Support Us

އެޑިޓޯރިއަލް

ދިވެހީންގެ ޤައުމީ ދުވަސް

މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ ޙަޔާތުގައި ފާހަގަކުރާންޖެހޭ އެންމެ މުހިއްމު ދުވަހެވެ. ޤާނޫނުއަސާސީގައި ބަޔާންވެފައިވާ ހަމައެކަނި ދުވަހެވެ. އެއީ ޤައުމީ ޙަޔާތުގައި ލިބުނު އެންމެ މަތިވެރި ކާމިޔާބީ ލިބުނު މުހިއްމު ތާރީޚީ ދުވަހެވެ. އެހެނީ 15 އަހަރާއި ހަމަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ. އެ މަތިވެރި ފަޚުރު ދިވެހީންނަށް ޙާޞިލްކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްޚަތީބު ޙުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ. ބޮޑުތަކުރުފާނެވެ. އުތީމު މަހާރަދުންނެވެ. ޣާޒީ ބަންޑާރައިންނެވެ.

ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމި އޮންނާނީ އެ ޤައުމެއްގެ ދަރީންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާކުރެވިގެންނެވެ. ޤައުމު ޤައުމެއްގެ ގޮތުގައި ދެމިއޮވެގެން ނޫނީ މިނިވަންކަމެއް ނޯންނާނެއެވެ. މިނިވަންކަމެއް ނެތް ނަމަ، ރައްޔިތުންނަށް ހަމަޖެހިލައިގެން މިނިވަން ޖައްވަކަށް ނޭވާލެވޭކަށް ނޯންނާނެއެވެ. އެހެނީ ޤައުމު ޤައުމަކަށް ވަނީ، އެ ޤައުމުގައި ހިމެނޭ ބިމާއި ވަޔާއި ކަނޑާއި އަދި މުޅި ސަރަހައްދަށް ދިވެހީންގެ ސީދާ ބާރު އޮވެގެންނެވެ. ރައްޔިތުންގެ ކަންކަން އެ މީހުން ބޭނުންވާ ގޮތަކަށް ނިންމުމުގެ ފުރިހަމަ ބާރާއި އިޚުތިޔާރު އެ ބަޔަކަށް އޮވެގެންނެވެ. މި ދުވަސް ފާހަގަކުރަނީ ދިވެހީންގެ ހިތްތަކުގައި ޤައުމީ ރޫޙު ދިރުވައި އާލާކުރުމަށްޓަކައެވެ. އެއީ ޤައުމުގެ ޤައުމިއްޔަތު– ޤައުމިއްޔަތުގެ ހުރިހާ ބަހާތަކެއް ޙިމާޠަތްކުރުމުގެ ނިޔަތާއި ޢަޒުމު ދިވެހީންގެ ހިތްތަކުގައި ދެމެހެއްޓުމަށް ޓަކައެވެ. ދިވެހި ޤައުމިއްޔަތުގެ ބަހާތަކުގެ ތެރޭގައި މާތަވެގެންވާ އިސްލާމް ދީނާއި ދިވެހީންގެ މާދަރީ ބަސް ކަމުގައިވާ ދިވެހިބަހާއި އަޅުގަނޑުމެންގެ ރީތި ސަގާފަތާއި އާދަކާދަ ހިމެނިފައިވެއެވެ. އަދި މި ޒަމާނަށް ބަލާއިރު، ޑިމޮކްރެސީގެ ތެރެއިންނާއި އިންސާނީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ، އަދި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ނުވާ އެންމެހައި ޢުންޞުރުތައް ވެސް ހިމެނެނީ ޤައުމިއްޔަތުގެ ތެރޭގައެވެ.

މި ދެންނެވި ހުރިހާ ބަހާތަކެއް ރަމްޒުކޮށްދޭ ރަމްޒަކީ ދިވެހި ޤައުމީ ދިދައެވެ. ޤައުމީ ދިދައިން ރަމްޒުކޮށްދެނީ މާތްވެގެންވާ އިސްލާމްދީނާއި ޤައުމީ ތަރައްޤީއާއި ކުރިއެރުމާއި ޤައުމުގެ ރައްޔިތުންގެ ކެރުމާއި ޤައުމީ ބަޠަލުން ވެވަޑައިގަތް ޤުރުބާނީގެ ހަނދާންތަކެވެ. އަދި މުޖުތަމަޢުގައި އޮތް ބަދަހި ގުޅުމާއި ލޯތްބާއި މަވައްދަތެވެ. އެހެންކަމުން ޤައުމީ ދިދައިގެ ޙުރުމަތް ނެގެހެއްޓުމަކީ ވެސް ޤައުމީ ދުވަހު އަލުން ވިސްނައި އިޞްލާޙުކުރާންޖެހިފައިވާ ކަމެކެވެ. ޤައުމީ އޮޑީގައި އަބަދު ވެސް މިނިވަންކަމާއެކު ދިދަ ވިހުރުވެންޖެހޭނެކަން ރައްޔިތުންނަށް ހަނދާންކޮށްދިނުމަކީ ވެސް މުހިއްމު ކަމެކެވެ.

ދިވެހިރާއްޖޭގައި އިސްލާމީ ޢަޤީދާ ޙިމާޔަތްކުރުމަކީ ޤައުމަށް ޓަކައި އެންމެ މުހިއްމު މަސައްކަތެވެ. އެހެނީ ދިވެހި ޤައުމުގެ އަމާންކަމާއި އެއްބައިވަންތަކަން ދެމި އޮތީ އިސްލާމީ ވަޙުދަތު މި ޤައުމުގައި ދެމި އޮތީތީއެވެ. އަޅުގަނޑުމެންގެ އިޖުތިމާޢީ އެއްބައިވަންތަކަން ދެމި އޮތީ އަޅުގަނޑުމެންގެ މާދަރީ ބަހުގެ ސަބަބުންނެވެ. އަޅުގަނޑުމެންނަށް ސައްޔާޙުންނާއި ފަތުރުވެރީންގެ ދޫތަކުން ރީތި ނަންތަކާއި ތަޢުރީފު ލިބެމުންއައީ ދިވެހި ސަގާފަތުގެ ރީތި ސިފަތަކުގެ ސަބަބުންނެވެ. ވީމާ ޤައުމަށްޓަކައި މިކަން ދެމެހެއްޓުމަކީ ވެރީންނާއި ރައްޔިތުންގެ ކިބައިގައި އޮތް ދީނީ އަދި އިޖުތިމާޢީ ވާޖިބެކެވެ.

ކޮވިޑް19ގެ އާލަމީ ވަބާގެ ނުރައްކާތެރި ޙާލަތާ ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ދުވަސް މިއަހަރު ފާހަގަކުރެވޭ ގޮތް ނުވުމަކީ ޤައުމިއްޔަތާމެދު ސުވާލު އުފެދިފައިވާ މި ޒަމާނުގައި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. ދިވެހި ޤައުމިއްޔަތުގެ ބިންގާ ކަމަށްވާ މާތްވެގެންވާ އިސްލާމްދީނަށް ތަޙައްދީކޮށް ފުރައްސާރަކުރާ މީހުން މި ލޮބުވެތި ފަސްގަނޑުން ފާޅުވެ، އިސްއުފުލައިގެން އުޅޭކަމީ "ލަދުވެތި ނަމަވެސް" ހަގީގަތެވެ. އަދި މިފަދަ މީހުންގެ ޙިމާޔަތުގައި ދިވެހީންގެ ތެރެއިން "ބަޔަކު" ތެދުވެ ބަސްބުނާކަމީ ދެބަސްވެވެން ނެތް ހަގީގަތެވެ. މި ކަންކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވައިދެއްވައި އިސްލާމީ ވަޙުދަތު ޙިމާޔަތްކޮށްދެއްވުމަކީ ދިވެހި ރައްޔިތުންގެ އުއްމީދެވެ.
މި ކަންކަމާމެދު ފުންކޮށް ވިސްނައި އަޅުގަނޑުމެންގެ ޤައުމިއްޔަތު ޙިމާޔަތްކުރުމުގެ ޢަޒުމު އާކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޤައުމީ ވާޖިބެހެވެ. ޤައުމީ ޝަރަފު ކަމުގައިވާ އިސްލާމްދީން ޙިމާޔަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެކެވެ. ޤައުމިއްޔަތުގެ އެއް ބަހާ ކަމުގައިވާ ދިވެހިބަހާއި ދިވެހީންގެ ރީތި ސަގާފަތް ދިރުވައި އާލާކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. ދިވެހި ޤައުމިއްޔަތާއި މިނިވަންކަމާއި ސިޔާދަތުގެ ރަމްޒުކަމަށްވާ ދިދައިގެ ޙުރުމަތް ދެމެހެއްޓުމަކީ ހަމަ އެކަނި ސަރުކާރުގެ ޒިންމާއެއް ނޫނެވެ. މިކަމާމެދު ފުންކޮށް ވިސްނައި ޤައުމިއްޔަތު ޙިމާޔަތްކުރުމުގެ ޢަޒުމު އާކުރާން މިއަދަކީ އެންމެ އެކަށީގެންވާ ދުވަހެވެ.

ގައުމީ ދުވަހާ ގުޅިގެން "އަދިވެސް"ގެ ލޯގޯގެ ޚާއްސަ ފަރުމާއެއް މިވަނީ ތައާރަފުކޮށްފައެވެ. ޤައުމީ އެކިއެކި މުނާސަބަތުތަކާއި ޢާލަމީ މުނާސަބަތުތަކާ ގުޅިގެން ލޯގޯއަށް ވަގުތީ ބަަދަލެއް ގެނައުމަކީ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް ކުރާކަމެކެވެ. އެ މުނާސަބަތަކަށް ބައިވެރިވުންދީ، އެކަމެއްގެ މާނަތަކާއި މަޤުޞަދުތައް ދިރުވުމަށްޓަކައެވެ. "އަދިވެސް"ގެ ގައުމީ ދުވަހުގެ މި ލޯގޯ ފަރުމާކޮށްފައި މިވަނީ ދިވެހި ގައުމީ ދިދަ އާއި ކަޅުއޮއްފުންމިއެއް ހިމަނައިގެންނެވެ. ޝައްކެއް ނެތް ގޮތުގައި ޤައުމީ ދިދައިން ރަމްޒުކޮށްދެނީ މާތްވެގެންވާ އިސްލާމްދީނާއި ޤައުމީ ތަރައްޤީއާއި ކުރިއެރުމާއި ޤައުމުގެ ރައްޔިތުންގެ ކެރުމާއި ޤައުމީ ބަޠަލުން ވެވަޑައިގަތް ޤުރުބާނީގެ ހަނދާންތަކެވެ. އަދި މުޖުތަމަޢުގައި އޮތް ބަދަހި ގުޅުމާއި ލޯތްބާއި މަވައްދަތެވެ. ތާރީޚުން އެނގޭ ގޮތުގައި ކަޅުއޮއްފުންމިއަކީ ޤަދީމީ މިނިވަން ދިވެހިރާއްޖޭގެ އެންމެ ޚާއްޞަ އެއް ރަމްޒެވެ. އެއީ ދިވެހި ރާއްޖެއަށް ދައުލަތެއްގެ ނަންދެއްވައި ބޮޑެތި ކުރިއެރުންތައް ހޯއްދަވައިދެއްވި އަދި ރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންކޮށްދެއްވި ޤާއިދުލްޢަޢްޡަމް މުޙަންމަދުތަކުރުފާނުގެ ހަނގުރާމަމަތީ މަނަވަރެވެ. ދިވެހި ދިދަ އުފެދުމުގެ މާކުރީން ބޭނުންކުރެވުނު އެ އުޅަނދުގައި ނެގިފައި އެ ވަނީ ކުލަތައް ފުރިހަމަ ޒަމާނީ މިނިވަން ދިވެހި ދިދައެކެވެ. އުޅަނދުގެ ރިޔާ ހުރީ ވަޔަށް ފޮޅުވައިލައިފައެވެ. ފަޅުވެރީން ތިބީ ހޭލައެވެ. އޮޑި އޮތީ ހަލިދުވެލީގައެވެ.

ވީމާ އަދިވެސްގެ އަވަސް ފޮންޓާއި ދިވެހި ދިދަޔާއި ކަޅުއޮއްފުންމިން އުފައްދާ މާނަތަކަކީ ދިވެހީންނަކީ އޭރު ވެސް މިހާރު ވެސް މިނިވަންކަމަށް ލޯބިކުރާ އާ ވިސްނުންތަކުގެ އީޖާދީ ބައެއްކަމެވެ. އެ މީހުންގެ އަމާޒު އެ މީހުންނަށް ފެނެއެވެ. އެނގެވެ. ދެމި ތިބުމަށް ޓަކައި ކަނޑާއި އަތްވާއި ވާރޭގައި އަބަދު މެ ހިންމަތްކުރާނެެވެ.

މި ލޮބުވެތި ދިވެހި ޤައުމު ޤިޔާމަތާ ހަމައަށް އިސްލާމީ ހިދާޔަތުގައި ލެހެއްޓެވުމަކީ އަޅުގަނޑުމެންގެ އިޚުލާސްތެރި ދުޢާއެވެ. ދިވެހި ދައުލަތުގެ ތިން ބާރުގެ ވެރީންނަށާއި ދިވެހި ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް "އަދިވެސް"ގެ ލޮބުވެތި ކިޔުންތެރީންނަށާއި ޢިއްޒަތްތެރި ލިޔުންތެރީންނަށް ޤައުމީ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ވަރަށް އިޚުލާޞްތެރިކަމާއެކު އަރިސްކުރަމެވެ.

ޝުކުރިއްޔާ

މުހައްމަދުޝަހީބު
"އަދިވެސް"ގެ ސީ.އީ.އޯ އަދި ޗީފް އެޑިޓަރު