Support Us

ގައުމީ ޓީމު ދުބާއީގައި އިއްޔެ ފަރިތަކުރަނީ  -ފޮޓޯ: އެފް.އޭ.އެމް/އެފް.ބީ

ތާވަލަށް ކުޑަ ބަދަލެއް ގެނެސް، ރާއްޖެ-ސީރިޔާ މެޗުން މި މަހު 4ގައި ދުބާއީގައި މެޗުތައް ފަށަނީ

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ދެވަނަ ބުރުގެ ބާކީ ހުރި މެޗުތަކުގެ ތާވަލަށް ކުޑަ ބަދަލެއް ގެނެސް، ރާއްޖެ-ސީރިޔާ މެޗުން، މި މަހު ހަތަރު ވަނަ ދުވަހު ދެވަނަ ބުރު ދުބާއީގައި ކުޅެން އޭ.އެފް.ސީން މިއަދު ނިންމައިފިއެވެ. ރާއްޖެ-ސީރިޔާ މެޗު ކުޅެން ކުރިން ހަމަޖެހިފައި އޮތީ ދެ ވަނަ މެޗެއްގެ ގޮތުގައެވެ.

ތާވަލްގައި ކުރިން އޮތީ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ރާއްޖެ-ޗައިނާ، މި މަހު 3 ގައި، ޗައިނާގެ ސޫޒޯގައި ވާދަކުރާ ގޮތަށެވެ. ނަމަވެސް، ދުބާއީގައި މެޗުތައް ކުޅެން ކުއްލި ގޮތަކަށް ނިންމީ ސޫޒޯގައި ކުޅެން އޮތް މެޗުތަކަށް ދިއުމުގައި، ކޮވިޑްގެ ސަބަބުން، ރާއްޖެ ހިމެނޭ ގޮތަށް ތިން ޓީމަކަށް ހުރަސްތައް ކުރިމަތިވުމުންނެވެ. އެއީ ރާއްޖޭގެ އިތުރުން ސީރިޔާ އަދި ފިލިޕީންސް ޓީމުގެ ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.

ދުބާއީގެ ޝާރުޖާ ނެޝަނަލް ސްޓޭޑިމްގައި ކުޅެން މިހާރު ހަމަޖެހިފައިވާ، ފަސް ޓީމު ވާދަކުރާ މި ބުރުގައި، ރާއްޖެ-ޗައިނާ ވާދަކުރާނީ މި މަހު 11 ގައެވެ. ފަހު މެޗުގައި ފިލިޕީންސާ ވާދަކުރާނީ، ކުރިން ވެސް އޮތް ގޮތަށް މި މަހު 15 ގައެވެ.

ސޫޒޯގައި ކުޅުނު މި ގްރޫޕުގެ ފުރަތަމަ މެޗުގައި ޗައިނާ އާއި ގުއާމް މީގެ ދެ ދުވަސް ކުރިން ވާދަކޮށް، 7-0ން ޗައިނާ ވަނީ މޮޅުވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ޗައިނާ އާއި ގުއާމް ޓީމު މިއަދު ދުބާއީ އަށް ދާނެ އެވެ.

ދިވެހި ގައުމީ ޓީމު މިހާރު ވެސް ފަރިތަކުރަމުން އަންނަނީ ދުބާއީގައެވެ.

ދުބާއީގައި ކުޅުމަށް ހަމަޖެހިފައިވާ ދެ ވަނަބުރުގެ މެޗުތަކުގެ ޝެޑިއުލް

ސޫޒޯއަށް ފުރުމުގެ ކުރިން، ލޭ ނަގައިގެންނާއި ނޯށާއި އަނގަޔަށް ކަފަބުރު ބާނައިގެން ހެދި ޕީ.ސީއާރް ޓެސްޓުގައި، ދިވެހި ޓީމުގެ އެންމެ އިތުބާރު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވަނީ ކޮވިޑަށް ޕޮޒިޓިވްވެ، ޓީމާ އެކަހެރިކޮށްފައެވެ. މާލޭގެ ހޮޓެލް ޖެންގައި ގައުމީ ޓީމު ކޭމްޕުކުރިތަނާ ދަގަނޑޭގެ އަންހެނުން ކޮވިޑަށް ޕޮޒިޓިވްވެގެން، އޭނާ ޓެސްޓް ހެދިއިރު އޭރު ވަނީ ކޮވިޑަށް ނެގެޓިވްވެފައެވެ. އަދި އޭގެ ފަހުން ހެދި ހުރިހާ ޓެސްޓަކުން ވެސް ދަގަނޑޭ ވަނީ ފާސްވެފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *