ވަންދެން ވަކި ތަނަކަށް ލައިގާ ބަލަން ހުރެލާފަ "އާނ.. މިހާރު އެދިޔައޭއޭ" ބުނެލާފަ ދެން ނިކަން އަވަހަށް ނިދަން ތައްޔާރުވެއެވެ.

މިއީ އާންމުކޮށް މިކަން ހިނގަމުން އަންނަ ގޮތް ނަމަވެސް މިކަމާމެދު ތަންކޮޅެއް ބޮޑަށް ސީރިއަސް ވާންޖެހުނީ ލައިގާގެ އުޅުމަށް ކުއްލިއަކަށް އައި ބަދަލަކުންނެވެ. އެއްރޭ މެންދަމު ތިނެއް ޖަހަން ކައިރިވެފަ ހުއްޓާ ލައިގާ ކުއްލިއަކަށް ހޭލިއެވެ. އަހަރެންނަކީ ނިދިގަދަ މީހަކަށް ވިޔަސް ޝިއުނާއަކީ ނިދި މަޑު މީހެއްކަމުން، ޝިއުނާވެސް ލައިގާ ހޭލައިފިއްޔާ ހޭލާނެއެވެ. އަހަރެންނަށް މާއަޑުގަދަވެގެން ހޭލެވުނުއިރު ޝިއުނާގެ މޭގަ ލައިގާ ލައްކޮށްލައިގެން އިނދެ، ލައިގާ ހުއްޓުވޭތޯ މަސައްކަތް ކުރަނީއެވެ. އެރޭ ވީގޮތް ކިޔައިދިނީ ޝިއުނާއެވެ.

"ކުއްލިއަށް ހޭލާފަ ދެންހަމަ ރީތިކޮށް އިނީ ފާރާ ދިމާއަށް ބަލަހައްޓައިގެން. ދެން ކުއްލިއަށް ބޮޑު ބިރެއް ފެންނަ ގޮތަށް ހަރަކާތްކޮށްފަ ވަރަށް ބާރަށް ރޯންފެށީ".

"އެވާނީ ބިރުވެރި ހުވަފެނެއް ފެނުނީ ކަމަށް" އަހަރެންނަށްވެސް ޝިއުނާއަށްވެސް ވިސްނުނީ އެގޮތަށެވެ.

އެކަމަކު އެކަންތައް އެރެޔަށްފަހު ދިޔައީ ތަކުރާރު ވަމުންނެވެ. އެހެންވެ އަހަރެމެނެް ދެމީހުން ހޭލާ، ފާރައަށްވެސް ތިބެން ފެށީމެވެ. ހަމަ ކޮންމެ ރެޔަކުވެސް ހޭލަނީ އެއްގަޑިއެއްގައެވެ. އޭގެ ކުރިޔަަކުން ހަމަ ކުޑަކޮށްވެސް ނުހޭލައެވެ. ނިދާފަ އޮންނަނީވެސް ވަރަށް އަރާމު ކޮށެވެ. އެކަމަކު މެންދަމު ތިނެއް ޖަހަން ކައިރިވާއިރަށް ހޭލަނީ ހަމަ އާދައިގެ މަތިން މީހަކު ނިދިން ހޭލެވިގެން ހޭލާ ގޮތަށެވެ. ދެން ފާރާއި ދިމާއަށް ބަލަހައްޓައިގެން ހުރެފަ، ރޮއެ ގަންނަނީ ބިރުން ފިތްކަނޑައިގެން ގޮސްގެންނެވެ. ފަހުން ދުވާލު ގަޑީގަވެސް ހުންނަނީ ނެގިމަޑުވެފަ އެވެ. ކުރީގަ ހުންނަ މަޖާ ގޮތްގަނޑުވެސް ނުހުރެއެވެ. ރޭގަނޑު ނިދަންވެސް ބިރުގަންނަނީއެވެ. ނިދަނީ އެތައް ވާހަކައެއް ދައްކައިގެން ބައްދާލައިގެން ޝިއުނާގެ އަތްމަތީ އޮވެއެވެ.

މިކަންތައްގަނޑު ބޮޑުވެގެން ކުޑަކުދިންގެ ނަފްސާނީ ޑޮކްޓަރަކަށްވެސް ދެއްކީމެވެ. ޑޮކްޓަރު، ލައިގާއާ އެކި ގޮތްތަށް ވާހަކަ ދައްކައިގެން ކުރިން ނޭނގޭ ކަމެއްވެސް އެނގުނެވެ. އަހަރެމެން ހީކުރަނީ ލައިގާއަށް ބިރުވެރި ހުވަފެނެއް ފެނިފަ އޭގެ މަތިން ހަނދާންވެގެން ދެން ރޮއެ ގަންނަނީ ކަމަށެވެ. އެކަމަކު ޑޮކްޓަރު ކައިރީ ލައިގާ ބުނީ ވަރަށް އެހެންކަހަލަ ވާހަކައެވެ. ލައިގާ ބުނީ ލައިގާއަށް ހޭލެވެނީ ލައިގާއަށް ކޮންމެވެސް މީހަކު ގޮވީމައެވެ. ދެން ފާރު ކައިރީގަ ހުންނަނީ "އޯޝާއާ އޯޝާގެ ނިއު ފްރެންޑް" އާ ދެމީހުން ކަމުގައެވެ. ލައިގާގެ ވާހަކަތައް އަޑުއެހުމަށްފަހު ޑޮކްޓަރ ބުނީ ލައިގާގެ "އިމެޖިނަރީ ފްރެންޑް" މާމޮޑަށް ސިކުނޑިއަށް ނެގިފަ ހުރީމައާ އެއްކޮށް އެކަމާ ގުޅިގެން ފެނުނު ބިރުވެރި ހުވަފެނަކުން އެކަންތައް ސިކުނޑީގަ ހަރުލާފަ ހުރުން އެކަށީގެންވާ ކަމުގައެވެ. ޑޮކްޓަރ ދެއްކި ވާހަކަތައް އަކުރުން އަކުރަށް ޤަބޫލުކުރީ ޝިއުނާއެވެ. އަހަރެންނަކަށް މުޅިއަކުން އެދެއްކި ވާހަކަތަކަށް އެއްބަހެއް ނުވެވުނެވެ. ޑޮކްޓަރު އެބުނާ ގޮތަށްނަމަ ލައިގާ އަބަދު އެއްގަޑިއެއްގަ ހޭލަނީ ކީއްވެ ހެއްޔެވެ؟ ބިރުވެރިކަމެއް ހަނދާންވެގެން ރޮެއެގަންނަ ގޮތަކަށްވުރެ ބޮޑަށް ވައްތަރީ އެއްޗެއް ފެނިގެން ބިރުން ރޮއެގަންނަ ގަތުމަކާއެވެ. އަނެއްކާ ލައިގާ އެބުނަނީ އޯޝާއާ އިތުރު ފްރެންޑެއްވެސް ފެންނަ ވާހަކައެވެ.

"ހާދަ ވަރުގަދަ ޚިޔާލެއްގަ؟.. ރަނގަޅުތަ ހުރިހާ ކަމެއް؟" އަހަރެން އިން މޭޒުގައި އިށީންނަމުން ޔައުޤޫބް އަހާލިއެވެ. އަހަރެން އިނީ ޔުނިވަރސިޓީގެ ކެންޓީނުގައެވެ. ހައިވެފަ ހުރިވަރުން އެއްޗެއް ކާލަންވެގެން އައިހެވެ. އެކަމަކު ވިސްނެމުން ދިޔައީ ލައިގާ އާއި މެދުއެވެ.

"މުޅިއަކުން ރަނގަޅެއް ނޫނޭ. އަބަދަކު ހުރިހާ ކަމެއްވެސް ރަނގަޅެއް ނުވާނެތާ"  ހަމަ އެއިންގޮތަށް އިނދެ އަހަރެން ބުނެލީމެވެ.

"އަނެއްކާ ދެއްކޭ ކަހަލަ ވާހަކައެއްތަ؟" ޔައުޤޫބު ވަރަށް ފުންކޮށް އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން ވިސްނާލީމެވެ. ޔައުޤުބަކީ ޝަރީޢާ އިން ލޯ ގެ މޮޑިއުލްތައް ކިޔަވައިދޭ މީހަކަށް ވިޔަސް ސައިކޮލޮޖީއިންވެސް ފާހެއް ނަގާފަ ހުރި މީހެކެވެ. ދީނީ ޢިލްމުގެވެސް މާހިރެކެވެ. އެހެންެ ގޮތަކަށް ބުނާނަމަ އެއީ ހަމަ ޢިލްމުގެ ކަނޑެކެވެ. އެހެންވެ އަހަރެންނަށް ވިސްނުނީ ތަންކޮޅެއް ތަފްޞީލުކޮށް ޔައުޤޫބަށް ކިޔައިދިނުމަށެވެ.

"ފުރަތަމަ ތީގަ ހަދަންވީ ގޮތަކީ.. ދަރިފުޅު ކައިރީ އަހާބަލަ ވީގޮތް.. އެނގޭ އެއްޗެއް ކިޔައިދޭށޭ. ހޯދުނު ވަރަކަށް ތަފްޞީލު ހޯދާތި. ތީ ފަހަރެއްގަ ރޫހާނީ ކަމަކަށްވެސް ވެދާނެ. ނޫނީ ޑޮކްޓަރ އެބުނާ ގޮތަށް ވުންވެސް އެކަށީގެންވޭ. ތިޔަށް އެއްޗެއް ބުނަން އެނގޭނީ އަދި އިތުރަށް ކޮންމެވެސް ވަރަކަށް އޮޅުން ފިލައިގެން." އަހަރެން ދެއްކި ވާހަކަތައް ވަރަށް ކަނުލާ އަޑުއަހަން އިނދެފައި ޔައުޤޫބު ބުނެލިއެވެ. އަހަރެން ގެއަށްވަދެފަ އެންމެ ފުރަތަމަވެސް ދިޔައީ ލައިގާ ކައިރިއަށެވެ. އޭރު ލައިގާ ކައިރީގަ ޝިއުނާވެސް އިނެވެ.

"ބައްޕައަށް ކިޔައިދީބަލަ އޯޝާއާ އޯޝާގެ ފްރެންޑާ ބެހޭގޮތުން. މިހާރު ނާންނަނީތަ ކުޅެން؟" އަހަރެން ކުޑަކޮށް މަޖާވެލާފައި ބުނީމެވެ. މިހާރު ލައިގާ ހުންނަނީ ބަސްވެސް މަދުވެފައެވެ. އެކަމަކު އިރުކޮޅަކު އެހެން ހުރެފަ ނަސީބަކުން ވާހަކަ ދައްކަން ފެށިއެވެ.

"ކުރިން އޯޝާ އަންނަނީ އެކަނި. އޭރު ވަރަށް މަޖާ. އެކަމަކު ވަން ޑޭ.. އޯޝާ އައީ ނިއު ފްރެންޑެއް ގޮވައިގެން. ދެން ލައި ބުނީ ލައި ބޭނުމެއް ނޫނޭ ނިއު ފްރެންޑެއް" ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ލައިގާއަށް ދިޔައީ ގިސްލެވެމުންނެވެ. ކުރިން ލައިގާ ގެ މިޒާތުގެ ވާހަކަތަކަށް ސަމާލުކަން ނުދެވުނީތީ އެކަމާ އަހަރެން ދެރަވިއެވެ.

"އިޓްސް އޯކޭއޭ. ހަމަ ޖެހިލައިގެން ބައްޕައަށް ދެންވީ ގޮތް ކިޔައިދީބަލަ" އަހަރެން ބަލާލީ ޝިއުނާ މޫނަށެވެ. ޝިއުނާވެސް ޝައުޤުވެރިކަމާއެކު އަޑުއަހަން އިނީއެވެ.

"ދެން ލައި ނިދާފަ އޮއްވާ ލައިއަށް ގޮވާތީ ހޭލެވެނީ. ދެން ހޭލައިގެން ބަލާއިރު އެތާ ޓީވީ ހުންނަތާ ކައިރީގަ ތިބެނީ އޯޝާއާ އޯޝާގެ ނިއު ފްރެންޑާ. ވަރަށް ސްކެއަރީކޮށް ތިބެނީ. ލޯވެސް ރެޑް. އެކަމު ކުރިން އޯޝާ ހުންނަނީ ހަމަ ލައި މިހުންނަ ގޮތަށް. މިހާރު ވަރަށް ސްކެއަރީ. ލައި ބޭނުމެއް ނޫން އޯޝާވެސް މިހާރު" ލައިގާ ރޮމުން ގިސްލަމުން ކަހަލަ ގޮތަކަށް ކިޔައިދިނެވެ.

އޭގެ އަނެއް ދުވަހު ޔައުޤާބާއި ދިމާވުމުން ލައިގާ ބުނި ވާހަކަތައް ކިޔައިދީފީމެވެ. ޔައުޤޫބް  ދެއްކީ ތަފާތު ވާހަކައެވެ. ދިނީވެސް ވަރަށް ތަފާތު ހައްލެކެވެ.

"މަށައް ބޮޑަށް ތި ބެލެވެނީ ހަމަ ރޫހާނީ ކަމަކާ. އެކަމަކު ބިރު ނުގަންނާތި. އެ އުމުރު ފުރާގެ ކުދިން ކައިރިއަށް ބައެއް ޅަ ޖިންނިން ކުޅެން އައިސް ހަދާ. ބަޔަކަށް އެއީ މާ އާންމުކަމެއް ނޫނޭ ހީވިޔަސް ނިސްބަތުން ބަލާއިރު އެއީ ވަރަށް އާއްމުކަމެއް. ތިއީ ޅަ އެއްެޗެހިތަކެއް ވީމަ ވަރަށް ފަސޭހައިން ތިކަމުން ސަލާމަތް ވެވިދާނެ. އެއީވެސް ހަމަ އަހަރެމެން ފަދައިން ބިރުގަތުމާ ކަންބޮޑުވުމާ ޖެހިލުންވުން ފަދަ އިހްސާސްތައް ލެއްވިފަވާ މަޚްލޫޤުންތަކެއް. އެހެންވީމަ ހަދަންވީ ގޮތަކީ.. ދުވާލު ގަޑީގަ ކުޅެން ވިޔަސް އަދި ކޮންމެ ކަމަކުވިޔަސް އައިސްތިބޭ ގަޑިއެއްގަ ބުނޭ އެދެ ފްރެންޑުން މިހާރު ތިބިތަން ދައްކާށޭ.. ދެން އެދިމާއަށް ނިކަން ބާރަށް ހަޅޭއްލަވާ ގޮތަށް އިންޒާރު ދީފަ ބުނޭ ދެން އެއްވެސް އުނދަގުލެއް ކޮށްފިއްޔާ ކުޅި ދައްކާލާނަމޭ. ނަސީބު ރަނގަޅިއްޔާ ވަގުތުން ތިކަންތައް ހައްލުވީ. ނޫނިއްޔާ ޖެހޭނީ ރުޤްޔާ ކުރަން."

އަހަރެން ގެޔަށް އައިސް ވަރަށް ބޮޑަށް މިކަމާ ދޭތެރޭ ވިސްނީމެވެ. ބިރުގަންނަ ގޮތްވެ ޖެހިލުންވެސް ވިއެވެ. އެކަމަކު ލައިގާ އެއީ އަހަރެންގެ ދެލޮލުގެ ނޫރެވެ. ހިތްހަމަ ޖެހުމުގެ އަސްލެވެ. ލައިގާއަށްޓަކައި ކޮންމެފަދަ ބިރުވެރިކަމެއްވެސް ގިރާކޮށް ހުރަސް ކުރަން އަހަރެން ތައްޔާރެވެ.

އޭގެ އަނެއް ދުވަހެވެ. ސަލާމް ބުނެފަ އަހަރެން ހުރީ ގޭގައެވެ. ލައިގާގެ ހައްޤުގައެވެ. ލައިގާގެ މުސްތަޤްބަލް އަހަރެންނަށް މާ މުހިއްމެވެ. ޔައުޤޫބް ދެއްކި ވާހަކަތައް ޝިއުނާއަކަށް ކިޔައެއް ނުދެމެވެ. މާބޮޑަށް ބިރުގަނެފާނެތީއެވެ. އެކަމަކުވެސް ޝިއުނާއަށްވެސް ކޮންމެވެސް އެއްޗެއް ވިސްނިގެން އުޅޭ ކަހަލައެވެ. ޝިއުނާވެސް ހުންނަނީ ޒާތަކަށް ބިރުގަނެފައެވެ. ކޮންމެއަކަސް ޔައުޤޫބު ބުނި ފަދައިން ކަންތައް ކުރަން އަހަރެން ހުރީ ނިންމައިގެންނެވެ. އެހެންވެ އެއިން އެއްވެސް ފްރެންޑެއް އަތުވެއްޖެއްޔާ ބައްޕަ ކައިރީ ބުނުމަށް ލައިގާއަށް އޮންނާނީ އަންގާފައެވެ.

"ބައްޕީ..!! އޯޝާ އެބަހުރި އައިސް ކިޗެން ސައިޑްގަ." އަހަރެންގެ ހަތަރެސްފައި ފިނިވާ ގޮތްވިއެވެ. އެކަމަކު ލައިގާ ތަހައްމަލް ކުރަމުންދާ ކަންކަން ހިތަށްއަރާފަ ގަނެފަހުރި ބިރަށްވުރެ އައި ރުޅި ގަދަވިއެވެ.

"ބުނޭ އޯޝާގެ ފްރެންޑްވެސް ގެންނާށޭ" އަހަރެން އެހެން ބުނާއިރަށް ލައިގާ ދުވެފަ އައިސް އަހަރެންގެ ގައިގާ ވަރަށް ބާރަށް ބައްދައިގަތެވެ. އަހަރެން ލައިގާގެ ކަންފަތްދޮށަށް ގުދުވެލާފައި ވަރަށް ސިއްރުން ވައި އަޑަކުން ބުނެލީމެވެ.

"ލައި ބިރުގެންނެވީމަ ބައްޕި މިހިރީ ވަރަށް ރުޅިއައިސްފަ. އަނެއް ފްރެންޑްވެސް ގެނައީމައެއްނުން ބައްޕިއަށް ބުނެވޭނީ ލައި ކައިރިއަށް ނާންނާށޭވެސް. ދޯ.. އަވަހަށް ބުނޭ އަނެއް ފްރެންޑްވެސް ގެންނާށޭ" އަހަރެން އެހެން ބުނެލުމާއެކު އަހަރެންގެ މޫނަށް ބަލާލާފަ ލައިގާ ބޯޖަހާލިއެވެ. އަދި ބަދިގެއާ ވީ ފަރާތަށް އެނބުރިލާފަ ބުނެލިއެވެ.

"ވެއަރ އިޒް..ޔުއަރ..އަނެއް ފްރެންޑް؟" ލައިގާ އެހެން ބުނެލުމާއެކު އަހަރެންގެ ގައިގާ ކުރިޔަށްވުރެވެސް ބާރަށް ބައްދައިގަތެވެ.

