އަފްޤާނިސްތާނާއި ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވި ދިވެހި އާއިލާއެއްގެ އަންހެނަކު އޭނާގެ ހަތަރު ދަރިންނާއެކު ގަވާއިދާ ހިލާފަށް ތުރުކީއަށް އެތެރެވެގެން އުޅެނިކޮށް އިސްތަމްބޫލްގައި ހައްޔަރުކުރުމުން، އެ މީހުން ރާއްޖެ ގެނައުމަށް ދިވެހި ފުލުހުން މަސައްކަތް ފަށައިފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދިވެހި އަންހެނަކު އޭނާގެ ހަތަރު ދަރިންނާއެކު ސީރިޔާއިން ތުރުކީއަށް ގަވާއިދާ ހިލާފަށް އެތެރެވެ، އެގައުމުގައި އުޅެނިކޮށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސް ދިވެހިސަރުކާރަށް އެކަން އެންގުމުން، އެ މައްސަލަ ތަހުގީގުކޮށް، އެ އާއިލާއަށް ނިސްބަތްވާ ކުޑަކުދިންގެ ރަށްވެހިކަމާއި ދަތުރުފަތުރާ ގުޅުން ހުރި ލިޔުންތަކާއި އެފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނައުމަށް ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޓީމެއް މިވަގުތު ތުރުކީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"މިހާތަނަށް މި މައްސަލައިގައި ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، ތުރުކީގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި އަންހެން މީހާ އަކީ އަފްޤާނިސްތާނާއި ސީރިޔާގެ ހަނގުރާމައިގައި އުޅުނު ދިވެހި ދެ ފިރިހެނަކަށް ހަތަރު ދަރިން ލިބިފައިވާ އަންހެނެއް ކަމާއި މީގެ ތެރެއިން އެންމެ ހަގު ދެކުދިން އުފަންވެފައި ވަނީ އަފްޤާނިސްތާނާއި ސީރިޔާގައި ދިރިއުޅުނުއިރު ކަމަށް ބުނެފައިވާތީ، މި ދެ ކުދިންނަކީ ދިވެހި އަންހެން މީހާގެ ދަރިންކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ އިތުރުން، މި އާއިލާއަށް، ހަނގުރާމަވެރި ސަރަހައްދުތަކުގައި ތަފާތު ބިރުވެރި ތަޖުރިބާތައް ކުރެވި ނަފުސާނީ ގޮތުންނާއި ސިއްހީ ގޮތުންވެސް ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ. "ތުރުކީގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބި މި ދިވެހި އާއިލާގެ ރަސްމީ އެއްވެސް ލިޔުމެއް ނެތުމުން، އެފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ރަށްވެހިކަން އޮތް ފަރާތްތަކަށް ދަތުރުފަތުރު ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކުރުމާއި ރާއްޖެއިން ބޭރުގައި އުފަންވި ކުދިންގެ ރަށްވެހިކަމާއި ރެޖިސްޓްރޭޝަނާ ގުޅޭ ކަންކަން ހަމަޖެއްސުމަށްޓަކަށްޓަކައި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް ގާނޫނީ ހައްލުތަކެއް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ. އަދި، މި ފަދަ ފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނެވޭ ހާލަތްތަކުގައި އެފަރާތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެންނައުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިންގާ ނޭޝަނަލް ރިއިންޓެގްރޭޝަން ސެންޓަރާ ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ."
#MPSPressStatement:PMC/2021/06
Syria in Turkey ah qavaaidhaa hilaafah etherevi Dhivehi anhenaku, eynaage 4 dharinnaaeku Turkey ge kamaabehey faraaiythakuge belumugedhashah gendhiumaa gulhigen emeehun genaumah kuramundhaa masakkathaa gulhey: https://t.co/OloDh5Az4u#MPSNoosBayaan pic.twitter.com/Hexm00jBBV— Maldives Police (@PoliceMv) April 30, 2021
ފުލުހުން އަދި ބުނީ މި ފަދަ ފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނެސް، އެމީހުންގެ މައްސަލަ ބަލައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށް ދިވެހި ސަރުކާރުން ވަނީ ކަނޑައަޅާފައި ކަމަށެވެ.



advertisment