މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި އަލްވަދާޢު ވިދާޅުވެއްޖެއެވެ.
ޙައްޖުގެ އަޅުކަމަށް ރޭ ފުރި 115 ޙައްޖާޖީންނާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންގެ ޙާލު ބައްލަވައިލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޙައްޖާޖީންގެ ކަންކަން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެކަން ފާހަގަކުރައްވައި ހުރިހާ ޙައްޖުވެރިންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގަންނަވާފައެވެ.
ޙައްޖާޖީންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއިރު އެމަނިކުފާނު އަރިހުގައި، މި އަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.



advertisment