Support Us

އެޑިޓޯރިއަލް

އެޑިޓޯރިއަލް: އެންމެ ހިތްވަރުފުޅު ގަދަ ރައީސް– ދުނިޔޭގެ ރެކޯޑެއް

ވަގުތުގެ ގޮތުން ބަލާ އިރު، 14ގަޑިއިރާއި 54 މިނިޓުވަންދެން މެރަތަން އުޞޫލުން ނޫސްކޮންފަރެންސެއް ދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި އެހައި ގިނަ އިރު ކޮށްޅަށް ހުރުމަކީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރަށް "ފިޓު" މީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މި ކަން ކުރައްވައި ތާރީޚުގެ ތެރެއަށް ވެދެވަޑައިގެންފިއެވެ. އެ މަނިކުފާނު ހުރިހައި ގޮތަކުން ވެސް ފިޓްކަމާއި ސާބިތުކަމާއި ޢަޒުމުގެ ވަރުގަދަކަން މުޅި ދުނިޔެއަށް ސާބިތުކޮށްދެއްވައިފިއެވެ. މީގެ ކުރީން މި ފަދަ ރެކޯޑެއް އޮތް ކަމަށް ވަނީ ޔޫކްރޭނުގެ ރައީސް ޒެލެންސްކީގެއެވެ. އެ މަނިކުފާނު ވަނީ 2019ވަނަ އަހަރު 14 ގަޑިއިރުގެ ނޫސްކޮންފަރެންސެއް ދެއްވައިފައެވެ. އޭގެ ކުރީން ހަތް ގަޑިއިރުގެ ރެކޯޑެއް ބެލަރޫސްގެ އެންމެ ފުރަތަމަ ރައީސް އެލެގްޒެންޑަރ ގްރިގޮރިޔެވިޗް ލުކަޝެންކޯ 1990ގައި ވަނީ ހައްދަވައިފައެވެ.

ޢުމުރު ފުޅުން 46 އަހަރުގައި ރައީސް، ޑރ. މުހައްމަދު މުޢިއްޒު، މިހައި ގިނަ އިރު ވަންދެން ޕޯޑިއަމެއްގެ ކައިރީގައި ކޮޅަށް ހުންނަވައިގެން ނޫސްވެރީންގެ ސުވާލުތަކަށް، ހަމަ ހުރިހައި ސުވާލުތަކަކަށް، ޖަވާބުދެއްވުމުން ހަގީގަތުގައި ރައްޔިތުންނަށް އެނގި ހާމަވީ އެ މަނިކުފާނުގެ ހިތްވަރުފުޅުގަދަކަމާއި ސާބިތުކަމާއި ގާބިލުކަމެވެ. ޖުމްލަ 36 ނޫސްވެރިން ބައިވެރިވި އިއްޔެގެ ނޫސްކޮންފަރެންސްގައި 300 އަށްވުރެ ގިނަ ސުވާލުކޮށްފައިވެއެވެ. ބައެއް "ނޫސްވެރީން" ބޭއަދަބީ ރާގުގައި އަދި ބައެއް ފަހަރު ބޭއަދަބީކޮށް ދެންނެވި، ތާކުންތާކު ނުޖެހޭ ތަކުރާރު ސުވާލުތަކަށް ވެސް ރައީސް ޖަވާބުދެއްވަމުން ގެންދެވީ ހިނިތުންވެވަޑައިގެން ހުންނަވައި ހަމަޖެހިވަޑައިގަތުމާއެކުގައެވެ. ރައީސްގެ ކޯފާ އިސްކުރެއްވުމުގެ މަގުސަދުގައި ނަމަވެސް ނުވަތަ ވަކި އެއްޗެއް ރައީސްގެ އަނގަފުޅުން ނެރުއްވާން ބައެއް ނޫސްވެރީން ކުރި މަސައްކަތް ވެސް ނާކާމިޔާބުކޮށްލެއްވީ ފިސާރި ސާބިތުކަމާއި ހުނަރާއެކީގައެވެ.

އިއްޔެ ފާހަގަކުރި މި އަހަރުގެ ނޫސްވެރީންގެ ދުވަހު (މޭ މަހު ތިންވަނަ ދުވަހު) ހެނދުނު 10 ޖަހާ އެހާކަންހާ އިރު ފެއްޓެވި މި ނޫސްކޮންފަރެންސް ރޭ މެންދަމުން އަލިވެ 12:54ގައި ނިންމަވައިލެއްވީ މޫނުފުޅުން ކޯފާގެ އަސަރު ވެސް ފާޅުވިޔަނުދެއްވައެވެ. ނަމަވެސް މީސްމީޑިއާގައި މީހުން ހަދައިފައި ހުންނަ ދޮގުތައް އަސާސަކަށް ބައްލަވައިގެން ބައެއް ނޫންވެރީން ވަރަށް ޒާތީ ސުވާލު ވެސް ރައީސަށް ދެންނެވިއެވެ. ވީމާ ހަގީގަތުގައި ކޯފާވެސްވާނެއެވެ. ނަމަވެސް ރައީސްގެ ހިތްވަރުފުޅު ގަދަކަން އަޅުގަނޑަށް ސާބިތުވީ އެ ކޯފާގެ މައްޗަށް ގަދަވެވަޑައިގެން ހިނިތުންވެވަޑައިގެން އެ ހުރިހާ އިރު ހުންނެވި ހުންނެވުމުންނެވެ. ހަގީގަތުގައި އެއީ އާދަޔާ ޚިލާފު ހިތްވަރުފުޅެކެވެ. އެހެނީ ކީރިތި ރަސޫލާ ޙަދީސްކުރައްވައިފައިވަނީ، ((ليس الشَّديد بالصُّرعة ، إنما الشَّديد الذي يَملك نفسه عند الغضب)) (رواه البخاري ومسلم) މި ފަދައިންނެވެ. އާދޭހެވެ! "ގަދަފަދަ މީހަކީ، މީހަކާ ހިފައިގަނެގެން ގަދަވާ މީހާ ނޫން ކަމަށާއި ނަމަވެސް ވަރުގަދަ މީހަކީ ރުޅި އަންނަ ހިނދު އެ ރުޅީގެ މައްޗަށް ގަދަވެގަންނަ މީހާ"ކަމަށެވެ. އެހެންވީމާ ރައީސް މުޢިއްޒަކީ ވަރަށް "ގަދަފަދަ" އަދި އެހާމެ ވަރުގަދަ ބޭފުޅެއް ކަމަށް ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި އަޅުގަނޑަށް ދަންނަވާން ކެރިދާނެއެވެ.

އާދޭހެވެ! އެހާ ގިނަ އިރު ކޮށްޅަށް ހުންނެވޭނީ ވެސް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުންވެސް ވަރުގަދަފުޅު ބޭފުޅަކަށް ވާތީއެވެ. އެ ކަން އެ މަނިކުފާނުގެ ބަސްފުޅުންނާއި ޢަމަލުފުޅުން ވެސް ސާބިތުކޮށްދެއްވިއެވެ. ރުޅި އަރުވާން އުޅުނު މީހުން ރުޅި އައީ އަމިއްލައަށެވެ. ރައީސްގެ މޫނުފުޅުމަތީން ހިނިތުންވެވަޑައިގަތުމާއި ސާބިތުކަން ނޫންކަމެއް ނުފެނުނެވެ.

ވަރަށް ސުލޫކީ ނޫސްވެރިއަކު ރައީސަށް ސަހަރޯވެރިވެވަޑައިގެން ރައީސް ވެސް ވަރަށް ވަރުބަލިފުޅު ވެދާނެޔޭ ދެންނެވުމުން އޭގެ ރައްދުގައި ވިދާޅުވީ ތިމަންމަނިކުފާނު ވަރަށް ފިޓުފުޅުކަމަށެވެ. އެއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ހަގީގަތެކެވެ. ހަގީގަތުގައި ވެސް ރައީސަކީ ވަރަށް ފިޓު ބޭފުޅެއްކަން އެ މަނިކުފާނު އެ ވަނީ ދުނިޔެއަށް ހާމަކޮށްދެއްވައިފައެވެ.

ރައީސް މުޢިއްޒުގެ މި ހިތްވަރުފުޅުގަދަކަމާއި ސާބިތުކަމާ އެކު، ހެއްދެވި ދުނިޔޭގެ ރެކޯޑު، ދުނިޔޭގެ ގިނަ މީޑިއާތަކުން ވަނީ ފާހަގަކޮށް އެ ވާހަކަ ދައްކައިފައެވެ. ރައީސްގެ މި ނޫސްކޮންފަރެންސްގެ ވާހަކަ ފަހިކޮށް ރިޕޯޓުކޮށްފައިވާ ދުނިޔޭގެ މީޑިއާތަކުގެ ތެރޭގައި، "ފްރާންސް 24″އާއި "މިންޓް"އާއި "ޓައިމްސް އޮފް އިންޑިއާ"އާއި "ޓީއެންއެކްސް އެފުރިކާ"އާއި "ނިއުސްވަޔަރ"އާއި "ދަ ބިޒިނަސް ސްޓޭންޑަރޑް"އާއި "ރިޕަބްލިކް ވާރލްޑް"އާއި "އެންޑީޓީވީ"އާއި "ދަ ހިންދޫ"އާއި "ޕްރޯޕާކިސްތާނީ"އާއި "ބީބީސީ"އާއި "ދަ ޑެއިލީ ސްޓާރ" ފަދަ މަޝްހޫރު މީޑިއާތައް ހިމެނެއެވެ.

ނުރުހޭ ފަރާތްތަކުން ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ވާހަކަ ކޮންމެ ގޮތަކަށް ދެއްކިޔަސް ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި އިތުރުވެފައިވާކަމަށް ދުނިޔެ ގަބޫލުކުރެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުން ދެ ދަރަޖައިގެ ކުރިއެރުމެއް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ވަނީ ހޯއްދައިދެއްވައިފައެވެ. އެއީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އިތުރުވަމުން އަންނަކަމަށް ދުނިޔެ ގަބޫލުކުރާކަމުގެ ހެތްކެކެވެ.

ކޮންމެއަކަސް ރައީސްގެ ފިޓުކަމާއި "ގަދަފަދަކަން" މުޅި ދުނިޔެއަށް ސާބިތުކޮށްދެއްވައި ރާއްޖޭގެ ނޫސްވެރީން ހައިރާންކޮށް ވަރުބަލިކޮށްލައްވައިފިއެވެ. ރާއްޖޭގެ ރައްޔިތުންނަށް ތަރައްގީގެ އެތައް އުންމީދެއް އާވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާއަށް "އަދިވެސް" އެދެނީ ސާބިތުކަމާއި އިތުރު އަރުތައެވެ. މި ކަންކަން ފާހަގަކޮށް ރާއްޖޭގެ ރައީސްުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒަށް ނުހަނު އިޚުލާޞްތެރިކަމާއެކު، "އަދިވެސް"ގެ ޓީމުން ތަހުނިޔާ ދަންނަވަމެވެ. ހެޔޮ އެދުންތައް އަރިސްކުރަމެވެ.

ޝުކުރިއްޔާ!

މުހައްމަދު ޝަހީބު
އަދިވެސްގެ ސީއީއޯ އަދި ޗީފް އެޑިޓަރ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *