ދިވެހީން އިސްލާމްދީން ޤަބޫލުކުރުމުގެ ކުރީން ދިވެހިބަސް ލިޔެއުޅުނީ މި ހިސާބުގަނޑުގެ އެހެނިހެން ބަސްތައް (ސަންސްކިރްތު، ޓަމިލް، ސިންހަލަ) ފަދައިން ވާތުން ކަނާތަށެވެ. ނަމަވެސް ދިވެހީން އިސްލާމްްދީން ގަބޫލުކުރުމަށް ފަހު ޢަރަބިބަހާ އެއްގޮތަށް ލިޔުމަށްޓަކައި ލިޔާ ފަރާތް ކަނާތް ފަރާތަށް ބަދަލުކޮށްލިއެވެ.

ދިވެހި ބަސް ލިޔާން ވެގެން އަލަށް އީޖާދު ކުރެވުނު ތާނަ އަކުރުގެ ފުރަތަމަ ނުވަ އަކުރު ނެގީ އިރުމަތީ އަރަބި ވިޔައިންނެވެ. ތާނައިގެ ފިލިތައް ނެގީ ޢަރަބި ފިލިތައް އަސްލަކަށް ބަލައިގެންނެވެ. އަދި ދިވެހިބަހުގެ ދީނީ ބަސްކޮށާރު ހަމަ ޢަރަބި ބަހުގެ އަޑުން ޢަރަބި އަކުރާއެކު ނަގައި ދިވެހި ބަހުގެ ތެރެޔަށް ތަޢާރުފުކުރިއެވެ. ދީނީ ބަސްތައް ފިޔަވައި ޢިލްމީ ބަސްތަކާއި ފަންނީ ބަސްތައް ވެސް ޢަރަބި ބަހުން ނެގިއެވެ. އޭރު އެޒަމާނުގައި ޢަރަބި ގިނައިން ބޭނުންކުރުމަކީ މޮޅުކަމެއް ކަމުގައި ވެސް ލިޔުންތެރީންނާއި ޅެންވެރީން ގަބޫލުކުރިއެވެ. އުސްތާޛުލްޖީލް މުޙައްމަދު ޖަމީލު ސިފަކުރައްވާ ގޮތުގައި ޢަރަބި ބަސްތައް ޢަރަބި ބަހުން ލިޔެފައި ހުންނަ ހުރުމަކީ، ނޫކުލައިގެ އުޑުގައި ހުދު ތަރިތައް ފިޔަޖެހުމުން ލިބޭފަދަ ޒީނަތްތެރިކަން ދިވެހިބަހަށް ލިބޭ ކަމެކެވެ.

ދިވެހީންނާމެދު ލިޔެވުނު އެންމެ ފުރަތަމަ ތާރީޚު ފޮތް ލިޔެވުނީ ވެސް ޢަރަބިބަހުންނެވެ. އެއީ އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވި تاريخ اسلام ذيبة مهل އެވެ. ދިވެހީންގެ "ރިޓެން ހިސްޓްރީ" އަކީ ދިވެހީން އިސްލާމްވުމަށްފަހު ލިޔެފައިވާ ތާރީޚެކެވެ. އެއީ މާތްވެގެންވާ އިސްލާމްދީނުގެ ހަދިޔާއެކެވެ. އިސްލާމްދީނަކީ ޢިލްމީ ދީނެއް ކަމުގައިވާތީއެވެ. ކުރިން ހުރީ ހަމައެކަނި ގާގަލުގައި ލިޔެވިފައި ހުރި ލިޔުންތަކެކެވެ. މިއީ އޭރު އޮތް ދީނުގެ ދީނީ ލިޔުންތަކެވެ. އެޔަކަށް ޢިލްމީ ނަޒަރަކުން ތާރީޚެކޭ ނުކިޔޭނެއެވެ. ލޯފޮތިތަކުގައި ލިޔެވިފައި ވާ މަޝްހޫރު ލޯމާފާނުތަކާއި އަދި ރާދަވަޅިތަކަކީ ވެސް އިސްލާމް ވުމުގެ ފަހުގެ ލިޔުންތަކެވެ.
ދިވެހީން އިސްލާމް ވީއްސުރެ، މީގެ ފަސްދޮޅަހަކަށް އަހަރު ކުރިޔާ ހަމަޔަށް، ހުކުރު ޚުޠުބާ ވެސް ކީ ހަމަ ޢަރަބި ބަހުންނެވެ. ބޭރުގެ ދައުލަތްތަކާއި ދިވެހީން ރަސްމީ މުޢާމަލާތްތައް ކުރީ ވެެސް ހަމަ ޢަރަބި ބަހުންނެވެ. މި ގޮތުން އިނގިރޭސި ދައުލަތާ ވެސް ދިވެހީން ޢަރަބި ބަހުން ރަސްމީ މުޢާމަލާތްތައް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ދިވެހިބަހުގެ ވަޒަން ބަހުރުވައަށް ބަލާއިރު ވެސް ގިނަ ޅެންތައް ހުރީ ޢަރަބި "ޚަލީލީ" ވަޒަންތަކަށެވެ. މިއަދު ބަޔަކު ޢަރަބި ބަސްތައް ދިވެހިބަހުން ނެރެ ޢަރަބިކަރައަށް އަރުވާލުމަށް އަރުވާޖަހާފައި އުޅުނަސް އެއީ ވާނެކަމެއް ނޫނެވެ. އެއީ ފަރުބަދައެއްގައި ބަކަރިއެއް ދަޅުންޖެހުން ފަދަ ކަމެކެވެ. އެމީހުންނަށް ހަމަހިލާ އެކަން ނުކުރެވޭނެކަމުގެ އުފާވެރި ޚަބަރު ދެމެވެ.



advertisment
One Response
"މިއަދު ބަޔަކު ޢަރަބި ބަސްތައް ދިވެހިބަހުން ނެރެ ޢަރަބިކަރައަށް އަރުވާލުމަށް އަރުވާޖަހާފައި އުޅުނަސް އެއީ ވާނެކަމެއް ނޫނެވެ."
ekameh nuvaane. eiee arabi egoiy balainugannaanethee. ekamaku dhivehibas beleyne belevenee. lhadharinnah vaahaka dhakkan dhaskoh dhenee dhivessah nuvaa ingireysiah nuvaa bahakun. dhekunu rahthakuga rashubas dhookoh lhadharinnah dhaskoh dhenee liyekiyumah beynun kuraa bas modify koffa.