"މިހާރު އެތިބީ" ލައިގާ އިޝާރާތް ކޮށްލީ ބަދިގެ ފަރާތުގަ ހުރި އައިސް އަލަމާރިއާ ދިމާއަށެވެ. އަހަރެން ލައިގާ ޝިއުނާއާ ހަވާލުކޮށްފަ އެދިމާއަށް މިސްރާބު ޖަހައިފީމެވެ. ލައިގާ އިޝާރާތްކުރި ދިމާލާއި ވަރަށް ކައިރިއަށް ޖެހިލާފަ، ތަންކޮޅެއް ތިރިއަށް ވާގޮތަށް ޝަހާދަތް އިނގިލިން އިޝާރާތް ކޮށްގެން ހުރެ ވަރަށް ބާރަށް ބުނީމެވެ.

"ޚަބަރުދާރު!! ހަނދާންކުރާތި. މީގެން ފަހުން ލައިއަށް އެއްވެސް އުނދަގުލެއް ކޮށްގެން ނުވާނެ. ލައިގެ ނުހުންނާނެ ތިކަހަލަ ރައްޓެހިންނެއް. ދެންެ އަޔަސް ކުޅި ދައްކާލާނަން. ހީކުރަނީތަ އަހަރެމެންނަށް ކަންތައްތައް ނުކުރެވޭނެ ކަމަށް. ދެން އައިސްފިއްޔާ ޖަހާނަން. ހަމަ މިހާރު މިގެއިން ނުކުމެގެންދޭ. ދާށޭ.. މިހާރު. ނުކުންނާށޭ..!!!" އަހަރެން އަޑުގެ ކޮޅަށް ހަޅޭއްލަވަމުން ގެންދިޔައީމެވެ. އަހަރެން ހުރީ ހަޤީޤަތުގަވެސް ރުޅި އައިސްފައެވެ.

"ބައްޕީ.. އެމީހުން ރޮމުން ރޮމުން ގޮސްފިޔޭ. މިހާރު ނެތޭ" ލައިގާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއުކު އަހަރެންނަށް ފުން ނޭވާއެއް ބޭރު ކޮށްލެވުނެވެ.

އޭގެ ފަހެވެ. އެންމެ އަޖާއިބު ކުރުވަނިވި ކަމަކީ އެފަހުން ލައިގާއަކަށް އެއްވެސް އުނދަގުލެއް ނުވާކަމެވެ. އަބަދު އެ ހޭލެވޭ ގަޑިއަކު ނުވެސް ހޭލައެވެ. ލައިގާ ބުނާގޮތުން މިހާރަކު ނުވެސް އާދެއެވެ. ޔައުޤޫބު އެބުނީ ތެދެއްތާއޭ ހިތަށް އެރިއެވެ. ކޮންމެއަކަސް ލައިގާ ފޫހިވާނޭތީ މިހާރު އަހަރެންވެސް ޝިއުނާވެސް ލައިގާއާ އެއްކޮށް ކުޅެ ހަދަމެވެ. ވަގުތު ދެމެވެ. ދެނަމާދު ދޭތެރެެއަކީ މިހާރު ލައިގާ ޤުރުއާން ކިޔަވާ ގަޑިއެވެ. ނިދާއިރުވެސް އިތުރަށް ހެޔޮ އެއްޗެހި ކިޔުއްވަމެވެ. ދުވަސްތައް ވޭތުވަމުން ދިޔަވަރަކަށް ލައިގާވެސް މަޑުމަޑުން ހަމައަށް އެޅިއްޖެއެވެ. ވިސްނުނު ކަމެއްވެސް އޮތެވެ. ކުޑަކުދިން ދައްކާހާ ވާހަކަތައް ލުއިލުއިކޮށް ނެގުމަކީ އެއީ އަދި އެންމެ ރަނގަޅުގޮތް ނޫންކަމެވެ. މާލަސް ނުވަނީސް ވިސްނުނުކަން އެއީ މިފަހަރުގެ ނަސީބެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2810
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ރީތި ވާހަކައެއް. އަދި މިއީ ވަރަށް އާއްމުކޮށް ދިމާވާކަމެއް. ކޮންމެ ޕޭރެންޓަކުވެސް ކިޔާލަން ރަގަޅު ވާހަކައެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *