Support Us

ދިވެހިބަހަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް މ. އަތޮޅުގައި ހިންގައިފި

މ. އަތޮޅުގައި ތިބި ސަރުކާރު މުވައްޒަފުންނަށް ހިންގި "ދިވެހިބަހަށް އަހުލުވެރިކުރުމުގެ ކޯސް"ގެ ނިމުން ފާހަގަކޮށް ބައިވެރީންނަށް ހަނދާނީލިޔުން ރޭ ޙަވާލުކޮށްދެއްވައިފިއެވެ. ހަނދާނީލިޔުން ޙަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާނު މ. އަތޮޅު ޕޮލިސް ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އިޢުތިމާދު އަޙްމަދު ސަޢީދެވެ.

މުލަކަތޮޅު އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ދިވެހިބަހުގެ އެކެޑަމީން މި ސެޕްޓެންބަރު މަހު 8އިން 10 އަށް މ. މުލީގައި ހިންގި މި ކޯހުގައި އެ އަތޮޅުގެ އެކި ރަށްރަށުން 30 މުވައްޒަފުން ބައިވެރިވެ ކޯސް ފުރިހަމަކުރިއެވެ. މި ކޯހުގައި ކިޔަވައިދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ފޮނުވި ތަޖުރިބާކާރު ދެ މުދައްރިބުން ކަމަށްވާ އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރާއި ދިވެހިބަހުގެ އެކެޑަމީގެ މެންބަރު މުޙަންމަދު ޝާހިދު ޙަލީމެވެ.

ކޯހުގައި މަޢުލޫމާތު ދިނީ ލަފުޒު ވަކިކޮށް ލިޔުމުގެ ހަމަތަކާއި ވާހަކަދެއްކުމުގެ ދަރަޖަތަކާއި ސުކުންކުރުމުގެ އުޞޫލުތަކާއި އައިބައިފިލީގެ ހަމަތަކާއި ތިކިޖެހި ތާނައާއި، ބަހުގެ ހަމަތަކާ އެއްގޮތަށް ސާފުކޮށް ޢިބާރާތްކުރާނެ ގޮތާއި ޖުމުލަ ނިންމާނެ ގޮތް ފަދަ މުހިންމު ބައިތަކެވެ. މީގެ އިތުރަށް ބަސް ބޭނުންކުރުމުގައި މުވައްޒިފުންނަށް އޮޅުންއަރާ ކަންކަން ވެސް އޮޅުންފިލުވައިދިނެވެ.

ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ދިވެހިބަހުގެ އެކެޑަމީގެ މެންބަރު މުޙަންމަދު ޝާހިދު ޙަލީމް ދެއްކެވި ވާހަކައިގައި މި ފަދަ ކަމަކަށް އިސް ނަގައި، ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރާނޭ ގޮތުގެ މައްޗަށް މުވައްޒިފުން ތަމްރީނުކުރުމަށް ސަމާލުކަން ދިން ކަމަށް ޓަކައި މުލަކަތޮޅު ކައުންސިލަށް ޝުކުރު އަދާކުރެއްވިއެވެ.

އަތޮޅު ކައުންސިލުން އެދުނު އެދުމަކަށް އެކެޑަމީން ޚާއްޞަ ސަމާލުކަމެއް ދީ، ވަރަށް ޤާބިލު ދެ މުދައްރިބުން ފޮނުވައި މި ޕްރޮގްރާމް ހިންގައިންދިން ކަމަށް ޓަކައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމަށް ކައުންސިލްގެ ފަރާތުން ޝުކުރުއަދާކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *