Support Us

ނޫސްވެރިކަމުގެ ކޯސް 20 ދަރިވަރަކު ފުރިހަމަކޮށްފި

ތަޖުރިބާކާރު ނޫސްވެރިން ކިޔަވައިދިން ނޫސްވެރިކަމުގެ ކޯސް 20 ދަރިވަރަކު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފިއެވެ. މި ކޯހަކީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއެކު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ޝަހީބު މީޑިއާއިން ހިލޭ ހިންގައިދިން ކޯހެކެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ "ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް" ނިންމުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. ކޯހުގެ ބައިވެރިންގެ ތެރެއިން 100 ޕަސަންޓް ހާޒިރީ ހޯދި ނުވަ ދަރިވަރަކަށް ހަނދާނީ ލިއުން ދެއްވީ އެ މަނިކުފާނެވެ. އަދި ކޯހުގައި ކިޔަވައިދެއްވި ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިންނަށް ހަނދާނީ ލިއުން ދެއްވީ ވެސް އިމްރާނެވެ.

ރޭގެ ހަފުލާގައި އިމްރާނުގެ އިތުރުން، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ހަސަނާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވާހަކަ ދެއްކެވިއެވެ.

ޝަފާއު ދެއްކެވި ވާހަކައިގައި ނޫސްވެރިން ތަމްރީނު ކުރުމަކީ މީޑިއާ ކައުންސިލުން ނުހަނު ޝައުގުވެރިވާ އަދި އިސްކަންދެއްވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކޯހެއް، ކާމިޔާބުކަމާއެކު މި ނިންމާލެވުނީ އެފަދަ އަހައްމިއްޔަތެއް ދެވިގެން ކަމުގައިވެސް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ނޫސްވެރިކަމަށް ވަރަށް ބޮޑު ބަދަލެއް ބޭނުންވާ ކަމަށާއި، އަޚްލާގީ ހަމައަށް ރިޢާޔަތްކުރެވިގެން ޒިންމާދާރުކަމާއެކު ޙަރަކާތްތެރިވާ ނޫސްވެރިކަމެއް ރާއްޖެއަށް އެބަ ބޭނުންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަމަ މިއާއެކު ޒަމާން ބަދަލު ވެއްޖެކަމަށާއި، މި ޒަމާނުގައި ނޫސްވެރިކަން ކުރުމަށް އެއްވެސް ހުރަހެއް ނާޅުއްވާ މި ސަރުކާރުން އެފަދަ ފުރުޞަތުތައް ހަނި ކުރުމުގެ ބަދަލުގައި ނޫސްވެރިންނަށް ފަހިވާގޮތަށް އެކަށޭނަ ބަދަލުތަކަކާއި މާޙައުލެއް ނޫސްވެރިކަމުގެ އާ ޒަމާނެއް މި ސަރުކާރުން ގެނެސް ދެއްވުމަށް މީޑިއާ ކައުންސިލްގެ ރައީސް ގޮވާލެއްވިއެވެ.

ރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން އިމްރާން އިމްރާން ވިދާޅުވީ އަދުލުވެރިކަމާ ނުލާ ނޫސްވެރިކަން ކުރެވިއްޖެނަމަ ކޮންމެވެސް ދުވަހަކުން އޭގެ ޒިންމާ އަމިއްލައަށް ނަގަން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން އޮތީ މީޑިއާ މިނިވަންކަމާއެކު ތަންމިނަށް ހުޅުވާލައިގެން ކަމަށާއި، އިންސާފުވެރިކަމާއެކު ރަނގަޅަށް ބަލައިފިނަމަ އެކަން އެނގޭނެ ކަމަށާއި ސަރުކާރުން މީޑިއާގެ މިނިވަންކަން ހަނި ނުކުރާނެ ކަމަށެވެ. މީގެ ކުރީގެ ސަރުކާރުތަކުންވެސް އަދި ފަހުން އަންނާނެ ސަރުކާރުތަކުންވެސް މީޑިއާއަށް ނުދޭހާ މިނިވަންކަމެއް މިއަދުގެ ސަރުކާރުން މިތިބީ ދީގެން ކަމަށާއި، އެވަރުގެ މިނިވަންކަމެއް ސަރުކާރުން ދިނީމާ މީޑިއާތަކުން އޭގެ ޒާތުގައި ފުރިހަމައަށް ފައިމައްޗަށް ތެދުވެ މީޑިއާ ވަރުގަދަކުރުން އެއީ މީޑިއާގެ އަހުލުވެރިންގެ ޒިންމާއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ސަރުކާރުން ވާންޖެހޭ އެހީތެރިކަން ފޯރުކޮށްދީ ވަސީލަތްތައް، ގާއިމުކުރުމީ މިކަމަށްޓަކައި ހަދަންޖެހޭ ޤާނޫނުތަކާއި އެކަށަ އަޅަންޖެހޭ ހަމަތައް އެކަށައެޅުން ކަމަށާއި، އެކަމަކު އަދިވެސް ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރިކަން ޤަބޫލުކުރައްވާ ކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން ވަ ކިކަމެއް ނުކުރިއްޔޭ ބުނެ ދޫކޮށްލާ ވަރަށްވުރެ ބޮޑަށް މީޑިއާއަށް ބާރުތަކާއި ފުރުޞަތުތައް ސަރުކާރުން ފަހިކޮށްދީ ފައިވާކަމަށް ވިދާޅުވިއެވެ.

އޯގަސްޓް 21އިން ސެޕްޓެމްބަރު 6އަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ކުރިއަށްދިޔަ މި ކޯހަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ޒުވާނުންނާއި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންގެ ލޯހުޅުވައިދީ، އޮއްޓަރު ހުރި، ފޭރާން ހެޔޮ ޚަބަރު ލިޔާނެ ގޮތްތަކާއި ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިން ތަމްރީނު ކޯހެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *