Support Us

ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ރައީސާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު އިންޑިއާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.

މިއީ އެކަމަނާ އިންޑިއާގެ ރައީސްގެ މަޤާމުގެ ހުވާކުރެއްވުމަށްފަހުގައި، ބޭރު ޤައުމެއްގެ އިސްވެރިއަކާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާގެ ރައީސްގެ މަޤާމަށް އެކަމަނާ ވަޑައިގެންނެވުމާ ގުޅިގެން މަރުޚަބާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ރިޔާސީ ދައުރުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ދެޤައުމުގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއަށް ދެޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި އިންޑިއާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސް ޞާލިޙްގެ ވެރިކަމުގައި ގެންގުޅުއްވާ ސަރުކާރުގެ ސިޔާސަތުތަކަށާއި، ރައްޔިތުންގެ ތަރައްޤީ އާއި ކުރިއެރުމަށް ކުރައްވަމުން ގެންދަވާ ނަމޫނާ މަސައްކަތްތަކަށް ތަޢުރީފް ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއިން ގެންގުޅޭ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް ލިބެމުން އަންނަ އިޖުތިމާއީ އަދި އުމުރާނީ ތަރައްޤީ ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ ދިވެހި ރައްޔިތުންނަށް ފައިދާ ހުރި މުހިއްމު މަޝްރޫއުތަކުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައްވެސް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި މިއަދު ވެވުނު ހަ އެއްބަސްވުމުގެ ދަށުން، ރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާރަށްވުރެވެސް ބޮޑަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިރާއްޖެއަކީ އިންޑިއާއަށް މުހިއްމު ބައިވެރިއެއް ކަމަށެވެ. މިގޮތުން އިޤުތިޞާދީ ރޮނގުންނާއި ވިޔަފާރީގެ ރޮގުން އަދި ޘަޤާފީ ރޮނގުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަ ކަމަށާއި، މޯލްޑިވުސް-އިންޑިއާ ޕާޓްނަރޝިޕަކީ ސަރަހައްދަށް ނަމޫނާއެއް ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ދިވެހި ވިޔަފާރިވެރިންގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *